Advertisement

މައްސަލަތައް ހައްލުކޮށްފައިވާ ކަމަށް ބުނެ ލޭ ހޯދުމަށް ހުރި ދަތިތަކަށް ހައްލު ހޯދުމަށް ހުށަހެޅި ގަރާރު ޕީއެންސީން ބޭރުކޮށްލައިފި

21 އޮކްޓޯބަރު 2025 - 14:08 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މައްސަލަތައް ހައްލުކޮށްފައިވާ ކަމަށް ބުނެ ލޭ ހޯދުމަށް ހުރި ދަތިތަކަށް ހައްލު ހޯދުމަށް ހުށަހެޅި ގަރާރު ޕީއެންސީން ބޭރުކޮށްލައިފި

21 އޮކްޓޯބަރު 2025 - 14:08 0

އެކިއެކި ކަންކަމަށް ލޭ ހޯދުމަށް ހުރި ދަތިތަކަށް ހައްލު ހޯދުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފެންނަ ގޮތެއް ބެލުމަށް އެދި ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ލޭ ހޯދުމަށް ހުރި ދަތިތަކަށް ހައްލު ހޯދުމާ ބެހޭ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ކުޑޫ ހުށަހެޅުއްވި ގަރާރުގައި ބުނީ ބޮޑެތި އަދި ކުއްލި ބަލިތަކާއި ތެލެސީމިއާ ބަލި ތަހަންމަލު ކުރަމުންދާ މީހުންނަށް ބޭނުންވާ ލޭ ހޯދުމަށް ދަތިތަކެއް ހުރިކަމަށާއި ލޭ ހޯދުމަށް ހަރުދަނާ ނިޒާމެއް ހެދިފައި ނުވާ ކަމަށެވެ.

ތެލެސީމިއާ ސެންޓަރަށް ގާނޫނާއި ގަވާއިދުތަކުގެ ދަށުން މަތިކޮށްފައިވާ ޒިންމާތައް އެކަށީގެންވާ ގޮތެއްގައި އަދާ ކުރަމުން ނުދިޔުމުގެ ސަބަބުން ލޭ ހޯދަންޖެހޭ ހާލަތްތަކުގައި ބަލި މީހުންނާއި އެމީހުންގެ އާއިލާތަކުން ލޭ ނުލިބިގެން އުޅެންޖެހޭކަން އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އެ ގަރާރު މަޖިލީހުން ބޭރުކޮށްލީ ޕީއެންސީ މެންބަރުންނެވެ. އެ ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓުދެއްވީ 10 މެންބަރުންނެވެ. ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް 53 މެންބަރުން ވޯޓުދެއްވި އެވެ.

އެ ގަރާރުގެ ބަހުސްގައި ޕީއެންސީ މެންބަރުން ވިދާޅުވަމުން ގެންދެވީ ލޭ ހޯދުމުގައި ހުރި ދަތިތަކާއި ތެލެސީމިއާ ކުދިންނަށް ދިމާވާ ގޮންޖެހުންތައް މި ސަރުކާރުން ހައްލު ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ގަރާރެއް މަޖިލީހަށް ހުށަހަޅަންޖެހޭ ފަދަ ހާލަތެއް މިހާރު ނެތް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

"ރައީސް މުއިއްޒުގެ ވެރިކަމުގައި މި ހާލަތު އައުމުން އެމަނިކުފާނު ވަނީ ތެލެސީމިއާ ސެންޓަރު ވަކިން އެހެން ތަނަކަށް ބަދަލު ކުރައްވައި، ހުޅުމާލެ އޮރެންޖު ބިލްޑިންއަށް ބަދަލު ކުރައްވައި ތެލެސީމިއާ ސެންޓަރު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލު ކުރައްވައި އަދި އެތަނަށް ސްޕެޝަލިސްޓުން ލައްވައި، މުވައްޒަފުން އިތުރު ކުރައްވައި...،" ސުޖާއު ވިދާޅުވި އެވެ.

"...ކުރީގައި އެމްޑީޕީގެ ވެރިކަމުގައި 8:00 ގައި ބަންދުކުރަމުން ކުރާ ތެލެސީމިއާ ސެންޓަރު ރޭގަނޑު 11:00 ޖަހަންދެން އެތަން ހުޅުވާފައި ބެހެއްޓޭނެ ގޮތް ރައީސް މުއިއްޒު ހަމަޖައްސަވައިދެއްވައި އަދި ހުކުރު ހޮނިހިރު ދުވަހު ވެސް އެ ސެންޓަރުގެ ހިދުމަތް ދެވޭނެ ގޮތް ރައީސް މުއިއްޒު ހައްދަވައިދެއްވައި ލޭ ލިބުމުގައި އެއްވެސް ދައްޗެއް ނެތް ގޮތަށް އިންތިޒާމުތައް ހަމަޖެއްސެވީ ރައީސް ޑރ، މުހައްމަދު މުއިއްޒުގެ ވެރިކަމުން، އެހެންވީމާ މި ގަރާރު މި އިއްޒަތްތެރި މަޖިލީހާ ނުގުޅެނީ."

ސުޖާއުގެ އިތުރުން ވެސް އިއްޔެގެ ބަހުސްގައި ވާހަކަދެއްކެވި ޕީއެންސީގެ މެންބަރުން ވިދާޅުވީ ލޭ ހޯދުމުގައި ދައްޗެއް މިހާރު ނެތް ކަމަށާއި އެކަމާ ގުޅޭ ގަރާރެއް މަޖިލީހަށް ހުށަހަޅައި ބަހުސް ކުރަން ނުޖެހޭ ކަމަށެވެ.