28 އޮގަސްޓު 2025 - 10:44 2
ހަސަން މުހައްމަދު
ވަޒީފާއިން ވަކި ކުރި ކޭޑު: އޭނާ ވަޒީފާއިން ވަކި ކުރިއިރު މިނިސްޓަރު އަސްވާޑު ވަނީ ފަލާހުގެ ވާހަކަ ކުށްވެރި ކުރަން ދެކޮޅު ހަދައިފަ -- ފޮޓޯ: ކޭޑު ފޭސްބުކް
28 އޮގަސްޓު 2025 - 10:44 2
ބައެއް ނޫސްވެރިން އުލުބައިންދާ މަރަންޖެހޭ ކަމަށް ވިދާޅުވެ ވެރިކަން ހިންގާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ދެއްކި ވާހަކަ ކުށްވެރި ކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް އިބްރާހިމް ސައީދު (ކޭޑު) ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފި އެވެ.
ކޭޑު ހުރީ މިނިސްޓްރީ އޮފް ސްޕޯޓްސްގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ ވަޒީފާއިން ވަކި ކުރިކަން އަންގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިޓީއެއް ފޮނުވީ މިއަދުގެ ވަގުތެއްގަ އެވެ.
ފަލާހުގެ ވާހަކަ ކޭޑު ކުށްވެރި ކުރީ ފޭސްބުކްގައި ކުރި ޕޯސްޓެއްގަ އެވެ. އޭނާ ބުނެފައި އޮތީ "މި ކަލޭގެ ނޫސްވެރިން އުލަށް އަމުނައި މަރާލަން ގޮވާލި މައްސަލަ ވެސް ބަލަންޖެހޭ" ކަމަށެވެ. އޭގެ އިތުރުން ފަލާހު ދެކެ ބިރުގަންނާނީ ޕީއެންސީގައި އުޅޭ 'ރިހަ ޓީމު' ކަމަށާއި، ނޫސްވެރިން ބިރު ނުގަންނާނެކަމަށް ކޭޑުގެ ޕޯސްޓުގައި ބުނެފައި އޮތެވެ.
ފަލާހުގެ ވާހަކަ ކުށްވެރި ކުރިފަހުން ކޭޑު ވަޒީފާއިން ވަކި ކުރިއިރު، އިންފޮމޭޝަން މިނިސްޓަރު އިބްރާހިމް ވަހީދު ވަނީ ފަލާހުގެ ވާހަކަ ކުށްވެރި ކުރަން މިއަދު ދެކޮޅު ހަދައިފަ އެވެ. ރައީސް އޮފީސް ކުރިމަތީގައި މީޑިއާ ފެންޑާގެ ނަމުގައި ހަދާފައި ހުރި ތަނަށް އަސްވާޑު ވަޑައިގަތުމުން ފަލާހުގެ ވާހަކަ ކުށްވެރި ކުރަންތޯ ތަކުރާރުކޮށް އެހުމުން ވެސް މިނިސްޓަރު ވަނީ އެކަމަށް ކޮމެންޓު ކުރަން ދެކޮޅު ހައްދަވައިފަ އެވެ.
"އެއީ އަޅުގަނޑު ދެއްކި ވާހަކައެއް ނޫނެއް ނޫންތޯ،" އަސްވާޑު ވިދާޅުވި އެވެ.
މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުން ފަލާހު އިއްޔެ ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް މީގެ ކުރިން ފަތުރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް މަސައްކަތް ކުރާ މީޑިއާގެ މުވައްޒަފުން އުލުބައިންދަންޖެހޭ ކަމަށެވެ.
"... މި ލެވެލުގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން [ލާންވީ]، އުލުބައިންދަންވަނީ. އުލުބައިންދަންވީ،" ފަލާހު ވިދާޅުވި އެވެ.
އޭނާއަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ބުނެ މީޑިއާތަކުން ދޮގު ހެދި ކަމަށް ފަލާހު ބުންޏެވެ. ފަލާހު އެހެން ވިދާޅުވި ނަމަވެސް އެއްވެސް މީޑިއާއަކުން އެފަދަ ހަބަރެއް ނުލިޔެ އެވެ. އެ ވާހަކަ ބޮޑަށް ދައުރުވީ ސޯޝަލް މީޑިއާގަ އެވެ.
