20 އޮކްޓޯބަރު 2025 - 13:51 0
އަހުމަދު އާއިދު
އާޓް ވޯކް: އިސްމާއިލް އިމްދާދު/އަދަދު
20 އޮކްޓޯބަރު 2025 - 13:51 0
މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ އައިސް މާލޭގައި ބަނދަރުކުރި އެމެރިކާގެެ ރިސާޗް އުޅަނދު މާލެއިން ފުރައިގެން ގޮސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދޫނުކޮށް އައްޑޫ ސިޓީ ކައިރި އެނބުރެމެންދާކަން އެނގިއްޖެ އެވެ.
އެމެރިކާގެ އަމިއްލަ ކުންފުނި، ޕެސިފިކް ސާވާ ގްރޫޕުން ދުއްވާ އުޅަނދެއް ކަމަށްވާ "އޯޝަން ޓައިޓަން" މާލެ އައިސް ބަނދަރުކުރީ ސެޕްޓެމްބަރު 30، ގަ އެވެ. މި ނޫހުން އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި މާލޭގައި ބަނދަރުކޮށްފައި އޮތުމަށްފަހު އޯޝަން ޓައިޓަން ފުރީ އޮކްޓޯބަރު 6، ގަ އެވެ.
ރާއްޖެ އައުމުގެ ކުރިން އެ ބޯޓުން ވަނީ ޓްރެކިންގެ ބައެއް ވަސީލަތްތައް ނިއްވާލާފަ އެވެ. އާންމު ޓްރެކިން ސައިޓުތަކުން އަދިވެސް ދައްކަނީ އެ ބޯޓު ރާއްޖެ އައުމުގެ ކުރިން މީގެ 52 ދުވަސް ކުރިން އޮސްޓްރޭލިއާ ކައިރި އޮތް ތަނެވެ.
ސެޓްލައިޓު އޭއައިއެސް ޓްރެކިން ބޭނުންކޮށްގެން އަދަދު އިތުރަށް ހޯދި ހޯދުމުން ފެންނަ ގޮތުގައި މާލެއިން ފުރައިގެން އެ ބޯޓުން ދަތުރުކޮށްފައިވަނީ ރާއްޖޭގެ އިރުން ދެކުނަށެވެ. ދެ ދުވަހުގެ ދަތުރަކަށްފަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުނުވެ އައްޑޫއާ ދިމާލަށް ދަތުރުކުރަން ފެށީ އޮކްޓޯބަރު 8، ގަ އެވެ.
އެ ބޯޓު އައްޑޫގެ ދެކުނުން، އެ އަތޮޅު ކައިރިއަށް ދިޔައީ އޭގެ ދެ ދުވަސް ފަހުން އޮކްޓޯބަރު 10، ގަ އެވެ. އޭގެ ފަހުން މި ވީ 10 ދުވަހު އެމެރިކާގެ ބޯޓުން ވަނީ އައްޑޫ ކައިރިން އަދި ހުވަދޫ އަތޮޅާއި ލ. އަތޮޅުގެ ހުޅަނގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާފަ އެވެ.
އެމެރިކާގެ ރިސާޗު އުޅަނދު އޯޝަން ޓައިޓަން އައްޑޫ ކައިރި ދަތުރުކުރަމުންދާ ގޮތް ފެންނަ ޗާޓެއް ---- ފޮޓޯ: ވެސަލް ފައިންޑާ
ވޭތުވެދިޔަ ހަތަރު ދުވަހު އެ ބޯޓު ދުއްވާފައިވަނީ އައްޑޫ އާއި ވަރަށް ކައިރިންނެވެ. އޮކްޓޯބަރު 16، އަދި މިއަދު ހެދުނު އެމެރިކާގެ ބޯޓު ވަނީ ހިތަދޫއާ މޭލަކަށްވުރެ ކައިރިިން ދަތުރުކޮށްފަ އެވެ. މިއަދު ހެދުނު އެ ބޯޓު ދަތުރުކުރިއިރު، ހިތަދޫ އައްސޭރީގައި ތިބި ބަޔަކަށް ބޯޓު ފެނުމުގެ ފުރުސަތު ބޮޑެވެ.
