about 1 hour 0
ސާއިފް ޝިޔާދު
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް
about 1 hour 0
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދައުލަތުގެ މާލިއްޔަތަށް އަސަރު ކުރަމުން އަންނަ މިފަދަ ދަނޑިވަޅެއްގައި ވަޒީފާތަކަށް މީހުން ވެއްދުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ސުވާލުކުރީ ސަރުކާރަށް ވަޒީފާތަކަށް މީހުން ނަގަމުން އަންނާތީ އެކަމާ ގުޅިގެންނެވެ. އަދި ފިނޭންސުގައި އެ މައުލޫމާތު ހުންނާތީ މިފަހުން ވަޒީފާ ދިނީ ކިތައް މުވައްޒަފުންތޯ ސާފުކޮށްދިނުމަށް ނޫސްވެރިޔާ އެދުނެވެ.
އެ ސުވާލުގެ ޖަވާބުގައި ޒަމީރު ވިދާޅުވީ ވަޒީފާތަކުގެ އަދަދަކީ ފިނޭންސް މިނިސްޓްރީން ހާމަކުރާ މައުލޫމާތެއް ނޫން ކަމަށާއި އެ މައުލޫމާތު ހާމަކުރާނީ ރައީސް އޮފީހުން ކަމަށް އެވެ. މިފަދަ ދަނޑިވަޅެއްގައި ވަޒީފާތަކަށް މީހުން ނަގަން ޖެހޭނީ ވަރަށް ވިސްނައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދުވަސްވަރަކީ ހަގީގަތުގައި، އެކަމު ފަށާފައި ހުރި ޕްރޮޖެކްޓުތަކެއް ނޫން ކަމަށްވަންޏާ، ހިނގަމުންދާ ކަމަކަށް ނޫނީ. ސަރުކާރު ހިންގުމަށް ބޭނުންވާ ބަޔަކު ނަގަން ޖެހިދާނެ،" ޒަމީރު ވިދާޅުވި އެވެ.
ހަނގުރާމައިގެ ސަބަބުން މާލީ ހާލަތަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނާތީ ވަޒީފާއަށް މީހުން ނެގުން ވަރަށް ބޮޑަށް ހިފަހައްޓާފައިވާ ކަމަށް މާލީ ވަޒީރު ވިދާޅުވި އެވެ.
"ވަޒީފާތަކަށް މީހުން ނެގުމަށް ބައެއް ކުންފުނިތަކުން ގުޅުމުން ބުނިން އިހަށް މަޑުކުރާށޭ، އެއީ ބައެއް ޕްރޮޖެކްޓުތަކަށް. މިހާރު ކޭޝްފްލޯ މިދާ ގޮތުން ބައެއް ފަހަރު ދަތިވެދާނެ،" މި ސަރުކާރުގައި ފުރަތަމަ ފޮރިން މިނިސްޓަރުކަން ކުރެއްވި ޒަމީރު ވިދާޅުވި އެވެ.
"މިވަގުތަކީ އެހާ ގިނައިން ވަޒީފާއަށް މީހުން ވެއްދުން އެހާ ރަނގަޅު ވަގުތެއް ނޫން، އެކަމު ޑޭޓާއަކީ އަޅުގަނޑުގެ މިނިސްޓްރީން ޕަބްލިޝްކުރާ ޑޭޓާއެއް ނޫން."
އަންނަ އެޕްރީލް ހަތަރެއްގައި އޮންނަ ކައުންސިލް އިންތިހާބާ ދިމާކޮށް އެތައް ސަތޭކަ ވަޒީފާއެއް ނަގަން މި ސަރުކާރުން އިއުލާންކުރަމުން ދަނީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުތަނުން އުފުލިފައިވާ ދަނޑިވަޅެއްގަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުކުރާ ޕޯސްޓުތަކަށް ބަލާއިރު ޔޫތު މިނިސްޓްރީގައި އެކަނިވެސް ގިނަ އަދަދެއްގެ ސިޔާސީ މުައްޒަފުން މި ހަފުތާގައި ވެސް ވަނީ ވައްދައިފަ އެވެ. އޭގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވެސް ފަސް މީހަކަށް ވަޒީފާ ދީފައިވެ އެވެ.
އޭގެ އިތުރުން ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކުން އަންނަނީ ބޮޑު މުސާރައިގައި އެތައް ބަޔަކަށް ވަޒީފާ ދެމުންނެވެ. އޭގެ ތެރޭގައި ގިނައީ ޕްރޮޖެކްޓުތައް ނުހިންގާ ރަށްރަށަށް އެކި މަގާމުތަކަށް ނަގަމުން އަންނަ މުވައްޒަފުންނެވެ.
ރާއްޖޭގެ ހަ ރަށެއްގައި ހުންނަ އާރުޑީސީގެ ސައިޓުތަކަށް ޖުމުލަ 142 މުވައްޒަފުން ނަގަން މާޗު 14، ގައި އިއުލާނުކުރި އެވެ. ކައުންސިލް އިންތިހާބާ ދިމާކޮށް ޕަބްލިކް ވޯކްސްއަށް 500 އަށްވުރެ ގިނަ މުވައްޒަފުން ނަގަން ވަނީ ނިންމާފަ އެވެ
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment