30 އޮކްޓޯބަރު 2025 - 16:17 0
އަހުމަދު އާއިދު
ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު: އެ މިނިސްޓްރީއަށް ލިބޭ ބަޖެޓުގެ 77 ޕަސެންޓު ހަރަދުކުރަނީ އެމްބަސީތަކަށް ---- ފޮޓޯ: ރައީސް އޮފީސް
30 އޮކްޓޯބަރު 2025 - 16:17 0
އަންނަ އަހަރަށް ލަފާކޮށް މިއަދު ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ފޮރިން މިނިސްޓްރީއަށް ދޭން ނިންމާފައި އޮތް އަދަދުގެ 77 ޕަސެންޓު ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކާއި، ހައި ކޮމިޝަންތަކާއި ކޮންސުލޭޓު އަދި މިޝަންތަކަށް ކުރާ ހަރަދު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ފޮރިން މިނިސްޓްރީއަށް ދޭން ހިމަނާފައިވަނީ ޖުމްލަ 349 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން މިނިސްޓްރީގެ ހަރަދުތަކަށް ދާނެ ކަމަށް ލަފާކޮށްފައިވަނީ 78.6 މިލިއަން ރުފިޔާ އެވެ. ބާކީ 270 މިލިއަން ރުފިޔާ އަކީ ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކާއި، ހައި ކޮމިޝަން ތަކާއި ކޮންސުލޭޓު އަދި މިޝަންތަކަށް ކުރާ ހަރަދެވެ.
ހައި ކޮމިޝަންގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކުރަނީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީ އަށެވެ. ދެވަނައަށް ސްރީލަންކާގައި ހުންނަ އެމްބަސީ އަދި ތިންވަނައަށް އެންމެ ބޮޑު ހަރަދެއް ކުރަނީ އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަން އަށެވެ.
ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. މީގެ ތެރޭގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު ބޮޑުކުރަން ނިންމި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
އަންނަ އަހަރު 40 އަކަށް ބިލިއަން ރިކަރަންޓު ހަރަދަށް ބަޖެޓުކުރިއިރު، މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު އިންތިހާއަށް މަތިވެފައިވާ ކަމަށް އިދިކޮޅުން ދަނީ ތުހުމަތުކުރަމުންނެވެ. ސިޔާސީ މުވައްޒަފުންގެ އަދަދަކީ 922 ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އެ އަދަދު ނޫސްވެރިންނާއި އިދިކޮޅު ސިޔާސީން ގަބޫލެއް ނުކުރެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment