Advertisement

ސްޕަލެއްޓީ އަށް ލިބުނު އޮފާ ރަނގަޅުވުމުން ޔުވެންޓަސްއާ ހަވާލުވަނީ

30 އޮކްޓޯބަރު 2025 - 09:17 0


ސްޕަލެއްޓީ އަށް ލިބުނު އޮފާ ރަނގަޅުވުމުން ޔުވެންޓަސްއާ ހަވާލުވަނީ

30 އޮކްޓޯބަރު 2025 - 09:17 0

ޓިއުރިން (އޮކްޓޫބަރު 30) - ހުސްވެފައިވާ ޔުވެންޓަސްގެ ކޯޗުގެ މަގާމަށް އަންނަން އިޓަލީ ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗު، ލޫޝިއާނޯ ސްޕަލެއްޓީ އަށް ލިބުނު އޮފާ ރަނގަޅުވުމުން އެ ބަލައިގަންނަން އޭނާ ނިންމާފައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެންމެ ފަހުން ޔުވެންޓަސްއާ ހަވާލުވި ދެ ކޯޗުންނަށް ވެސް މަގާމުގައި އަަހަރެއް ވެސް ހޭދަނުކުރެވުނެވެ. އެ ގޮތުން، ތިއާގޯ މޮޓާ މަގާމުން ވަކިކުރީ ނުވަ މަސް ތެރޭގަ އެވެ. އަދި، މޮޓާ އަށް ފަހު ޔުވެންޓަސްއާ ހަވާލުވި އީގޯ ޓޫޑޯ އަށް ވަޒީފާ ގެއްލުނީ ހަތް މަސް ތެރޭގަ އެވެ.

ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވާނެ ކޯޗެއްގެ ވާހަކަތައް މީޑިއާގައި ދެކެވެމުން އަންނައިރު، އެންމެ ބޮޑަށް އަޑުފެތުރިފައިވަނީ، ރޮބާޓޯ މަންޗިނީ އާއި ސްޕަލެއްޓީއާ ބެހޭގޮތުންނެވެ. އެންމެ ފުރަތަމަ ސްޕަލެއްޓީއާ ޔުވެންޓަސްގެ ވަޒީފާއާ ގުޅޭގޮތުން ސުވާލުތައް ކުރިމަތިވުމުން ސީދާ ޖަވާބެއްދޭން ދެކޮޅު ހެދި އެވެ. އެކަަމަކު، މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސްޕަލެއްޓީ ބޭނުންވާ ގޮތަށް ކޮންޓްރެކްޓް ދޭން ޔުވެންޓަސް އިން އެއްބަސްވުމުން، ދެން އެ ކްލަބްގެ ކޯޗަކަށް އަންނާނީ ސްޕަލެއްޓީ ކަން ވަނީ ކަށަވަރުވެފަ އެވެ.

ނަޕޯލީ އަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ސްޕަލެއްޓީ، ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވަނީ މި ސީޒަނުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ.

މި އަހަރުގެ ޖޫން މަހު އިޓަލީ ގައުމީ ޓީމުން ވަކިކުރި ސްޕަލެއްޓީ ވަނީ ދެ ފަހަރެއްގެ މަތިން ރޯމާ އަށް ކޯޗުކޮށްދިނުމުގެ އިތުރުން އިންޓަ މިލާނާއި ނަޕޯލީގެ އިތުރުން ރަޝިއާގެ ޒެނިޓް ޕީޓާސްބާގް އަށް ވެސް ކޯޗުކޮށްދީފަ އެވެ.