Advertisement

އެމްއޭސީއެލްއިން ރިސޯޓު ތަރައްގީ ކުރުމުގެ ވިޔަފާރިއަށް

21 އޮކްޓޯބަރު 2025 - 12:02 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްއޭސީއެލްއާ ރިސޯޓަކާއި ހޮޓެލްސް ސްކޫލެއް ތަރައްގީކުރަން ހަވާލުކުރުން -- ފޮޓޯ: ރައީސް އޮފީސް


އެމްއޭސީއެލްއިން ރިސޯޓު ތަރައްގީ ކުރުމުގެ ވިޔަފާރިއަށް

21 އޮކްޓޯބަރު 2025 - 12:02 0

ލ. ހުޅިމެންދޫގައި ފަސް ތަރީގެ ހޮޓެލް ސްކޫލަކާއި ރިސޯޓެއް ތަރައްގީކުރުމަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ މިދިޔަ އަހަރު ހަވާލުކުރި މަޝްރޫއު، އެ ޔުނިވާސިޓީން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ މިއަދު ހަވާލުކޮށްފި އެވެ.

ލ. އަތޮޅަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުގެ ތެރެއިން އެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކުރި އެއްބަސްވުމުގައި އެ ކުންފުނިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. ރަހީމާ އަބްދުއްރަހީމް އެވެ.

މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ރިސޯޓު މަޝްރޫއުގެ ދަށުން ލ. އަތޮޅު ހިމެނޭ ސަރަހައްދަށް އަދި ޓޫރިޒަމް ދާއިރާއަށް ވެސް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

"މި ރިސޯޓު އިރާދަކުރެއްވިއްޔާ ވެގެންދާނީ ހެދިގެންދިޔުމުން ޓޫރިޒަމް ކުރިއެވުމަށްޓަކައި އަދި ވަކިން ހާއްސަކޮށް މީހުން ބިނާކުރުން އޭގައި ހިމެނޭ ގޮތަށް ކުރިއެރުވުމަށްޓަކައި ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް. ވަރަށް މުހިންމު މަޝްރޫއަކަށް،" މުއިއްޒު ވިދާޅުވި އެވެ.

ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އޮޕަރޭޓް ކުރުމުގެ މަސްއޫލިއްޔަތު ހަމައެކަނި އޮންނަ އެމްއޭސީއެލްއާ ތަރައްގީގެ ގިނަ މަޝްރޫއުތައް ސަރުކާރުން އަންނަނީ ހަވާލުކުރަމުންނެވެ. އޭގެ ތެރޭގައި ފިޓްނަސް ސެންޓަރުތަކާއި އެއާޕޯޓްތައް ތަރައްގީކުރުންފަދަ މަޝްރުއުތައް ހިމެނެ އެވެ.

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ފަދަ ކުންފުނިތަކާ މަޝްރޫއުތައް އަންނަނީ ހަވާލުކުރަމުންނެވެ. އޭގެ ސަބަބުން އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ނުލިބޭ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމްއެންޔޫއާ ހުޅިމެންދޫ ހަވާލުކުރީ ފަސްތަރީގެ ރިސޯޓަކާއި އެ ތަނުގައި ފެންވަރު ރަނގަޅު ހޮޓެލް ޓްރެއިނިން ސްކޫލެއް ވެސް ގާއިމު ކުރުމަށެވެ.

މުސްތަގުބަލުގައި ހުޅިމެންދޫ ވެގެންދާނީ ހޮޓެލް މެނޭޖްމަންޓްގެ ދާއިރާއިން އިންޓާންޝިޕްގެ އިތުރުން ޕްރޮފެޝަނަލުންތައް އުފައްދާ ތަނަކަށް ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.