Advertisement

ދިވެހި ޕްރިމިއާ ލީގު: ސެންޓޭގެ ހެޓްރިކާއެކު ނިއު އިން ވިކްޓަރީ ބަލިކޮށް އެއް ވަނަ އަށް

21 އޮކްޓޯބަރު 2025 - 17:46 0

ނިއުގެ ސެންޓޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ދިވެހި ޕްރިމިއާ ލީގު: ސެންޓޭގެ ހެޓްރިކާއެކު ނިއު އިން ވިކްޓަރީ ބަލިކޮށް އެއް ވަނަ އަށް

21 އޮކްޓޯބަރު 2025 - 17:46 0

އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު، 4-0 އިން ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކްލަބް ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި މިއަދު ކުޅުނު މެޗާ އެކު، ކޮންމެ ޓީމެއް ވަނީ ހަތަރު މެޗު ކުޅެފަ އެވެ. ނިއު އިން އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް މާޒިޔާއާ އެއްވަރަށް ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ނިއު އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އެއީ، މާޒިޔާ އަށް ވުރެ ފައިދާ އެއް ގޯލު އިތުރުވުމުންނެވެ.

ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން ވަނީ 10 ޕޮއިންޓް ލިބިފަ އެވެ.

މިއަދުގެ މެޗުގެ ކުރިން އެންމެ ފަހުން ވިކްޓަރީ އާއި ނިއު އިން ދިވެހި ޕްރިމިއާ ލީގުގައި ކުޅެފައިވަނީ، 2018 ވަނަ އަހަރު އެވެ. އެންމެ ފަހުން މި ދެ ޓީމުގެ ދެ ކުރިމަތިލުން ފެނިގެންދިޔައީ، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގަ އެވެ.

"ރަސްވާދަ" ގެ ނަމުން ފޯރިގަދަ ކުރުމަށް އިވެންޓްތަކެއް ނިއު އާއި ވިކްޓަރީން ބޭއްވި މި މެޗު ފަށައިގެން، 12 މިނިޓް ތެރޭ ނިއު އިން ދެ ގޯލު ޖެހި އެވެ. މި ދެ ލަނޑު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، ސެންޓޭ އެވެ. ކައުންޓަ އެޓޭކެއްގައި ސެންޓޭ ފުރަތަމަ ގޯލު ޖެހިއިރު، ވިކްޓަރީގެ ގޯލުގައި ކުޅުނު ސީރިއާގެ ކީޕަރު މަހުމޫދު އަލް ޔޫސުފަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ. އަދި، އޭގެ ފަހުން، އޭރިއާތެރެއިން ވިކްޓަރީ ޑިފެންސްތެރެއިން ހުސްވި ޖާގައެއްގެ ފައިދާނަގައި، ސެންޓޭ ވަނީ އިތުރު ގޯލެއް ޖަހައި، ލީޑުފުޅާކޮށްދީފަ އެވެ.

ސްލޮވާކިއާގެ ކޯޗު، ޖޯޖްލީ ގެރީގެ އިރުޝާދުގެ ދަށުން ވިކްޓަރީން ކުޅުނު ފުރަތަމަ މެޗަށް ބަލާއިރު، އެ ޓީމުން މި މެޗުގައި ގިނަ މައްސަަލަތަކެއް ފެނިގެންދިޔަ އެވެ. އެޓޭކުގައި ކުޅެމުންދިޔަ، ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އާއި ބްރެޒިލްގެ ފޯވާޑް ވްލަޑިމިއާ އެވަޓަން އަށް ލިބުނު ފުރުސަތުތަކުގައި ނިއުގެ ކީޕަރު، ޕާކިސްތާންގެ ހަނީފް ސާގިބް ކައިރިން ރަނގަޅަށް ފޮނުވައިނުލެވުނެވެ.

ދެ ވަނަ ހާފުގައި ނިއު އިން ލަނޑު ޖެހީ 60 ވަނަ މިނިޓްގަ އެވެ. މިއީ، ވިކްޓަރީގެ ޑިފެންސް ފަހަތަށް ދޫވި ބޯޅައަކަށް އަރައި، ސެންޓޭ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. އޭގެ އަށް މިނިޓް ފަހުން، ނިއުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ވަނީ ރީބައުންސަކުން ލިބުނު ފުރުސަތެއްގައި ލަނޑު ޖަހައިފަ އެވެ. އެކަމަކު، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

ނިއު އިން 76 ވަނަ މިނިޓްގައި ހަތަރު ވަނަ ލަނޑު ޖެހީ، ބަދަލަކަށް ކުޅެން އެރި އަހުމަދު ހުސާމް (ހުސާންކޮ) އެވެ. ހުސާންކޮ އަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ކީޕަރު މަހުމޫދު ކައިރިން ގޯލުގެ ތެރެއަށް އެ ބޯޅަ ފޮނުވާލައިފަ އެވެ. އަދި، މެޗުގެ 89 ވަނަ މިނިޓްގައި ސެންޓޭ އަށް ވިކްޓަރީ އޭރިއާތެރެއިން ހުސްކޮށް ލިބުނު ފުރުސަތެއްގައި ޖެހި ޝޮޓް ކީޕަރު ޔޫސުފް ވަނީ މަތަކޮށްފަ އެވެ.

ވިކްޓަރީގެ ކުރީގެ ކޯޗު އަލީ ސުޒޭން، އެ ކްލަބްގެ އެންމެ ވާދަވެރި ޓީމު، ނިއުއާ ހަވާލުވި ފަހުން، ކުރީގެ ކްލަބާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ފުރިހަމަ މޮޅެއް ހޯދިއިރު، މި ފަހަރުގެ ލީގުގަައި ނިއުގެ އޮތީ ސައްތަ އިން ސައްތަ ރެކޯޑެކެވެ. ފުރަތަމަ ހަތަރު މެޗުން 14 ލަނޑު ޖެހިިއިރު، ބައިކޮޅަށް އަދި ގޯލެއް ވަދެފައިނުވެ އެެވެ.

މި މެޗުން ބަލިވެ، ވިކްޓަރީ އަށް ފުރަތަމަ ހަތަރު މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެ ޓީމު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ.