Advertisement

ރަށްރަށުން މީހުން ޖަލްސާއަށް އައިސް ތިއްބާ ޔޫތު އެވޯޑު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

22 އޮކްޓޯބަރު 2025 - 13:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މީގެ ކުރިން ބޭއްވި ޔޫތު އެވޯޑުގެ ތެރެއިން: މި އަހަރު ބާއްވަން އުޅުނު ޔޫތު އެވޯޑުވެސް ވަނީ ފަސްކޮށްފައި -- ފޮޓޯ: ޔޫތު މިނިސްޓްރީ


ރަށްރަށުން މީހުން ޖަލްސާއަށް އައިސް ތިއްބާ ޔޫތު އެވޯޑު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

22 އޮކްޓޯބަރު 2025 - 13:35 0

ރަށްރަށުން މީހުން ޖަލްސާއަށް އައިސް ތިއްބާ މިއަދު ފާހަގަކުރަމުންދާ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ދިނުމަށް ހަމަޖެހިފައި އޮތް ޔޫތު އެވޯޑު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

ޔޫތު މިނިސްޓަރު މުހައްމަދު ވަހީދު (އަސްވާޑް) އަދަދު އަށް ވިދާޅުވީ އެވޯޑު ފަސްކުރަން ޖެހުނީ ބައެއް އިދާރީ ކަންކަން ފުރިހަމަ ކުރަން ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެވޯޑު އޮންނާނެ ތާރީހެއް އިއުލާން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަދަކު ނޯންނާނެ. ބައެއް އިދާރީ ކަންކަން ފުރިހަމަކޮށްލަން ވެގެން. އެކަމަކު ވަރަށް އަވަހަށް އޮންނާނެ. ޑޭޓްވެސް އެނައުންސް ކޮށްލާނަން،" އަސްވާޑް ވިދާޅުވި އެވެ.

ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނީ ޔޫތު އެވޯޑު ފަސްކުރީ ރައީސް މުހައްމަދު މުއިއްޒަށް އެ ރަސްމިއްޔާތުގައި މިއަދު ބައިވެރި ނުވެވޭތީ އެވެ.

މިދިޔަ އަހަރު ވެސް ޔޫތު އެވޯޑު ބާއްވަން އެކި ތާރީހުތައް އިއުލާންކުރި އެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި އަދި އޮގަސްޓް މަހު ވެސް އެވޯޑު ބާއްވަން މަސައްކަތްކުރުމަށްފަހު ފަހުން ފަސްކުރި އެވެ.

މި އަހަރު ޔޫތު އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އެވޯޑު ދިނުމަށް އޮތީ ހަމަޖެހިފަ އެވެ. އެ އެވޯޑާއެކު ސެޓްފިކެޓެއް ވެސް ލިބޭނެ އެވެ.

އެކި ދާއިރާތަކުން ޒުވާނުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ ގޮތުން ޔޫތު އެވޯޑު އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރެވެ. އެފަހަރު 10 މީހަކަށް އެ އެވޯޑު ދިނެވެ.