Advertisement

މިދިޔަ އަހަރު ބަޖެޓުން ބޭރުން ފެނަކައަށް 500 މިލިއަން ރުފިޔާ ދޫކުރި

28 އޮކްޓޯބަރު 2025 - 12:10 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


މިދިޔަ އަހަރު ބަޖެޓުން ބޭރުން ފެނަކައަށް 500 މިލިއަން ރުފިޔާ ދޫކުރި

28 އޮކްޓޯބަރު 2025 - 12:10 0

ދައުލަތުގެ ބަޖެޓުގައި ނުޖަހައި މިދިޔަ އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 500 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އަންނަނީ ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓު ރިޕޯޓު ދިރާސާކުރަމުންނެވެ. އޮޑިޓު އޮފީހުން ފެނަކައިގެ ހާއްސަ އޮޑިޓު ރިޕޯޓު ނެރުނީ ސެޕްޓެމްބަރު 26، ގަ އެވެ. އެ ރިޕޯޓުގައި ހުރި ކަންކަން ތަހުގީގުކޮށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު ވެސް އޮތީ މާލިއްޔަތު ކޮމިޓީގަ އެވެ.

އެ ބައްދަލުވުމުގެ ތެރެއިން މިދިޔަ އަހަރު ފެނަކައަށް ލިބުނު ފައިސާގެ ވާހަކަ ހާމަކުރެއްވީ ކޮމިޓީގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު އެވެ. އެއީ އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މައްސަލަ ބެލުމަށް ކޮމިޓީއިން ގަރާރަށް ދޭ ޖަވާބުގައި ހިމެނުމުން އެއީ ޒާތީ ކަމެއްގެ ގޮތުގައި ސިފަކޮށް ޝަމްހީދު ދެއްކެވި ވާހަކަތަކުގަ އެވެ.

"މި އަހަރުގެ ބަޖެޓުގެ ރިޕޯޓާ 2024 ވަނަ އަހަރުގެ ބަޖެޓު ހޭދަކުރި ގޮތަށް ބަލާއިރު ފެނޭ 500 މިލިއަން ރުފިޔާ މިދިޔަ އަހަރު އޭރުގައި ހުރި ފިނޭންސް މިނިސްޓަރު ހަމަ ބަޖެޓުން ބޭރުން 500 މިލިއަން ފެނަކައަށް ދީފައި އޮތްކަން. އެހެން ކަމަށްވަންޏާ ހަމަ އެ މައްސަލަ މިއާ އެކީގައި ބެލެން ޖެހޭނެ،" ޝަމްހީދު ވިދާޅުވި އެވެ.

އަމީރުގެ މައްސަލަ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ހާއްސަ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދައިދިނީ އޭނާ ކަމަށް ތުހުމަތުކޮށެވެ. އެ ފައިސާއަކީ ފެނަކައިގެ ހިންގުން ނުހުއްޓި ކުރިއަށްގެންދިޔުމަށް ސަރުކާރުން ހޯދައިދިން ފައިސާ އެވެ.

"މިހާރުގެ ފިނޭންސް މިނިސްޓަރު ވެސް ކުއްލިއަކަށް ބަޖެޓުން ބޭރުން، ބަޖެޓުގައި ނުޖައްސަވައި ދެއްވާފައި އެބައޮތް، އެކަން ނުބަލަންޏާ އަޅުގަނޑަށް ހިވަނީ 5.2 ގައި އޮތް ކަންކަން ބެލުމަކީ ޒާތީ ގޮތުން ވަކި ބަޔަކަށް އިނގިލި ދިއްކުރަން ކުރާ ކަމެއްގެ ގޮތުގައި،" ޝަމްހީދު ވިދާޅުވި އެވެ.

ފެނަކައަށް އިސްލާމިކް ބޭންކް މެދުވެރިކޮށް 400 މިލިއަން ރުފިޔާގެ ލޯނު ނަގައިދިނުމާއި، ފިނޭންސުން 618 މިލިއަން ރުފިޔާ އަދި އިތުރު 231 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ހޯދައިދިނީ އަމީރު ކަމަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ މާލިއްޔަތު ކޮމިޓީން ފާސްކުރި ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ.

މި ސަރުކާރުން ފެނަކައިގެ ހިންގުން ރަނގަޅުކުރާނެ ކަމަށް ވައުދުވި ނަމަވެސް މިހާތަނަށް އެކަމުގައި މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވެ އެވެ. ރަށްރަށުން ކަރަންޓު ކެނޑުމާއި އެ ކުންފުނީގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަންގެ އަޑުތައް އަންނަނީ ގަދަވަމުންނެވެ.