Advertisement

ވީއައިއޭގެ ސެކިއުރިޓީ ފޫއަޅުވާލައި ފައިސާ ފޭރުނު މައްސަލާގައި ހަތަރު މީހުން ހައްޔަރުކޮށްފި

27 އޮކްޓޯބަރު 2025 - 13:30 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ޑިޕާޗާ ސަރަހައްދު. ފޭރުނީ ދިވެހި ފަސިންޖަރުންނަށް ބީއެމްއެލްގެ ކައުންޓަރުން ދޫކުރުމަށް ގެންދިޔަ ލައްކައެއްހާ ޑޮލަރު --- ފޮޓޯ: ވީއައިއޭ


ވީއައިއޭގެ ސެކިއުރިޓީ ފޫއަޅުވާލައި ފައިސާ ފޭރުނު މައްސަލާގައި ހަތަރު މީހުން ހައްޔަރުކޮށްފި

27 އޮކްޓޯބަރު 2025 - 13:30 0

މާސްކް އެޅި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ, ބީއެމްއެލްގެ މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުނު މައްސަލާގައި ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.

ފައިސާ ފޭރުނު މީހުން އެއާޕޯޓުން ފިލީ ލޯންޗެއްގަ އެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެ ލޯންޗު ހޯދައި ހަތަރު މީހުން ހައްޔަރުކުރިކަން ކަށަވަރުކޮށްދީފަ އެވެ.

ބީއެމްއެލްގެ މުވައްޒަފުން އަތުން ފޭރިގަތީ 100،000 އަށްވުރެ ގިނަ ޑޮލަރެވެ. އެ ވަގުތު އެ މީހުންނާއެކު ފުލުހުންގެ ސެކިއުރިޓީއެއް ނެތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބީއެމްއެލްގެ ސްޓާފުން ޑޮލަރު ހުރި ބްރީފް ކޭސް ގެންދިޔައީ ވީއައިއޭގެ ބައު ޓާމިނަލުން މި އަހަރު ހުޅުވި ޓާމިނަލުގައި ހުންނަ ޑޮލަރު ކައުންޓަރަށެވެ.

ޑޮލަރުތައް ހުރި ބްރީފް ކޭސް ޖަހައިގަތީ ދެ ޓާމިނަލު ދެމެދު އޮންނަ ވޯކްވޭ އިން ކަމަށް މައުލޫމާތު ލިބެ އެވެ.

މި ވައްކަމުގައި ބައިވެރިވީ މި ހަތަރު މީހުން އެކަނި ކަމެއް ސާފެއް ނޫނެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ފުރަތަމަ ފޮނުވި މެސެޖުގައި ބުނީ މައްސަލަ ފުލުހަށް ރިޕޯޓު ކުރީ ރޭ ފަތިހު 4:45 ހާއިރު ކަމަށެވެ. މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ބެލެވޭ ގޮތުގައި މިއީ ރޭވިގެން ހިނގި ވައްކަމެކެވެ. މިއީ މި ފަހުން ރޭވިގެން މިފަދައިން ހިނގި ދެވަނަ ވައްކަމެވެ.

އެގޮތުން މި އޮކްޓޯބަރު 8، ވަނަ ދުވަހުގެ ރޭ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓުގެ ވަނީ ވަގަށް ނަގާފަ އެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިނގިރޭޓު ދެ ކޮންޓެއިނަރު ވަގަށް ނެގީ މީގެ ދެ މަސްދުވަސް ކުރިންނެވެ.

އެއީ އޭޕްރީލް މަހު ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރޭޓުތަކުގެ ޑިއުޓީއަށް ވެސް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.