Advertisement

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ނައްތާލައިފި

19 އޮކްޓޯބަރު 2025 - 20:53 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓުތައް ނައްތައިލުމަށް ތައްޔާރު ކޮށްފައި -- ފޮޓޯ: ޝާފިއު / އަދަދު


ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ނައްތާލައިފި

19 އޮކްޓޯބަރު 2025 - 20:53 2

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ހިފަހައްޓާފައި ހުރި ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މިއަދު ނައްތާލައިފި އެވެ.

ކަސްޓަމްސްއިން މިއަދު އަންދައި ނައްތާލައިފައި ވަނީ 3,183,040 ސިނގިރޭޓު ސްޓިކްސް އެވެ. 199 ކޭހުގެ ސިނގިރޭޓު ނައްތައިލީ މީޑިއާތަކުގެ ހާޒިރުގައި މިއަދު ދޫނިދޫގަ އެވެ.

ކަސްޓަމްސްއިން ބުނީ މިއަދު ނައްތައިލި ސިނގިރޭޓަކީ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައިވާ ތަކެތި ކަމަށެވެ.

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭތުތަކެއް މިއަދު ނައްތާލާފައިވާއިރު، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، ވޭޕު މަނާކުރުމާ އެކު ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. މިހެން އެތެރެކުރަން އުޅުނު ބައެއް ޝިޕްމަންޓުތައް އަތުލައިގަތް ނަމަވެސް، އަތުލައިގަނެވެނީ މަދު އަދަދެއް ކަމަށް ބެލެވެ އެވެ.

ވަގަށް ސިނގިރޭޓު އެތެރެކޮށް ވިއްކާ މައްސަލަތައް އިތުރުވެފައި ވަނިކޮށް އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓު މީގެ ދެ މަސްދުވަސް ކުރިން ވަނީ ވަގަށް ނަގައިފަ އެވެ. އެއީ އޭޕްރީލް މަހު ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރޭޓުތަކުގެ ޑިއުޓީއަށް ވެސް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.

އެ ސިނގިރޭޓުތައް އެތެރެ ކުރީ ސައުދީ ބިންލާދިން ގްރޫޕުން އެތެރެ ކުރި ދެ ކޮންޓެއިނަރުގެ ތެރޭގަ އެވެ. ކޮންޓެއިނަރު އެތެރެ ކުރީ ލިއޯ ޓްރޭޑިން ކުންފުނިންނެވެ. ކަސްޓަމްސް އިން ބުނީ ވަގަށް ސިނގިރޭޓު އެތެރެ ކުރާކަން އެނގިގެން އެ ދެ ކޮންޓެއިނަރު ފްލެގު ކުރީ ކަސްޓަމްސްއިން ކަމަށެވެ.

އެ މައްސަލައިގައި މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ، އަހުމަދު އާރިފާއި މުހައްމަދު ވަހީދުގެ އިތުރުން ކަސްޓަމްސްގެ އިސް އޮފިސަރު، ޒިވާރު އިސްމާއިލް އަދި ކަސްޓަމްސްގެ ކުރީގެ އޮފިސަރު، މުއާޒު އަލީ ވަނީ ހައްޔަރުކޮށްފަ އެވެ.

އާރިފް އާއި ޒިވާރުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވާއިރު، މުހައްމަދު ވަހީދުގެ ބަންދަށް ދީފައި ވަނީ 10 ދުވަހެވެ. މުއާޒް ބަންދުގައި ބަހައްޓަން އަމުރު ކުރީ ފަސް ދުވަހުގެ މުއްދަތަކަށެވެ.