Advertisement

ޕީއެންސީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރޭ: ފަލާހު

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް: ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ޕީއެންސީ


ޕީއެންސީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރޭ: ފަލާހު

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިހާރު އޮތް ސަރުކާރު ޖަވާބުދާރީ ކުރާ ކަމަށް އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަލާހް ވިދާޅުވީ މިހާރު ހިނގަމުންދާ މަޖިލީހުގެ ކޮމިޓީތަކަށް މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންގެ އިތުރުން އެހެން ބޭފުޅުންތައް ގެނެސްގެން ސުވާލުތައްކޮށް އެކި އެކި ކަންތައްތައް ބަލާފައިވާ ކަމަށެވެ.

"ތިބޭފުޅުން ބައްލަވާ 20ވަނަ މަޖިލީހުގެ ފްލޯ އެކަނި ނުބައްލަވާތި. ކޮމިޓީތަކުގައި ހިނގަމުންދާ މައްސަލަތައް. މިއަދާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ 20ވަނަ މަޖިލީހުގައި މި ސަރުކާރުގެ ކިތައް ކުންފުނީގެ ކިތައް އެމްޑީ، ކިތައް މިނިސްޓަރުން، ކިތައް ބޭފުޅުން. ތިބޭފުޅުންނަށް ލައިވްކޮށް ފެނިވަޑައިގަންނަވާނެ. ގެނެސްގެން ކިހާ ސުވާލެއް ކުރައްވައިފިތޯ. ކިހާ ކަމެއް ހިނގައިފިތޯ،" އޭނާ ވިދާޅުވި އެވެ.

ފަލާހް ވިދާޅުވީ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރާ ބައެއް ބިލްތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވާ އަނބުރާ ފޮނުވާލައްވާފައިވެސް ހުރި ކަމަށާއި އެހެންކަމުން މަޖިލިސް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ފޮނުވާފައިހުރި ބައެއް ބިލު އެބަހުރި އަނބުރާ ރައީސް ފޮނުވާލައްވާފައި. އެހެންވީމަ އަޅުގަނޑުމެން މި މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރަން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރަން،،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ނިމިދިޔަ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުގައި ޕީއެންސީގެ މެޖޯރިޓީ މިހާރު އޮތް 20 ވަނަ މަޖިލީހާ އަޅާބަލާއިރު ބޮޑެތި ތަފާތުތަކެއް ފެންނާނެ ކަމަށާއި ކުރިއަށްވުރެ ބޮޑަށް މިހާރު ސަރުކާރު ޖަވާބުދާރީ ކުރުވާތަން ފެންނާނެ ކަމަށެވެ.

ފަލާހް މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު އެމްޑީޕީން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ކެމްޕެއިން ކުރަމުންދަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން އެެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށެވެ.