Advertisement

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ބައްސާމް އިތުރު ފަސް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

30 އޮކްޓޯބަރު 2025 - 16:50 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަލީ ޖަލީލް -- ފޮޓޯ: އަދަދު


މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ބައްސާމް އިތުރު ފަސް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

30 އޮކްޓޯބަރު 2025 - 16:50 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލައިގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓުން އަނެއްކާވެސް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި 154،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ބައްސާމްގެ މައްޗަށް ދައުލަތުން އުފުލީ ދެ ދައުވާ އެކެވެ. އެއީ ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މިއަދު ހުކުމް ކުރީ އޭގެތެރެއިން މަނީ ލޯންޑަރިންގެ ކުށުގެ މައްސަލައިގަ އެވެ.

ދައުލަތުން އެދުނީ އެ މައްސަލައިގައި އެންމެ ހަރުކަށި އަދަބު ބައްސާމްއަށް ދިނުމަށެވެ. އެއީ 15 އަހަރަށް ޖަލަށް ލުމާއި 50،000ރ. ޑޮލަރުން އޭނާ ޖޫރިމަނާ ކުރުމެވެ. ނަމަވެސް ބައްސާމްގެ ފަރާތުން ކޯޓުގައި އެދުނީ އޭނާގެ ކުށުގެ ރިކޯޑެއް ނެތުމުން އަދަބު ލުއިކޮށްދިނުމަށެވެ.

ފަސް އަހަރަށް ޖަލަށް ލުމަށާއި 154،000ރ. އިން އޭނާ ޖޫރިމަނާ ކުރަން ކޯޓުން އަމުރު ކުރީ އެ ވާހަކަތައް އަޑުއެއްސެވުމަށްފަހު އެވެ. ބައްސާމް ޖޫރިމަނާ ކުރި އަދަދަކީ 10،000 ޑޮލަރަށްވާ ދިވެހި ފައިސާ އެވެ.

ބައްސާމްގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލީ 2018 ވަނަ އަހަރު ފީފާއިން ދިން ޑޮލަރުތަކެއްގެ ތެރެއިން 9،999 ޑޮލަރުގެ އޭނާގެ އެކައުންޓަކަށް ޖަމާކުރި މައްސަލައެއްގަ އެވެ.

އެ 9،999 ޑޮލަރަކީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ބައްސާމް ހުންނެވިއިރު، ބޭންކް އޮފް ސިލޯނުގައި ހުންނަ އެފްއޭއެމްގެ އެކައުންޓަކަށް ފީފާއިން ޖަމާކުރި 10،000 ޑޮލަރު، ލިޔުންތަކެއް ހުށަހަޅައިގެން ބީއެމްއެލްގައި ހުންނަ ބައްސާމްގެ އެކައުންޓަށް ބަދަލު ކުރި ފައިސާ އެވެ.

ބައްސާމްގެ އެކައުންޓަށް 9،999 ޑޮލަރު ޖަމާވެފައިވަނީ ބޭންކު ޗާޖުތައް އުނިކުރުމަށްފަހު އެވެ.

ދައުލަތުން ބުނެފައި ވަނީ ބައްސާމް އެކައުންޓަށް ޖަމާކުރި 9،999 ޑޮލަރުގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން މައުރީންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް، އެ ކުންފުނީގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ބައްސާމް ދިރިއުޅުނު ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށް އެ ފައިސާ ބޭނުންކުރި ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މީގެ ކުރިން އޮކްޓޫބަރު 8، ގައި އެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށް ބައްސާމްގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އެ ދުވަހު ކޯޓުން ހުކުމް ކުރީ އޭނާ ހަތަރު އަހަރަށް ޖަލަށް ލާންށެވެ.

ބައްސާމްގެ މައްޗަށް ދެ ފަހަރު މަތިން ނުވަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުއިން އޭނާ ޕެންޓްހައުސްއެއް ގަތް މައްސަލައިގެ ޝަރީއަތް ވެސް މިދިޔަ ސެޕްޓެމްބަރު 10، ގައި ވަނީ ފަށައިފަ އެވެ.

އެ މައްސަލައިގައި ބައްސާމްގެ މައްޗަށް ތުހުމަތުކުރަނީ ފީފާއިން ފޮނުވި ފައިސާ، އެހެން ކުންފުނިތަކުގެ އެކައުންޓަށް ފޮނުވުމަށް ފަހު، އެ ކުންފުނިތައް މެދުވެރިކޮށް ޕެންޓްހައުސް ގަންނަން 25 މިލިއަން ރުފިޔާ އަމީން ކޮންސްޓްރަކްޝަނަށް ދެއްކި ކަމަށެވެ. އެ މައްސަލައިގައި ވެސް އެނާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ދައުލަތުން ވަނީ އެ މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު ނެގުމަށާއި ޕެންޓްހައުސް ވެސް ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ.

ބައްސާމްގެ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލުމަކީ އަދި އެކަށީގެންވާ ކަމެކެވެ.