Advertisement

އެ ދޮރުން ވަނަސް މި ދޮރުން ވަނަސް، މިއީ ހަމަ ފައިސާ ޗާޕު ކުރުން

23 އޮކްޓޯބަރު 2025 - 14:06 2

އަމަން ހަލީމް

އަމަން ހަލީމް


އެ ދޮރުން ވަނަސް މި ދޮރުން ވަނަސް، މިއީ ހަމަ ފައިސާ ޗާޕު ކުރުން

23 އޮކްޓޯބަރު 2025 - 14:06 2

ހަނދާނަށް ގެންނާށެވެ. މި އަހަރުގެ ކުރީކޮޅު ސަރުކާރުން ވަނީ ހުޅުމާލޭ އާބަން އައިލް އެމްއެމްއޭއަށް ވިއްކާލައިގެން ސަރުކާރަށް ފައިސާ ދައްކަން މަސައްކަތް ކޮށްފަ އެވެ. އޭރު އަޑުތައް އެރީ މި މުއާމަލާތުގެ އަގު 14 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މީހުން ކަންބޮޑުވާން ފެށުމުން ރަސްމީކޮށް ބަހެއް ނުބުނެ ތިބެ، ސަރުކާރުން މަސައްކަތް ކުރީ މި މުއާމަލާތަކީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ދައްކާށެވެ. އަދި މިއީ ކުރީ ސަރުކާރުން ވާރުތަވެފައި ހުރި ބިލުތައް ދައްކަން މަޖުބޫރުވެގެން ކުރާ ކަމެއްގެ ގޮތުގައި ބުންޏެވެ. މިކަން މަޑުޖައްސާލީ އެތެރެ އާއި ބޭރުން ކުރިމަތިވީ ފިއްތުންތަކާއި ފާޑުކިޔުންތަކަށް ކެތްނުވެގެންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ބިން ވިއްކާލައިގެން ފައިސާ ޗާޕުކުރަން އުޅުނު ޕްލޭން ފެއިލުވުމުން، ސަރުކާރުން މި ވަނީ އަނެއްކާ ވެސް ފައިސާ ޗާޕުކުރުމުގެ ޓެކްނިކަލް މާނައަށް ނުފެތޭ ގޮތަކަށް، ފައިސާ އުފައްދައިގެން ހަރަދު ހަމަޖައްސާނެ ގޮތެއް ހޯދާފަ އެވެ. މި ފަހަރު ފައިސާ އުފައްދަނީ ޕެންޝަން އޮފީހުން ގަނެފައި ހުރި ޓީބިލުތަކެއް އެމްއެމްއޭއިން ގަނެ، އެ ފައިސާ ބޭނުންކޮށްގެން ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.

މިއީ މަނީ ސަޕްލައި އިތުރުވާ ކަމެއް ނޫނީ އިގުތިސޯދުގައި ދައުރުވާ ފައިސާ އިތުރުވާ ކަމެއް ނަމަވެސް ސަރުކާރުން މިކަމުގައި އިސްކުރަނީ ހީލަތްތެރިކަމެވެ. އެހެން ބުނާ ސަބަބު ކިޔައިދިނުމުގެ ކުރިން މި މުއާމަލާތަކީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ދައްކަވަން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ވާހަކަ ނަކަލުކޮށްލާނަމެވެ.

"މިދެންނެވިހެން. އެތައް ހާސް ރައްޔިތުންނެއްގެ ފައިސާ، ނުދެވި ހުރި ފައިސާ މި ދައްކަދެނީ. މިކަން މި ކުރަނީ ހަމަ އަޅުގަނޑު ވީ އަނެއް ވައުދު ވެސް ފުއްދަމުން. އެއީ ފައިސާ ޗާޕު ނުކޮށް. ފައިސާ ޗާޕުނުކޮށް މިކަން މި ކުރަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ސުވާލަކީ، ފައިސާ ޗާޕުކުރުމަކީ ކޮބައިހެއްޔެވެ؟ ފައިސާ ޗާޕުކުރި ކަމަށް ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ހަ ވަނަ މާއްދާގައި އެ ބުނާ މާނައިގެ ތެރެއިން ސަރުކާރަށް ފައިސާ ނެގީމައި އެކަނި ހެއްޔެވެ؟ އެމްއެމްއޭއިން ފައިސާ އުފައްދައިގެން ހިންގާ މުއާމަލާތްތައް ފައިސާ ޗާޕުކުރުމަށް ނުވޭހެއްޔެވެ؟ މިއީ ސަރުކާރުން އެ ދައްކަން އުޅޭ ކަހަލަ ރައްކާތެރި މުއާމަލާތެއްތޯ އެވެ؟

ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ މީހުން ބުނާ ގޮތުން ނަމަ ފައިސާ ޗާޕުކުރުމަކީ މަރުކަޒީ ބޭންކުން އެޑްވާންސްއަށް ފައިސާ ނެގުމެވެ. މި ނޫން އެއްވެސް ހާލަތެއްގައި އެ މުއާމަލާތެއްގެ ސަބަބުން އިގުތިސޯދުގައި ދައުރުވާ ފައިސާ އިތުރު ވިޔަސް އަދި އެ މުއާމަލާތުގައި ސަރުކާރު ބައިވެރިވިޔަސް، ފައިސާ ޗާޕުކުރުމަކަށް ނުވެ އެވެ. ނަމަވެސް މިއީ ބޮޑު އޮޅުވާލުމެކެވެ.

ފައިސާ ޗާޕުކުރުމާ ގުޅޭ ޓެކްނިކަލް ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތެވެ. މަރުކަޒީ ބޭންކުން ފައިސާ އުފައްދާ ކޮންމެ ފަހަރަކީ ފައިސާ ޗާޕުކުރުމެވެ. މި މުއާމަލާތުގައި ސަރުކާރު ބައިވެރިވަންޏާ، މިއީ ސަރުކާރުން ފައިސާ ޗާޕުކުރުން ނޫންތޯ އެވެ؟ ކިތަންމެ ފުށް ޖަހައި، ނަލަކޮށްގެން، އެ ގޮތް މި ގޮތް ހެދިޔަސް، އެ ނޫން ކަމަކަށް ނުވެ އެވެ.

ނުރައްކާތެރި މުއާމަލާތެއް، ސަރުކާރަށް ވަރިހަމަ

ސަރުކާރު މި ހާލަތަށް ވެއްޓެން ޖެހުނު ސަބަބުތައް ވަރަށް ސާފެވެ. މުގުލުގައި އޮތީ ސަރުކާރަށް ތަންފީޒު ނުކުރެވުނު ބަޖެޓެވެ. މި އަހަރުގެ ބަޖެޓަކީ ވަރަށް ރޭވިގެން، އިންތިޒާމުވެގެން، އެ ވަރުގެ ފުރިހަމަ ބަޖެޓެއް މި ރާއްޖޭގެ ތާރީހުގައި ހުށަނާޅާ ކަމަށް ބުނެ ފާސްކުރި ބަޖެޓެކެވެ. ހަރަދު ކުޑަކުރުމުގެ ތެރެއިން އަށް ބިލިއަން ރުފިޔާ ސަލާމަތްކޮށް، ތަރައްގީގެ ދުވެލި މެކުހަށް ޖަހާނެ ކަމަށް ބުންޏެވެ.

ނަމަވެސް އަހަރުން ނިމެން ކުޑަ ދުވަސްކޮޅަކަށް ވީއިރު، އެއްކަލް މޮޅު ރޭވުމުގެ ތެރެއިން ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ސަރުކާރުގެ އޮޑީގެ މޯހިރުން ފެންނަން އޮތީ ފެއިލިޔާއަކަށް ފަހު ފެއިލިޔާއެކެވެ. ޔޫޓާނުތަކުގެ ސިލްސިލާއެކެވެ.

ސަރުކާރުގެ އެންމެ ބޮޑު ފެއިލިޔާއަކީ އިގުތިސޯދީ ރިފޯމް ޕްލޭނު ބޮލާލައި ޖެހުމާއި ސަރުކާރުގެ ފައިނޭންސިން ޕްލޭން ފެއިލްވުމެވެ. މީގެން ދޭހަކޮށްދެނީ ސަރުކާރުގެ ކަންކަން ނިންމާ ހިސާބުގައި ރޭވުންތެރިކަމެއް، ހިންގުންތެރިކަމެއް، ގާބިލުކަމެއް ނެތް ކަމެވެ.

