27 އޮކްޓޯބަރު 2025 - 12:11 0
27 އޮކްޓޯބަރު 2025 - 12:11 0
ކޮންމެ ދުވަހަކު ދަތްތައް އުނގުޅައި ސާފުކޮށް ބެލެހެއްޓުމަކީ، އެކަމަށް ވަގުތުތަކެއް ހޭދަވާ އަދި ބުރަ ކަމެކެވެ. ކުރާ ހިތުން ކުރިޔަސް ނުވަތަ އެނޫން ގޮތެއް ނެތިގެން ކުރިޔަސް، ފުރިހަމަ ގޮތުގައި ދަތް އުނގުޅައި ދަތްތައް ބެލެހެއްޓުމަކީ އެކަކަށް ވެސް ފުރިހަމައަށް ކުރެވޭ ކަމެއް ނޫނެވެ.
އެކަމުގެ ހެއްކަކީ ކޮންމެ މީހެއްގެ ދަތްތަކުގައި ވެސް ކޮބަޑި ޖެހުމާއި ދަތް ފަނިކެއުމާއި ހިރުގަނޑު ގިރުން ފަދަ ކަންތައް މެދުވެރިވުމެވެ. މިއިން މައްސަލައެއް ދިމާނުވާ އެކަކު ވެސް ނުހުންނާނެއެވެ. ބައެއް މީހުންނަށް މި ހުރިހާ މައްސަލައެއް ވެސް ކުރިމަތިވެއެވެ. އަދި އެކި މީހުންނަށް އެކި މިންވަރަށެވެ.
ދަތް އުނގުޅުމަކީ ކުރަން ބޭނުންނުވާ ފޫހި ކަމަކަށް ވިޔަސް، ބަރާބަރަށް ދަތްތައް އުނގުޅައި އަނގަތެރެ ސާފުކޮށް ބެލެހެއްޓުމަކީ، ސިއްހީ އެހެން ނުރައްކާތަކަކުން ސަލާމަތްވުމަށްޓަކައި ވެސް ކުރަންޖެހޭނެ ކަމެކެވެ. ދާދި ފަހުން އާންމުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ސައެންސްވެރިން ބުނެފައިވާ ގޮތުން، އަނގައިގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަކީ، ސިކުނޑީގެ ބަލިތަކާއި ހިތުގެ ބަލިތަކުން ދުރުހެލިވުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.
ނިއުރޮލޮޖީ ދާއިރާގެ ދިރާސާތައް ޝާއިއުކުރާ ޖާނަލެއް ކަމަށްވާ ނިއުރޮލޮޖީ އޯޕަން އެކްސެސްގައި މި މަހުގެ 22 ވަނަ ދުވަހު އާންމުކުރި ދެ ދިރާސާއެއްގައި ބުނެފައިވާ ގޮތުން ހިރުގަނޑުގެ ބަލިތަކާއި ދަތުގައި ކޮބަޑިޖެހުމާއި، ސިކުނޑީގެ ބަލިތަކާއި ހިތުގެ ބަލިތަކާ ދެމެދު ވަރަށް ބޮޑު ގުޅުމެއް އެބަ އޮތެވެ. އޭގެ ތެރެއިން ފުރަތަމަ ދިރާސާގައި ބުނެފައިވާ ގޮތުން، ހިރުގަނޑުގެ ބަލިތައް ޖެހިފައި ތިބޭ ބޮޑެތި މީހުންގެ ސިކުނޑީގެ ހުދު މާއްދާތަކަށް ބަދަލު އައުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ސިކުނޑީގެ ހުދު މާއްދާތަކަކީ (ވައިޓް މެޓާސް) ނާވް ފައިބަރުން އުފެދިފައި ހުންނަ ސިކުނޑީގެ ޓިޝޫތަކެވެ. މި ޓިޝޫތައް އުފެދިފައި ހުންނަނީ ސަރުބީ ހުންނަ ފަދަ ގޮތަކަށް ކަމަށްވާތީ، މީގައި ހުންނާނީ ހުދު ކުލައެވެ.
