Advertisement

އަވަސް އަރުވާލައިގެން އައްޑޫ ބައިކުރާ ވޯޓު ނެގުމުގެ ބަދަލުގައި ވޯޓާއެކު ނުކުންނާނެ ނަތީޖާ ކިޔައިދޭންޖެހޭ: ފައްޔާޒު

19 އޮކްޓޯބަރު 2025 - 19:32 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އަވަސް އަރުވާލައިގެން އައްޑޫ ބައިކުރާ ވޯޓު ނެގުމުގެ ބަދަލުގައި ވޯޓާއެކު ނުކުންނާނެ ނަތީޖާ ކިޔައިދޭންޖެހޭ: ފައްޔާޒު

19 އޮކްޓޯބަރު 2025 - 19:32 1

އައްޑޫ ސިޓީން އެ އަތޮޅުގެ ތިން ރަށެއް ވަކިކުރަން ފެނޭތޯ ބެލުމަށް އަވަސް އަރުވާލައިގެން ވޯޓެއް ނެގުމުގެ ބަދަލުގައި އެ ވޯޓުގެ ނަތީޖާ ނުކުންނަ ގޮތަކުން ކަންކަން ވެގެންދާނެ ގޮތް ސަރުކާރުން ސާފުކޮށް އޮޅުންފިލުވައިދޭން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ފައްޔާޒް މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ބައިކުރާ ވޯޓާ ގުޅޭގޮތުން އައްޑޫގެ ވަރަށް ގިން އެމްޑީޕީ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އައްޑޫ ބައިކުރާ ވޯޓާ ގުޅިގެން އެ ރައްޔިތުންގެ ވަރަށް ބައިވަރު ކަންބޮޑުވުންތަކާއި ސުވާލުތައް އެބަހުރި ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"ރެފަރަންޑަމްގެ ނަތީޖާގެ ސަބަބުން އެ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ހައްލު ލިބިގެންދާނެތޯ؟ ނުވަތަ އޭގެ ސަބަބުން އެ ތަކުލީފުތައް ވާނީ އިތުރުތޯ؟ ރެފަރަންޑަމްގައި ނިންމާ ގޮތްތަކުން ނުކުންނާނެ ނަތީޖާގެ ސާފު މައުލޫމާތު ސަރުކާރުން ޒިންމާދާރުކަމާއެކު ރައްޔިތުންނަށް އޮޅުންފިލުވައި ދިނުން މުހިންމު،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ހުރި ހިތްހަމަނުޖެހުންތަކާއި ކަންބޮޑުވުންތަކަކީ ގާނޫނަށް ބަދަލު ގެނެސްގެން ހައްލު ކުރެވެން ހުރި ކަންކަން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަން ފެނޭތޯ ވެސް ރިފަރެންޑަމް ވޯޓުގައި ހިމަނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިފަރަންޑަމްގައި ރަށްރަށަށް ދިމާވެފައިވާ މައްސަލަ ގާނޫނުން ހައްލުކޮށް، މިހާރު އޮތްގޮތަށް ހުރިހާ ރަށެއް އެއްކޮށް ބޭއްވުމާ މެދު ރައްޔިތުން ދެކޭގޮތް ރިފަރަންޑަމަށް އިތުރުކުރަން ވެސް ރައްޔިތުން ބޭނުންވޭ،" ފައްޔާޒް ވިދާޅުވި އެވެ.

އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭ ގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އޮކްޓޯބަރު 5، ގަ އެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.

އެ ވޯޓު އިއުލާން ކުރެއްވުމަށް ފަހު މުއިއްޒު ވިދާޅުވީ އެ ވޯޓާ ގުޅިގެން ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށާއި ރައްޔިތުންގެ މެޖޯރިޓީން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ ކަމަށެވެ.

"އައްޑޫ ގެ ފޭދޫ، ހުޅުދޫ، މީދޫ ގައި ނަގާ ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއްނެތް. ސަރުކާރުން އިހްތިޔާރު ކުރާ ވަކި ނަތީޖާއެއްނެތް. ރައްޔިތުންގެ މެޖޯރިޓީ އިން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެހެން ވިދާޅުވި ނަމަވެސް ހޮނިހިރު ދުވަހު އޮންނަ ރިފަރެންޑަމްގައި ވަކިވުމާ އެއްކޮޅަށް ވޯޓު ހޯދަން މަޖިލިސް މެންބަރު، އިބްރާހިމް ދީދީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ދަނީ އައްޑޫގައި ކެމްޕޭން ކުރަމުންނެވެ.