ދިވެހި ރަދީފުގައި ބުނެފައިވާ ގޮތުން އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މަރަން ގެންގުޅުނު ލާއިންސާނީ އުކުޅެކެވެ. އުލުބައިންދާއިރު ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މަރާލަން ބޭނުންވާ މީހާ ބައިންދާ ފުރަގަސް ފަރާތުން އޫ ހަރާލުމަށްފަހު ބޮލުން ދަގަނޑު ނެރެނީ އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު މުހައްމަދު (އެންޓްރެކް ހަންނާނު) ހުށަހެޅުއްވި މީޑިއާ ނެތިކޮށްލާ ބިލު ފަރުމާކޮށްފައި އޮތީ މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ މަގު ބަންދު ކުރެވޭނެ ގޮތަށެވެ. އެ ބިލުގެ ދަށުން ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނުގެ ބާރު ރައީސް މުހައްމަދު މުއިއްޒަށް ނެގޭނެ މަގު ވެސް ބިލުން ފަހިވެ އެވެ.
އެ ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެ ނަމަ، ނޫސްވެރިންނާއި ނޫސްތައް ޖޫޫރިމަނާކޮށް، ހުއްޓުވައި، ރެޖިސްޓްރޭޝަން ވެސް ބާތިލު ކުރެވޭނެ އެވެ.
އެ ބިލުގެ 60 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ ބިލުގެ ބާރު ސޯޝަލް މީޑިއާއަށް ވެސް ހިނގާނެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ "މި ގާނޫނުގައި ނޫހާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާއަށް ވެސް އެ މީޑިއާއަކާ ގުޅޭ ނިސްބަތަކުން ހިނގާނެ" ކަމަށެވެ.
އެހެންކަމުން ސަރުކާރުން ބޭނުންވާ ގޮތަށް އެ ބިލު ފާސްވެއްޖެ ނަމަ، ސޯޝަލް މީޑިއާގައި ވެސް މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމަށް ހުރަސްއެޅޭނެ އެވެ. ބިލުގެ 40 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން، ދޮގަކަށް ވެދާނެ ފަދަ މައުލޫމާތެއް ވެސް ނޫހެއްގައި ޖެހުމަކީ ކުށެކެވެ.
އެ ބިލު ބޭރުކޮށްލުމަށް ރާއްޖޭގެ ނޫސްވެރިންނާއި ހައްގުތަކަށް ވަކާލާތު ކުރާ ބޭރުގެ ވަރަށް ގިނަ ޖަމިއްޔާތަކުން ވެސް ދަނީ ގޮވާލަމުންނެވެ. އެކަމަކު، ސަރުކާރުން މިހާތަނަށް އެކަންކަމަށް ޖަވާބެއް ނުދެ އެވެ. ގިނަ ބަޔަކު ބުނަނީ، މިއީ އެފަދަ ބިލެއް ހުށަހެޅި ދެ ވަނަ ފަހަރު ކަމުން މި ފަހަރު އެ ބިލު ފާސް ކުރާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅި ފަހުން، މުއިއްޒު ގެންދަވަނީ މީޑިއާއާ ގުޅޭ ގޮތުން ދޮގު ފަތުރައި، ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަވަމުންނެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ އެމަނިކުފާނުގެ ރުޅިވެރިކަން މީޑިއާތަކަށް އަމާޒުކޮށްފަ އެވެ.
"މި ހޯލު ތެރޭގަ މި ތިބީ އެންމެން. މިސާލެއްގެ ގޮތުގަ މިކަމާ ބެހޭ ގޮތުން އެއްޗެއް ދަންނަވާލާނަން. ތީގެ ތެރެއިން ބޭފުޅަކު ތިމަންނަގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމޭ މިތާ ތެދުވެ އިއުލާނުކޮށްލަންވީ މިތާ ބޮމެއް އެބަ އޮތޭ. [އެހެން] ކިޔާފަ ހަޅޭލަވައިލައްވަންވީ. އެއީ މިނިވަންކަންތޯ. ދެން އެހެން މީހުންގެ ހައްގުތަކަށް އެ ހިސާބުން ވާނީ ކިހިނެއްތޯ،" މުއިއްޒު ވިދާޅުވި އެވެ.
Comment