"ހިރުގަނޑުގެ ބަލިތަކަކީ، ސިކުނޑީގެ ދުޅަވުމާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެއް. އެފަދަ ދުޅަތަކަކީ އާތެރޯސްކްލެރޯސިސް (ލޭހޮޅިތަކުގެ އެތެރެ ދާރައިގައި ސަރުބީ ޖެހުން)އާ ގުޅިފައިވާ ދުޅަތަކެއް. އަދި ކުދިކުދި ލޭނާރުތައް ހަރުވުމަށް ވެސް މެދުވެރިވާ ކަމެއް،" މި ދިރާސާގައި ބައިވެރިވި، ޔުނިވަސިޓީ އޮފް ސައުތު ކެރޮލީނާގެ ނިއުރޮލޮޖީ ޕްރޮފެސަރު ޑރ. ސޫވިކް ކެން ވިދާޅުވިއެވެ.
ދެ ވަނަ ދިރާސާގައި ސައެންސްވެރިންގެ ޓީމުން ބުނެފައިވާ ގޮތުން، ދުޅަހެޔޮ ދަތްތަތަކާއި ހިރުގަނޑެއް ލިބިފައިވާ މީހުންނާ އަޅައި ބަލާއިރު، ހިރުގަނޑުގެ ބަލިތަކާއި ދަތް ފަނިކެއުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނަށް، ސްޓްރޯކް ޖެހުމުގެ ނުރައްކާ 86 ޕަސެންޓް މައްޗެވެ.
"ހިރުގަނޑު ގިރުމުގެ މައްސަލަ ކުރިމަތިވުމުގެ އިތުރުން، ދަތް ފަނިކެއުމުގެ މައްސަލަ ކުރިމަތިވެފައިވާ ނަމަ، އެހެރީ މައްސަލައިގެ މައްޗަށް މައްސަލަ ކުރިމަތިވެފައި. މީގެ މާނައަކީ ސްޓްރޯކް ޖެހުމާއި ހިތުގެ މައްސަލަތައް ޖެހުމުގެ ނުރައްކާ، އެނޫން މީހުންނާ އަޅައި ބަލާއިރު ދެ ގުނަ އިތުރުވުމެއް،" ޕްރޮފެސަރު ޑރ. ސޫވިކް ކެން ވިދާޅުވިއެވެ.
ނަމަވެސް މިކަމުގައި އޮތް އުފާވެރި ޚަބަރަކީ، ފަރުވާތެރިކަމާއެކު ރަނގަޅަށް ދަތްތައް އުނގުޅައި އަނގައިގެ ދުޅަހެޔޮކަން ދަމަހައްޓާ މީހުންނަށް މި ކަންކަމުގެ ނުރައްކާ ކުޑަވުމެވެ. ކޮންމެ ދުވަހަކު ދަތް އުނގުޅުމާއި، ކައި ނިމިގެން ދެދަތް ދޭތެރެތައް ސާފުކުރުމާއި، ދަތުގެ ޑޮކްޓަރުންގެ ލަފާ ހޯދައިގެން އެ ގޮތަށް އަމަލުކުރުމަކީ، އަނގައިގެ ބަލިތަކުގެ ސަބަބުން ސްޓްރޯކް ޖެހުމުގެ ނުރައްކާ 81 ޕަސެންޓަށް ކުޑަކޮށްދޭ ކަމެކެވެ.
މި ދިރާސާގައި، އަނގައިގެ ބަލިތަކާއި ސްޓްރޯކާއި ހިތުގެ ބަލިތަކާ ދެމެދު ގުޅުންތަކެއް ހުރި ކަމަށް ފާހަގަކުރެވުނު ނަމަވެސް، އަނގައިގެ އެތެރޭގެ ދުޅަހެޔޮކަން ދަށްވުމަކީ، ސްޓްރޯކް ޖެހުމާ ސީދާ ގުޅިފައިވާ ކަމެއްކަން ސާބިތެއް ނުކުރެވެއެވެ. އެހެން ނަމަވެސް، އަނގައިގެ އެތެރޭގައި އުފެދޭ ދުޅަތަކަކީ، ހިތާއި ސިކުނޑީގެ ދުޅަހެޔޮކަމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމުގެ ހެކި ލިބެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހިރުގަނޑުގެ ބަލިތަކާއި ދަތް ފަނިކެއުމުގެ މައްސަލަ ކުރިމަތިވެފައިވާ 3.5 ބިލިއަން މީހުން ދުނިޔޭގައި އުޅެއެވެ.
Comment