Advertisement

އާ ޑްރޯންތަކުގެ ދެވަނަ ޝިޕްމަންޓު މިރޭ އައްްޑޫއަށް ގެންނަނީ

17 އޮކްޓޯބަރު 2025 - 22:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މި ސަރުކާރުން އެމްއެންޑީއެފް އަށް ގެނައި ބައިރަކްތާރު ޓީބީ2 ޑްރޯން އެއް ކައިރި ރައީސް މުއިއްޒު އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް --- ފޮޓޯ: ރައީސް އޮފީސް


އާ ޑްރޯންތަކުގެ ދެވަނަ ޝިޕްމަންޓު މިރޭ އައްްޑޫއަށް ގެންނަނީ

17 އޮކްޓޯބަރު 2025 - 22:57 0

އާ ޑްރޯންތަކުގެ ދެވަނަ ޝިޕްމަންޓު މިރޭ އައްޑޫ، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގެންނަކަން އެނގިއްޖެ އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫއަށް ދެވަނަ ޝިޕްމަންޓު ގެނައީ މިރޭގެ ވަގުތެއްވަ އެވެ. މި ޑްރޯންތަކުގެ ފުރަތަމަ ޝިޕްމަންޓު ގެނައީ ބެލަރޫސްގެ "ރޫބީ ސްޓާ އެއާވޭސް" ގެ Ilyushin Il-76TD މަރުކާގެ ބޯޓުގަ ބުދަ ދުވަހުގެ ރޭ އެވެ.

މިފަހަރުގެ ދެ ވަނަ ޝިޕްމެންޓު ހިފައިގެން ބޯޓު މިރޭ ފުރީ ޔޫއޭއީގެ ފުޖައިރާ ސިޓީންނެވެ. އެ ބޯޓު މިވަގުތު އޮތީ ރާއްޖޭގެ ވައިގެ ސަރަހައްދުގަ އެވެ. ދަތުރުކުރަމުން ދަނީ އައްޑޫ، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ދިމާލަށެވެ.

މި ބޯޓު ބުދަ ދުވަހުގެ ރޭ ރާއްޖެ އައުމާއެކު އެ ބޯޓުން ކޮށްފައިވާ ދަތުރުތަކުގެ ތަފުސީލު މި ނޫހުން ހޯދި އެވެ. އެ މައުލޫމާތުން އެނގުނު ގޮތުގައި ބުދަ ދުވަހުގެ ރޭ ރާއްޖެ އައުމުގެ ކުރިން އެ ބޯޓު ތުރުކީއަށް ދިޔަ އެވެ.

ޔޫއޭއީގެ ފުޖައިރާ ސިޓީގެ އެއާޕޯޓުން ފުރައިގެން އެ ބޯޓު އައްޑޫއާ ދިމާލަށް ދަތުރުކުރަނީ ---- ފޮޓޯ: ފްލައިޓް ރާޑަރު


އެ ބޯޓު ދިޔައީ ތުރުކީގައި ޑްރޯން އުފައްދާ ކުންފުނި، ބައިކާރު ކުންފުނީގެ ޓެސްޓިން އަދި ޑްރޯން އުފައްދާ ފެސިލިޓީތަކެއް ހުންނަ ތެކިރްދާ ސިޓީ އަށެވެ. އެ ދަތުރަށްފަހު ޔޫއޭއީގެ ފުޖެއިރާއަށް ގޮސް، މި ބޯޓު އިއްޔެ ވަނީ ތުރުކީގެ އެ ސިޓީއަށް އިތުރު ދަތުރެއް ކޮށްފަ އެވެ.

ޑްރޯންގެ ފުރަތަމަ ޝިޕްމަންޓުގައި ހިމެނުނީ 20 ފޫޓުގެ ތިން ކޮންޓެއިނަރުގަ އެވެ. ޑްރޯންތައް އެސެމްބަލްކޮށް ޓެސްޓު ކުރުމަށް ބައިކާރުގެ ޓީމެއް ރާއްޖެ އަންނާނެ އެވެ.

މި ޑްރޯންތަކާ ގުޅޭ މައުލޫމާތު ހާމަކުރަން އެމްއެންޑީއެފްއިން ދެކޮޅު ހެދި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ދިވެހި އަސްކަރިއްޔާގެ ބޭނުމަށް ގަނެފައިވަނީ ބައިކާރުން އުފައްދާ "ބައިރަކްތާރު އަކިންޗީ" ޑްރޯންތަކެކެވެ. ގަނެފައިވަނީ އެ މަރުކާގެ ތިން ޑްރޯން އާއި ގްރައުންޑް ކޮންޓްރޯލް ޔުނިޓެއް ކަމަށާއި މި ޑްރޯންތައް އޮޕަރޭޓް ކުރަނީ އައްޑޫގައި ގާއިމުކުރާ ސިފައިންގެ ވައިގެ މަރުކަޒުގައި ކަން އެނގިފައިވެ އެވެ.

ޑްރޯންތައް އޮޕަރޭޓުކުރަން އެމްއެންޑީއެފް އިން އަންނަނީ ގަމު އެއާޕޯޓުގައި ޑްރޯން ބޭސް އެއް ތަރައްގީ ކުރަމުންނެވެ.

ސަރުކާރުން ސިފައިންނަށް އިރުޝާދު ދީފައިވަނީ މި މަހުގެ ފަހުކޮޅު ރައީސް މުހައްމަދު މުއިއްޒު އައްޑޫއަށް ކުރައްވާ ދަތުރުގައި އެ ބޭސް އިފްތިތާހު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ. މައުލޫމާތު ލިބޭ ގޮތުގައި މުއިއްޒު އައްޑޫއަށް ވަޑައިގަންނަވަނީ މި މަހުގެ ފަހު 10 ދުވަހުގެ ތެރޭގަ އެވެ.

މީގެ ކުރިން ގަތް ބައިކާރު ކުންފުނިން އުފައްދާ ބައިރަކްތާރު ޓީބީ-2 ޑްރޯންތައް ގަތުމަށް ސަރުކާރުން ކުރި ހަރަދު ވަނީ ސިއްރުކޮށްފަ އެވެ. ޑްރޯންތައް ގަންނަން ތުރުކީއާއެކު ވީ އެއްބަސްވުމާއި ޑްރޯންތަކުގެ ތަފުސީލު ދިނުމަށް، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ހާޒިރުކުރި 241 ކޮމިޓީގެ ބައްދަލުވުން ވެސް ޑިފެންސުން އެދިގެން ސިއްރުކުރި އެވެ.

އިތުބާރު ހުރި މަސްދަރުތަކުން ބުނާ ގޮތުގައި ޑްރޯން ގަތުމަށް އެއްބަސްވުމުން ހެދީ 37 މިލިއަން ޑޮލަރު (570 މިލިއަން ރުފިޔާ) އަށެވެ. މި ފައިސާ ހަރަދުކުރީ ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުންނެވެ. މިފަހަރު ކުރި ހަރަދުގެ ތަފުސީލު ވެސް ސަރުކާރުން ހާމަ ނުކުރާއިރު، ވޭތުވެދިޔަ މަހެއްހާ ދުވަހު ދައުލަތުން މާލީ ހިސާބުތައް ހާމަކޮށްފައެއް ނުވެ އެވެ.