Advertisement

މަހެއް ފަހުން މާލީ ހިސާބުތައް އާންމުކުރިއިރު ބަޖެޓު ސާޕްލަސް 200 މިލިއަން ރުފިޔާއަށްވުރެ ދަށަށް ގޮސްފި

23 އޮކްޓޯބަރު 2025 - 10:06 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ފިނޭންސް މިނިސްޓަރު ޒަމީރު ރަށެއްގެ މަޝްރޫއެއް ފެށުމަށް ސިމެންތި ބާލިދީއެއް އަޅާލަނީ ---- ފޮޓޯ: ރައީސް އޮފީސް


މަހެއް ފަހުން މާލީ ހިސާބުތައް އާންމުކުރިއިރު ބަޖެޓު ސާޕްލަސް 200 މިލިއަން ރުފިޔާއަށްވުރެ ދަށަށް ގޮސްފި

23 އޮކްޓޯބަރު 2025 - 10:06 1

މި އަހަރުގެ ބޮޑު ބައެއްގައި އެއް ބިލިއަން ރުފިޔާއިން މަތީގައި ހިފަހައްޓަމުން އަންނަ ޖުމްލަ ބަޖެޓު ސާޕްލަސް 200 މިލިއަން ރުފިޔާއަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

މަހަކަށްވުރެ ގިނަ ދުވަހު މާލީ ހިސާބުތައް އާންމުކުރުން މެދުކަނޑާލާފައި އޮތުމަށްފަހު ފިނޭންސް މިނިސްޓްރީން ހިސާބުތައް އާންމުކުރީ އިއްޔެ އެވެ. އިއްޔެ އާންމު ކުރީ އޮކްޓޯބަރު 16، އާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލެެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުން އެ ތާރީހާ ހަމައަށް ދައުލަތަށް ލިބިފައިވަނީ 30.7 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެ މުއްދަތުގައި ދައުލަތުން އެކި ކަންކަމަށް 30.5 ބިލިއަން ރުފިޔާގެ ހަރަދު ކޮށްފައިވެ އެވެ. މި ހަރަދުތަކާއެކު މީގެ މަސްތަކެއް ކުރިން ބިލިއަނުން މަތީގައި ހުރި ބަޖެޓު ސާޕްލަސް ވަނީ 187 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

މި އަހަރުގެ ބޮޑު ބަޔެއްގައި ބަޖެޓު ސާޕްލަސްއެއް ހިފަހައްޓަމުން އަންނައިރު، މިއީ ފާސްކުރި ގޮތާ ހިލާފަށް ހަރަދު ކުޑަކުރުމެއް ނެތި، ތަރައްގީގެ ބަޖެޓު ހަރަދުނުކުރާތީ ފެންނަ އިތުރުވުމެކެވެ. ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ކުންފުނިތަކުން ފައިނޭންސް ކުރާ ގޮތަށް، އެ މަސައްކަތްތައް ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްފަ އެވެ.

ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު އިންސައްތައެއް ހަރަދުވާ އެއާޕޯޓުތަކާއި ބިން ހިއްކުން ހަވާލުކުރަމުން ދަނީ ދައުލަތުގެ ބަޖެޓުން ސީދާ އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަަށް އެމްއޭސީއެލްއޭ އެވެ. މި ފައިސާ ހޯދައިގެން ޕްރޮޖެކްޓުގެ ހުރިހާ ހަރަދެއް ކުރަން ޖެހެނީ އެ ކުންފުނިންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސަރުކާރުން ބަހާލައިގެން ފަހުން ފައިސާ ދައްކާ ގޮތަށް އެހެން ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކަށް ފައިސާ ހަމަޖައްސައިދެނީ ބީއެމްއެލްއިންނެވެ.

ބަޖެޓުން ހަރަދު ކުރި ގޮތަށް ބަލައިއިރު، މިހާތަނަށް ހަރަދުކުރި 30.5 ބިލިއަން ރުފިޔާގެ ތެރެއިން 87 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ކޮށްފައިވަނީ ބަޖެޓުގެ އެންމެ 13 ޕަސެންޓެވެ.