27 އޮކްޓޯބަރު 2025 - 12:15 0
27 އޮކްޓޯބަރު 2025 - 12:15 0
އަންހެނުން ދަރިމައިވާ ނިސްބަތް، އެމީހުންގެ އުމުރުން 35 އަހަރުން މައްޗަށް ދިޔައިމާ އާންމު ގޮތެއްގައި ދަށްވާން ފަށައެވެ. މީގެ މާނައަކީ އަންހެން މީހާގެ އުމުރުން 35 އަހަރުން ފެށިގެން، އޭނާ ބަލިވެ އިނުމުގެ ފުރުސަތު، މަހަކުން މަހަކުން ދާނީ ދަށްވަމުންނެވެ. މިއީ އާދަޔާ ހިލާފު ކަމެއް ނޫނެވެ. އާންމު ކަމެކެވެ.
އެތައް ޒަމާނަކުން ސުރެ ސައެންސްވެރިން ވެސް ގަބޫލުކުރަމުން އައީ، މިގޮތް މެދުވެރިވަނީ، އުމުރުން މަތިވަމުން ދާ ވަރަކަށް، އަންހެނާގެ ބިހުގެ ފެންވަރު ދަށްވާތީ ކަމަށެވެ. މިއީ ގަބޫލުކުރަން ފަސޭހަ ވިސްނުމެކެވެ. ސަބަބަކީ، އަންހެނާ ދުނިޔެއަށް އަންނަނީ، އޭނާގެ އޯވަރީން ނުކުންނާނެ ހުރިހާ ބިހަކާ އެކުގައި ކަމަށްވެފައި، އިއްދައިން ކެނޑުމުގެ އުމުރާ ކައިރިވަމުންދާ ވަރަކަށް، އޯވަރީގައި ހުންނަ ބިހުގެ އަދަދު ވެސް މަދުވަމުން ދާނެތީއެވެ. އެހެންކަމުން ބިސްފަތީގެ ނިމޭކޮޅުގައި ހުންނަ ބިސްތަކުގެ ފެންވަރު ވެސް ދަށްވެދާނެ ކަމަށް ބުއްދި ގަބޫލުކުރެއެވެ.
ނަމަވެސް ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި މި ކަމުގެ ހަގީގަތް ގުޅިފައި އޮތީ ބިހުގެ ފެންވަރަކާ ނޫނެވެ. އަންހެނާގެ އޯވަރީގެ ދުޅަހެޔޮކަމާ އެވެ. އަންހެނާ ބަލިވެއިންނަ ނިސްބަތް ދަށްވުމުގައި މުހިންމު ދައުރެއް އަދާކުރަނީ، އޭނާގެ އޯވަރީގެ ސެލްތަކާއި ޓިޝޫތަކެވެ.
އަންހެނުން ދަރިމައިވުމުގައި ދިމާވާ މައްސަލަތައް ދިރާސާކުރުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި ސައެންސްވެރިން ފާހަގަކުރެއެވެ. އެއީ، އެފަދަ ދިރާސާތަކަށް ބޭނުންވާ މާލީ ތަނަވަސްކަން ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން އެކަންޏެއް ނޫނެވެ. މިކަމުގައި ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ދިރާސާތަކުގައި ބޭނުންކުރާނެ އޯވަރީ އާއި އޯވަރީގެ ޓިޝޫ ހޯދުން ދަތިވުމެވެ.
މިފަދަ ހާލަތްތަކުގައި ސައެންސްވެރިން ދިރާސާތައް ކުރަނީ، އިންސާނުންގެ ބަޔޮލޮޖިކަލް ސިފަތަކާ އެންމެ އެއްގޮތް ޖަނަވާރުތައް ބޭނުންކޮށްގެން ލެބޯޓެރީތަކުގައެވެ. ނަމަވެސް އެފަދަ ޖަނަވާރުތައް ބޭނުންކޮށްގެން ވިޔަސް، ދަރިމައިވުމުގެ މައްސަލަތަކުގެ ދިރާސާތައް ކުރުން ފަސޭހައެއް ނޫނެވެ. ސަބަބަކީ، އިންސާނުން ފަދައިން މައްސަރުކަންތައް މެދުވެރިވާ ޖަނަވާރުތައް މަދުކަމުންނެވެ.
