about 2 hours 0
ސާއިފް ޝިޔާދު
about 2 hours 0
ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމަށް ޕޭ ފްރޭމްވޯކަށް ޕޭ ކޮމިޝަނުން ގެނައި ބަދަލުގެ ސަބަބުން ލީގަލް އޮފިސަރުންގެ މުސާރައިގެ ގޮތުގައި ޖުމުލަ ޖެހޭ މިންވަރު މަދުވެފައިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި ބަދަލު ގެނައުމުގެ ކުރިން ލީގަލް އޮފިސަރުންގެ މުސާރަ ކަނޑައަޅާފައި އޮތީ ޑިސެމްބަރު، 2017، ގައި އާންމުކޮށްފައިވާ އޮނިގަނޑެއްގެ ދަށުންނެވެ. އެ އޮނިގަނޑުގެ ދަށުން ކައުންސިލްތަކުގެ ލީގަލް އޮފިސަރުންނަށް މުސާރައިގެ ގޮތުގައި 19،167ރ. ލިބޭއިރު ސިވިލް ސާވިސްގެ ލީގަލް އޮފިސަރުންނަށް 17،127ރ. ލިބެ އެވެ.
ނަމަވެސް، އަލަށް ގެނައި ބަދަލުގެ ސަބަބުން ކައުންސިލްތަކުގެ ލީގަލް އޮފިސަރުންގެ މުސާރަ 18،920ރ. އަށް ވަނީ ދަށްވެފަ އެވެ. ސިވިލް ސާވިސް އޮނިގަނޑުގައި ހިމެނޭ ލީގަލް އޮފިސަރުންގެ މުސާރައަށް ކުޑަ ހެޔޮ ބަދަލެއް ވަނީ އައިސްފަ އެވެ.
މަޖިލީހަށް ހުށަހެޅި މައްސަލާގައި ވަނީ ލީގަލް އޮފިސަރުންނަށް ނޮން ޕްރެކްޓިސް އެލަވަންސެއް ކަނޑައަޅާފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އޭގެ އިތުރުން މުވައްޒަފުންގެ ތަޖުރިބާ އާއި ހިދުމަތް ކޮށްފައިވާ މުއްދަތަށް ބަލާފައި ދޭ ސްޓެޕް އެލަވަންސް ނުދޭތީ ވެސް އެ ޕެޓިޝަނުގައި ކަންބޮޑުވުން ހިއްސާކޮށްފައިވެ އެވެ.
ލީގަލް އޮފިސަރުންގެ މަގާމުގެ ރޭންކު ދަށްކޮށްފައިވާ ކަމަށާއި އެއީ ލީގަލް އޮފިސަރުންގެ ތައުުލީމީ ފެންވަރަށާއި އުފުލަން ޖެހޭ ޒިންމާތަކާ މަސްއޫލިއްޔަތުތަކާ އަޅާބަލާއިރު ބޭއިންސާފެއް ކަމަށް ވެސް އެ ޕެޓިޝަނުގައި ބުނެފައިވެ އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ސްޕޮންސާކޮށް މަޖިލީހަށް ހުށަހެޅި މި ޕެޓިޝަނުގައި އެކި އިދާރާތަކުގައި މަސައްކަތް ކުރާ 84 ލީގަލް އޮފިސަރުން ސޮއިކޮށްފައިވެ އެވެ.
Comment