Advertisement

ސިވިލް ސާވިސް މުވައްޒަފުން އޮފީހުގައި އަށްގަޑިއިރު ހަމަކުރުމުން ނޫނީ އިތުރު ގަޑީގެ ފައިސާ ނުލިބޭ ގޮތަށް ހަދައިފި

31 އޮކްޓޯބަރު 2025 - 22:40 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސިވިލް ސާވިސް މުވައްޒަފުންތަކެއް: -- ފޮޓޯ: އަދަދު


ސިވިލް ސާވިސް މުވައްޒަފުން އޮފީހުގައި އަށްގަޑިއިރު ހަމަކުރުމުން ނޫނީ އިތުރު ގަޑީގެ ފައިސާ ނުލިބޭ ގޮތަށް ހަދައިފި

31 އޮކްޓޯބަރު 2025 - 22:40 3

ރަސްމީ ބަންދު ނޫން ދުވަސްތަކުގެ މަސައްކަތު ވަގުތުގައި މުވައްޒަފުންގެ އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި އުޅޭ ވަގުތު އުނިކުރުމަށްފަހު އަށް ގަޑިއިރު ހަމަވުމުން ނޫނީ އިތުރުގަޑީގެ އިނާޔަތް ނުލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކުގެ މިންގަނޑުތައް އިސްލާހުކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު ގެޒެޓުކުރި އިސްލާހުގައި ވާގޮތުން ދައުލަތުގެ މުވައްޒަފުންނަށް ދެން އިތުރު ގަޑީގެ އިނާޔަތް ލިބޭނީ ރަސްމީ މަސައްކަތުގައި އަށް ގަޑިއިރު ހަމަކޮށް އޭގެ އިތުރުން ހޭދަ ކުރާ ވަގުތުތަކަށް އެކަންޏެވެ. އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި އުޅޭ ވަގުތު، އަށް ގަޑިއިރު ގުނާއިރު ދެން ނުހިމަނާނެ އެވެ.

ނަމަވެސް އިސްލާހުގައި ވާގޮތުން ކެއުމާއި ނަމާދު ކުރުމާއި ދަރިން ބެލުމަށް އޮފީހުން ނުކުންނަ ވަގުތުތަކަކީ އަމިއްލަ ބޭނުމެއްގައި މަސައްކަތުގެ މާހައުލުން ބޭރުގައި އުޅުނު ވަގުތުކަމަށް ނުބެލޭނެ އެވެ.

އަލަށް އަމަލުކުރަން ފެށި އިސްލާހުގައި ވަނީ ރޯދަ މަހުގެ ފަހު 10 އަކާއި ރަސްމީ ބަންދުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ދުވަސްތަކުގައި އިތުރު ގަޑީގެ އިނާޔަތް، ރަސްމީ ބަންދު ދުވަސްތަކެކޭ އެއްގޮތަށް ހިސާބު ކުރަންޖެހޭ ގޮތަށް ހިމަނައިފަ އެވެ. އަދި އެ ދުވަސްތަކުގައި މުވައްޒަފުން ލައްވައި ކުރުވާ ހުރިހާ މަސައްކަތަކަށް އިތުރު ގަޑީގެ ފައިސާ ދޭންޖެހޭ ގޮތަށް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ.

ނަމަވެސް، ރަސްމީ ބަންދު ދުވަސްތަކުގައި ކުރުވާ ހުރިހާ މަސައްކަތަކަށް އިތުރު ގަޑީގެ ފައިސާ ދޭއިރު ވެސް މުވައްޒަފުން އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތު އުނިކުރަންޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

އަމިއްލަ ކަންކަމުގައި މަސައްކަތުގެ މާހައުލުން ބޭރުގައި އުޅޭ ވަގުތު މާނަކުރުމާއި ރިކޯޑު ކުރުން، ދައުލަތުގެ އިދާރާތަކަށް އެ އިސްލާހުގައި ލާޒިމުކޮށްފައިވެ އެވެ.