މި ބޯޓުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ސާވޭއެއް ހަދާކަން ނުވަތަ ރިސާޗެއް ކުރިއަށް ގެންދާކަން ސާފެއް ނޫނެވެ. މިފަދަ ކަމަކަށް ސަރުކާރުން ހުއްދަ ދީފައިވާކަން ސާފުކުރުމަށް މި ނޫހުން މަސައްކަތް ކުރި ނަމަވެސް ސަރުކާރުގެ ވަޒީރުންނާއި އޮފީސްތަކުން ޖަވާބެއް ދީފައެއް ނުވެ އެވެ.
ޕެސިފިކް ސާވޭ ގްރޫޕުން މި އުޅަނދު ގަތީ 2015 ގަ އެވެ. 1989 ގައި ދަތުރުތަކަށް ނެރުނު މި އުޅަނދު އޭގެ ކުރިން ބޭނުންކުރަމުން އައި އެމެރިކާ ސަރުކާރުގެ އެޖެންސީއެއް ކަމަށްވާ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑިމިނިސްޓްރޭޝަން (އެންއޯއޭއޭ) އިންނެވެ. އޭރު މި އުޅަނދަށް ކީ ނަމަކީ "އެންއޯއޭއޭއެސް ކާއިމިމޮއާނާ" އެވެ.
އެމެރިކާ ސަރުކާރުން މި އުޅަނދު ބޭނުންކުރަމުން ދިޔައީ ކަނޑާއި މޫސުމީ ދިރާސާތައް ކުރުމަށެވެ. ދުނިޔޭގެ އެކި ކަނޑުތަކުގައި، އެކި ސަރަހައްދުތަކުގައި މި އުޅަނދުން ދިރާސާތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އެމެރިކާގެ ބޮއިތަކާއި ކަނޑު އަޑީގެ އާލާތްތައް މަރާމާތު ކުރުމުގެ މަސައްކަތްތައް މި އުޅަނދުން ކުރި އެވެ.
ޕެސިފިކް ސާވޭ ގްރޫޕަކީ އެމެރިކާ ސަރުކާރާއެކު ވިޔަފާރީގެ ގުޅުން ބާއްވާ، އެކި ޕްރޮޖެކްޓަކުގައި ސަރުކާރާއެކު މަސައްކަތް ކުރާ ކުންފުންޏެކެވެ. އެ ކުންފުނިން ޓައިޓަން ބޭނުންކުރަނީ ދިރާސާތަކުގެ ބޭނުމަށެވެ.
އެމެރިކާގެ ކަނޑުގެ ރިސާޗު އުޅަނދެއް ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރުގެ ކުރީކޮޅު ޗައިނާގެ ރިސާޗު އުޅަނދު, ޝިއެން ޔެން ހޮން 3, ވަނީ ރާއްޖޭގެ ބޯޑަރު ކައިރި ތިން މަސްދުވަސް ހޭދަކޮށްފަ އެވެ. ހުއްދަ ނަގައިގެން ދެ ފަހަރެއްގެ މަތިން މާލޭގައި ބަނދަރު ވެސް ކުރި އެވެ.
މި އުޅަނދުގެ ހަރަކާތްތަކާ ގުޅޭގޮތުން ހޯދާފައިވާ ޓްރެކިން މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ޗައިނާގެ އުޅަނދު ވަނީ އެކި ފަހަރު މަތިން ރާއްޖޭގެ އީއީޒެޑުގެ ތެރޭގައި ދުއްވާފަ އެވެ. އެގޮތުން, އައްޑޫގެ އިރު ދެކުނުން ރާއްޖޭގެ ސަރަހައްދުގެ ތެރެއަށް އެތައް މޭލެއް ޗައިނާގެ އުޅަނދު ވަނީ ވަދެފަ އެވެ.
މީޑިއާ ރިޕޯޓުތަކަށްފަހު މި އުޅަނދު ރާއްޖެއަށް އަންނަކަން ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދިނެވެ. އޭރު ނެރުނު ބަޔާނެއްގައި ބުނީ ދިރާސާ ކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ކަމަށެވެ. ބެލެވޭ ގޮތުގައި ދެފަހަރު މަތިން ތިލަފުށީގައި މި އުޅަނދު ބަނދަރުކުރީ މި ބޭނުމުގަ އެވެ.
Comment