Advertisement

ކައިރިކައިރީގައި އެއާޕޯޓު އަޅާތީ ނަޝީދުގެ ފާޑުކިޔުން، ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމުގެ ޕްލޭނެއް ނެތް ކަމަށް

16 އޮކްޓޯބަރު 2025 - 19:10 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކުރީގެ ރައީސް ނަޝީދު، ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމުގެ މަސައްކަތް ފެށީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ނަޝީދުގެ ވެރިކަމުގައި --- ފޮޓޯ: އަދަދު ފައިލް


ކައިރިކައިރީގައި އެއާޕޯޓު އަޅާތީ ނަޝީދުގެ ފާޑުކިޔުން، ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމުގެ ޕްލޭނެއް ނެތް ކަމަށް

16 އޮކްޓޯބަރު 2025 - 19:10 2

ލޯންޗުގައި 30 މިނެޓުން ދަތުރުކޮށްފައި ދެވޭހާ ކައިރިކައިރީގައި އެއާޕޯޓު އަޅަމުންދާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅުގައި ދެ އެއާޕޯޓެއްގެ މަޝްރޫއު ވަނީ ފަށާފަ އެވެ. ރާއްޖޭގައި މިވަގުތު ވެސް އޮޕަރޭޝަނަލް ހާލަތުގައި 20 އެއާޕޯޓު އޮތްއިރު އޭގެތެރެއިން ހަތަރު އެއާޕޯޓު އޮންނަނީ ބޮޑުތިލަދުންމަތީގަ އެވެ.

ނަޝީދު ވަނީ އެ އެއާޕޯޓުތައް އޮއްވައި އިތުރު އެއާޕޯޓު އަޅަން ނިންމީ 19 މިނެޓާއި 36 މިނެޓާ ދެމެދުގެ ދަތުރަކުން ލޯންޗުގައި ދެވޭނެހާ ކައިރީގައި އޮތް ރަށްރަށުގައި ކަމަށް ވިދާޅުވެފަ އެވެ. އޭގެ ސަބަބުން އެތަކެއް ގެއްލުމެއް ލިބޭނެކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"ހުރިހާ އެއާޕޯޓެއްގައި ވެސް މާލީ/އިގުތިސޯދީ ދެކޮޅު ޖެހުމެއް ނެތުން، ގައުމީ އެއާލައިނަށް ދެއުޅިއެއްނުވާ ހަރަދުތަކެއް ހިންގާން ޖެހުން، އަދި ލޯކަލް ޓޫރިޒަމުން ވެސް ކުރާންވީ މަންފާ ނުކުރުން،" ނަޝީދު އެކްސްގައި ލިޔުއްވި އެވެ.

މި މަޝްރޫއުތައް ކުރިއަށްގެންދިޔުމުން ހާމަވަނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގެ ޕްލޭނެއް އަދި އަމާޒެއް ވެސް ނެތުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު މިކަން ސިފަކުރެއްވީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގަ އެވެ.

ކޮންމެ ރަށަކުން 20-30 މިނެޓުން ދެވޭނެ އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރާއްޖޭގެ މައި ދެ ސިޔާސީ ފިކުރުން ވެސް ވެރިކަމަށް އައުމަށް ވި ވައުދެކެވެ. އެމްޑީޕީ ސަރުކާރުން ވެސް ގިނަ އެއާޕޯޓުތަކެއް ތަރައްގީ ކުރަން ފެށިއިރު މި ސަރުކާރުން ވެސް އެ ސިޔާސަތު ބަދަލުކުރުމެއް ނެތި އަންނަނީ ތަންފީޒު ކުރަމުންނެވެ.

ކޮންމެ އެއާޕޯޓެއް ހިންގުމަކީ ވެސް ބޮޑު ހަރަދުތަކެއް ދާނެ ކަމެއް ކަމަށްވާއިރު ފައިދާވާނެ ގޮތަށް ރާއްޖޭގައި ގިނަ އެއާޕޯޓުތަކެއް ނުހިންގޭނެ އެވެ. ގިނަ އެއާޕޯޓުތަކަށް ދުވާލަކު އެއް ފްލައިޓު ވެސް ނޯންނައިރު ބައެއް އެއާޕޯޓުތަކަށް ހަފްތާއަކު ޖައްސަނީ އެއް ފްލައިޓެވެ. އެހެންވެ ގިނަ އެއާޕޯޓުތައް ހިންގަނީ ގެއްލުމުގަ އެވެ.

ރާއްޖެއަކީ ކުޑަކުޑަ އާބާދީއަކަށްވުމާއި ރިސޯޓުތަކަށް އަންނަނީ ވެސް އަހަރަކު ދެ މިލިއަނެއްހާ ފަތުރުވެރިން ކަމަށްވުމާއެކު ކިތަންމެ ގިނައިން އެއާޕޯޓު އެޅި ނަމަވެސް އެއީ ފައިދާއެއް ކުރާނެ ތަންތަނެއް ނޫނެވެ.

ރާއްޖެއަކީ މާ ބޮޑު އޭވިއޭޝަން އިންޑަސްޓްްރީއެއް އޮތް ގައުމެއް ނޫނެވެ. އަދި އެ އިންޑަސްޓްރީން ފައިދާ ނެރެވޭނެ ވަރުގެ އާބާދީއެއް އޮތް ގައުމެއް ނޫނެވެ. އެއާޕޯޓުތައް އަޅަމުން އަންނަނީ ސިޔާސީ ވައުދުތަކެއް ތަންފީޒު ކުރުމުގެ ގޮތުން ކަމަށްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވެ އެވެ.