20 މޭ 2025 - 18:43 0
މުހައްމަދު ޝަހްޒާން
ޔޫތު މިނިސްޓަރު، އިބްރާހިމް ވަހީދު (އަސްވާޑު)؛ މީޑިއާ ކައުންސިލަށް އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ ވޯޓު ލާން 10 ދުވަހަށްވެފައި އޮއްވައި -- ފޮޓޯ: ރައީސް އޮފީސް
20 މޭ 2025 - 18:43 0
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ ތިން މަގާމަށް މެންބަރުން އައްޔަނުކުރުމަށް ބާއްވާ އިންތިހާބަށް 10 ދުވަހަށްވެފައި އޮއްވައި މީޑިއާ ކައުންސިލުގައި މީޑިއާތައް ތަމްސީލު ކުރާ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން އަނެއްކާވެސް މިއަދު ހުޅުވާލައިފި އެވެ.
މީޑިއާ ކައުންސިލުގައި މީޑިއާތައް ތަމްސީލު ކުރާ ދެ މެންބަރުންނާއި އާންމުން ތަމްސީލު ކުރާ މެންބަރަކު އައްޔަނު ކުރުމަށް ބާއްވާ އިންތިހާބު ބާއްވަން ތާވަލު ކޮށްފައި އޮތީ މިމަހުގެ 30، އަށެވެ.
ނަމަވެސް މިއަދު ޔޫތު މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ މީޑިއާތައް ތަމްސީލު ކުރާ މެންބަރުކަމަށް ކުރިމަތިލީ ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ދެ މީހަކު ނަން އަނބުރާ ގެންގޮސްފައިވާތީ އަލުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ ކަމަށެވެ. ޔޫތު މިނިސްޓްރީން ބުނީ މީޑިއާ ކައުންސިލުގައި މީޑިއާތައް ތަމްސީލު ކުރާ މެންބަރުކަމަށް ކުރިމަތިލާފައި ތިބީ ޖުމުލަ ހަތަރު މީހުން ކަމަށެވެ.
އެ އިއުލާނުގައި ބުނީ މީޑީއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވައިލި ނަމަވެސް، ކުރިން އެ މަގާމުތަކަށް ކުރިމަތިލާފައި ތިބި މީހުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
މީޑިއާ ކައުންސިލުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން އަލުން ހުޅުވާލާފައި މިވަނީ އެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު ވެސް އާންމު ކުރި ފަހުންނެވެ.
އެންމެފަހުން މިދިޔަ އަހަރު ބޭއްވި މީޑިއާ ކައުންސިލުގެ އިންތިހާބަށް ވެސް ކުޑަތަންވެފައި އޮއްވައި ޔޫތު މިނިސްޓްރީން ވަނީ ވޯޓާސް ލިސްޓަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެކަމާ ގުޅިގެން އޭރު ވެސް ބައެއް ނޫސްތަކުން ކަންބޮޑުވުން ފާޅު ކުރި އެވެ. ނަމަވެސް އިންތިހާބު ކުރިއަށް ގެންދިޔައީ އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި އެވެ.
މީޑީއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މެންބަރުކަމަށް އެދި ހުށަހަޅާ ފޯމާއި މައްސަލަ ސާފު ކުރާ ފޯމު މިނިސްޓްރީގެ އީމެއިލް، [email protected] އަށް މެއިލް ކުރުމަށް އިއުލާނުގައި އެދިފައިވެ އެވެ.
Comment