"ފައިސާ ޗާޕުނުކޮށް، ފައިސާ ޗާޕުކުރަން" ސަރުކާރުން މި ހިންގާ މުއާމަލާތުގެ އަޑީގައި ތިބީ، އިގުތިސޯދުގައި ދިވެހި ރުފިޔާ އިތުރުވުމުގެ ނުރައްކާ ބޮޑުވެގެން އެ ވާހަކަ އެންމެ ގިނައިން ދެއްކި މީހުންނެވެ. ފައިސާ ޗާޕު ނުކުރާނަމޭ ބުނެވިފައި އޮތުމުން، މޮޅު ގޮތެއް ހޯދިޔަސް މި ނުރައްކާތެރި މުއާމަލާތް ހިންގަން އުޅޭ ސަބަބު ވެސް ސާފެވެ. އެއީ އޮތް މަޖުބޫރުކަމެއްގެ ބޮޑު ކަމެވެ. އެ މަޖުބޫރުކަމަކީ ފަސް ހަފުތާގެ ތެރޭގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދޭނަމޭ މުއިއްޒު ވިދާޅުވެފައި އޮތުމެވެ.

އެމްއެމްއޭއިން ފައިސާ ނަގައިގެން، ޕެންޝަން އޮފީހުން އަނެއްކާ އިންވެސްޓު ކުރުމުގެ ނުރައްކާތެރިކަން އެންމެ ސާފުކޮށް ކިޔައިދެއްވީ މި މުއާމަލާތާ ގުޅިގެން އިހުތިޖާޖު ކުރުުގެ ގޮތުން ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވި ސަރުވަޝް މުހައްމަދެވެ. އޭނާގެ އިސްތިއުފާގެ ސިޓީގައި ފާހަގަކުރެއްވި ގޮތުން ނަމަ، މިއީ ގާނޫނީ ސައްހަކަމާ މެދު ސުވާލުއުފެދޭ، އިންފްލޭޝަނާއި ޑޮލަރުގެ އަގު މަތިވާނެ އެވެ.

"މީގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން ރޭޓް މަތިވެ، ޑޮލަރުގެ އަގަށް ނޭދެވޭ ބަދަލުތަކެއް އައުމަކީ އޭގެ ނުރައްކާ ބޮޑު ހިރާހެއް. މީގެ ސަބަބުން އަންނަ އިންފްލޭޝަން އިތުރު 0.11 އިންސައްތަ ޕޮއިންޓުން މަތިވެއްޖެނަމަ، މިއީ ޕެންޝަން ފަންޑަށް ލިބޭ ރިއަލް ރިޓަރން އެއްކޮށް ގެއްލޭނެ ކަމެއް،" ސަރުވަޝް ވިދާޅުވި އެވެ.

މިއީ ހަގީގަތެވެ. ގާނޫނުގައި އަސްލު ދައްކާ މަގު ދޫކޮށް، މޮޅު ގޮތެއް ހަދައިގެން ހަަމަ އަނެއްކާ ވެސް މި ކުރާ ކަމަކީ ފައިސާ ޗާޕުކުރުމެވެ. މިއީ އެއެއް ނޫނޭ ކިޔައިގެން އޮޅުވާލަން މަސައްކަތް ކުރެވިދާނެ އެވެ. އެކަމަކު މި ދޮރުން ވަނަސް އެ ދޮރުން ވަނަސް، އަދި މި މަގުން ދިޔަޔަސް އެ މަގުން ދިޔަޔަސް، ދެވޭ މަންޒިލަކީ އެއް ތަނެއް ވެއްޖިއްޔާ، މި ކުރެވޭ ކަމަކީ ވެސް އެއީ އެވެ.

އެމްއެމްއޭއިން ސީދާ ނުނަގާ، ޕެންޝަން އޮފީހަށް އެ ފައިސާ ވައްދައިގެން، އެ އޮފީހަށް މާ ފައިދާ ބޮޑު މުއާމަލާތެއް ކަމަށް ދައްކައިގެން މިކަން ކުރަން އުޅުނަސް، ނުސީދާ ގޮތަށް ދައުލަތަށް ފައިސާ ނެގުމަކީ ފައިސާ ޗާޕުކުރުން ނޫން ކަމުގައި ވަނީ ނަމަ ފައިސާ ޗާޕުކުރުމުގެ މާނަ ވެސް އޮޅިއްޖެ އެވެ.