Advertisement

ބީއެމްއެލްގެ އެކިއުޓީގެ 93 ޕަސަންޓު ހުރީ ސަރުކާރުގައި، އެއީ 13 ބިލިއަން ރުފިޔާ: ޔާމީން

18 އޮކްޓޯބަރު 2025 - 10:11 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ ރައީސް ޔާމީން: ސަރުކާރުން ބީއެމްއެލްގެ ޓްރެޝަރީ ބިލްތައް ގަނެގެންނާއި ސަރުކާރުގެ ބޮންޑުތައް ބީއެމްއެލް އިން ގަނެފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު


ބީއެމްއެލްގެ އެކިއުޓީގެ 93 ޕަސަންޓު ހުރީ ސަރުކާރުގައި، އެއީ 13 ބިލިއަން ރުފިޔާ: ޔާމީން

18 އޮކްޓޯބަރު 2025 - 10:11 2

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކިއުޓީގެ 93 ޕަސަންޓު، ފައިސާގެ ގޮތުން ބަލާނަމަ 13.2 ބިލިއަނެއްހާ ރުފިޔާ ހުރީ ސަރުކާރުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދުވީ ބީއެމްއެލްގެ 90 ޕަސަންޓަށް ވުރެ ގިނަ އެކިއުޓީ ސަރުކާރުގައި އޮތީ ސަރުކާރުން ބީއެމްއެލްގެ ޓްރެޝަރީ ބިލްތައް ގަނެގެންނާއި ސަރުކާރުގެ ބޮންޑުތައް ބީއެމްއެލް އިން ގަނެގެން ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސްގެ އެކިއުޓީގެ 90 ޕަސަންޓަށް ވުރެ ބޮޑުބައި އެ ހުރީ ދިވެހި ސަރުކާރުގައި. އެނގޭތޯ. އެއީ ޓްރެޝަރީ ބިލް ގަނެފައި އެ އޮތީ ބޭންކް އޮފް މޯލްޑިވްސް އިން ޓްރެޝަރީ ބިލް ގަތީ ސަރުކާރުން. ސަރުކާރުގެ ބޮންޑު ގަންފައި އޮތީ ބެންކް އޮފް މޯލްޑިވްސް އިން. ގާތްގަނޑަކަށް 13.2 ބިލިއަން ރުފިޔާ ބޭންކް އޮފް މޯލްޑިވްސްގެ ލާރިން. އެއީ އެކިއުޓީގެ 93 ޕަސަންޓް ކަމަށް މިވަނީ،" ޔާމީން ވިދާޅުވި އެވެ.

ބީއެމްއެލް އިން ސަރުކާރަށް ދިޔަދޯއްޔެއް ފަހިކޮށްދީ އެ ބޭންކުގައި ހުރި ހުރިހާ ފައިސާއެއް ދަވާލާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ ބީއެމްއެލްއަކީ ސަރުކާރުގެ ތަނެއް ނޫން ކަމަށްވާއިރު، ހިއްސާދާރުންނަށް ވެސް ވާނުވާއެއް ނޭގޭ ކަމަށެވެ.

ޔާމީން ވިދާޅުވީ ސަރުކާރުން ބީއެމްއެލްގެ ފައިސާ ހޯދީ އެމްއެމްއޭ އިން ފައިސާ ނުހޯދިގެން ކަމަށާއި އޭގެ ސަބަބުން ވިޔަފާރިވެރިންނާއި އެހެނިހެން މީހުންގެ ބޭނުންތައް ފުއްދައިދޭން ބީއެމްއެލް އިން ދޭނެ ލާރިއެއް މިހާރު ނުހުންނެ ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސްގެ ބޮޑު އެކިއުޓީ އެއޮތީ ސަރުކާރަށް ދިޔަދޯއި ފަހިކޮށްދީފައި އެއޮތީ. އެހެންވީމަ ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ލާރިއެއް އެއޮތީ ސަރުކާރުން ދަވާލައިގެން. ކޮބައިތޯ ގަވަނަންސްއަކީ. ބޭންކް އޮފް މޯލްޑިވްސްއަކީ ސަރުކާރު ތަނެއް ނޫނޭ. އާންމު ހިއްސާދާރުން އެބަތިބެއޭ،" ޔާމީން ވިދާޅުވި އެވެ.

"މުޅި އެކިއުޓީގެ އޯވާ 90 ޕަސަންޓް ސަރުކާރަށް ލެންޑުކޮށްފައި. އެހެންވީމަ އޭގެ މާނައަކީ އެމްއެމްއޭގެ ތެރެއިން ފައިސާ ނުހޯދެނީ. އެމްއެމްއޭއިން ޗާޕެއް ނުކުރޭ. އެހެންވީމަ ބޭންކް އޮފް މޯލްޑިވްސް އިން ލާރިކޮޅު ގެންދިޔައީ. ދެން ކޮބައިތޯ ބޭންކް އޮފް މޯލްޑިވްސް އިން ޕްރައިވެޓް ވިޔަފާރިވެރިންނާއި އެކި ކަންތައް ބޭނުންވާ މީހުންނަށް ލާރި ލެންޑުކުރަން. ކޮން ލާރިއެއްތޯ އެމީހުން އަތުގައި ހުންނާނީ."

ޔާމީން އިތުރަށް ވިދާޅުވީ ބީއެމްއެލް އިން މާލީ ބަގާވާތެއް ހިންގި ކަމަށް ބުނެ އެ ބޭންކުގެ ބޮލުގައި ސަރުކާރުން ތުހުމަތު އެޅުވީ އެތަން އަޅުވެތި ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ބީއެމްއެލް މުޅިން އެއްކޮށް ސިޔާސީވެ، އެތަނުގެ ޕްރޮފެޝަނަލްކަން ގެއްލެމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކޮށް ސުވާލު އުފައްދަމުންނެވެ.

އެގޮތުން ކޮންޓެންޓު ކްރިއޭޓަރުންގެ ލޯނާއި 5 ޕަސެންޓު އިކްއިޓީ ބަހައްޓައިގެން ފްލެޓު ގަންނަން ލޯނު ދިނުމާއި، ރަށު ކައުންސިލްތަކުގެ އޮފީސް އިމާރާތްތަކުގެ ޕްރޮޖެކްޓަށް ސަރުކާރުން ފައިސާ ދެވެން ނެތިގެން، 631 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓަށް ފައިނޭންސް ހަމަޖައްސައި ދިނީ ވެސް ބީއެމްއެލްއިންނެވެ.