އިންސާނުން ފަދައިން، ވަކި ގަވާއިދަކުން މައްސަރުކަންތައް މެދުވެރިވާ ހަމައެކަނި ޖަނަވާރަކީ ކަނޑުގައި އުޅޭ ވޭލްގެ ބައެއް ވައްތަރުތަކެވެ. އޭގެ ތެރޭގައި އޮރްކާސް (ކިލާ ވޭލް) އާއި ބެލޫގާ ވޭލް ހިމެނެއެވެ. އިންސާނުން ފަދައިން މައްސަރުކަންތައް މެދުވެރިވާ ޖަނަވާރުގެ އަދަދު މަދު ނަމަވެސް، އޯވަރީގެ ސިފަތައް އިންސާނުންގެ އޯވަރީގެ ސިފަތަކާ އެއްގޮތް ޖަނަވާރުތައް ވަރަށް ގިނައެވެ.
މި ދިރާސާގައި ވެސް، ސައެންސްވެރިން މީދާތައް ބޭނުންކުރީ، އެސޮރުމެންގެ އޯވަރީގެ ބަޔޮލޮޖިކަލް ސިފަތަކާއި އިންސާނުންގެ އޯވަރީގެ ބަޔޮލޮޖިކަލް ސިފަތައް އެއްގޮތް ކަމުންނެވެ. މި ދިރާސާކުރީ އުމުރުން ދުވަސްވީ މީދަލުގެ އޯވަރީންނާއި ޒުވާން މީދަލުގެ އޯވަރީން ނެގި ޓީޝޫތަކާއި، އުމުރުން ވިހީގެ އަހަރުތަކާއި ތިރީހުގެ އަހަރުތަކާއި ފަންސާހުގެ އަހަރުތަކުގެ އަންހެނުންގެ އޯވަރީން ނެގި ޓިޝޫތައް އަޅާކިޔައިގެންނެވެ.
އެއަށް ފަހު، ތްރީޑީ އިމޭޖިން ބޭނުންކޮށްގެން، އެ ޓިޝޫތަކުގައިވާ ސެލްތަކުގެ ޖީން ޕްރޮފައިލް ހަދައިގެން ތަފާތު ސެލްތަކުގައިވާ ސިފަތައް ދެނެގަނެ، އެމީހެއްގެ ހަޔާތުގައި އެ ސެލްތަކުން އަދާކުރާ ދައުރުގެ ޗާޓެއް އެކުލަވައިލިއެވެ. މި ގޮތަށް އަޅައިކިޔައިގެން ކުރި ދިރާސާއިން، އިންސާނުންގެ އޯވަރީ އާއި މީދަލުގެ އޯވަރީ މަސައްކަތްކުރާ ގޮތާއި އުމުރުން ދުވަސްވުމުން އަންނަ ބަދަލުތަކުގެ އެއްގޮތްކަމާއި ތަފާތުތައް ދެނެގަނެވުނެވެ.
އެހެންކަމުން މި ދިރާސާއިން އެނގުނު އެންމެ މުހިންމު ކަމަކީ، އިންސާނުންގެ ދަރިމައިވުމުގެ މައްސަލަތައް ދިރާސާކުރާ އިރު، ބޭނުންކުރަންވީ ކޮން ވައްތަރެއްގެ މީދަލެއް ކަމެވެ. އޭގެ އިތުރުން، އިންސާނުންނާއި މީދަލުގެ ވެސް ދުވަސްވީ ބިހުގެ އެއްގޮތްކަން ބޮޑުކަމާއި، ޅަ ބިހުގެ ތަފާތުތައް ބޮޑުކަން ވެސް ފާހަގަކުރެވުނެވެ.
މި ދިރާސާގެ ނަތީޖާއަށް ބަލައި، ކުރިމަގުގައި ކުރާ ދިރާސާތަކުގައި އަންހެނުންގެ އޯވަރީގެ ސެލްތަކާއި ޓިޝޫތަކުގެ ޒަރީއާއިން، ދަރިމައިވުމުގެ މައްސަލައަށް އިތުރު ފަރުވާތައް ހޯދިދާނެ ކަމުގެ އުންމީދު އެބަ އޮތެވެ.
Comment