Advertisement

އޮކްޓޫބަރު 3 މުޒާހަރާއިން ހައްޔަރުކުރި ޔައުގޫބް ޑޮކްޓަރަށް ދައްކައިފި

16 އޮކްޓޯބަރު 2025 - 13:59 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދާންދޫ ދާއިރާގެ ކުރީގެ މެންބަރު، ޑޮކްޓަރަށް ދެއްކުމަށްފަހު ދަރުމަވަންތަ ހޮސްޕިޓަލުން ނުކުންނަން ދަނީ -- ފޮޓޯ: އެކްސް


އޮކްޓޫބަރު 3 މުޒާހަރާއިން ހައްޔަރުކުރި ޔައުގޫބް ޑޮކްޓަރަށް ދައްކައިފި

16 އޮކްޓޯބަރު 2025 - 13:59 0

އޮކްޓޫބަރު 3، ގައި އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު، ޔައުގޫބް އަބްދުالله މިއަދު ޑޮކްޓަރަށް ދައްކަައިފި އެވެ.

ފުލުހުންގެ ބަންދުގައި ހުރި ޔައުގޫބް ޑޮކްޓަރަށް ދައްކާފައިވާކަން އޭނާގެ ގާނޫނީ ވަކީލު، އަހުމަދު މައުރޫފް މި ނޫހަށް ކަށަވަރު ކޮށްދެއްވި އެވެ. ނަމަވެސް ޔައުގޫބް ޑޮކްޓަރަށް ދެއްކީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގޭ ކަމަށް މައުރޫފް ވިދާޅުވި އެވެ.

"ޑޮކްޓަރަށް ދައްކަން ގެންދިޔައީ، އެކަމަކު ކިހިނެއްވެގެން ކަމެއް އަޅުގަނޑުމެންނަކަށް ނާންގާ، އަޅުގަނޑުމެން އެދިފައި ވާނީ އައިއޯ ގާތު މައުލޫމާތު ސާފު ކޮށްދިނުމަށް،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަންދުގައި ތިބޭ މީހުން ޑޮކްޓަރަށް ދައްކަން ގެންދާނަމަ މީގެ ކުރިން އެ މީހެއްގެ ގާނޫނީ ވަކީލުންނަށް އަންގާ ކަމަށް މައުރޫފް ވިދާޅުވި އެވެ. އެހެންނަމަވެސް ޔައުގޫބް މިއަދު ޑޮކްޓަރަށް ދައްކަން ގެންދިޔައީ ވަކީލުންނަށް އެއްވެސް މައުލޫމާތެއް ނުދީ ކަމަށް މައުރޫފް ވިދާޅުވި އެވެ.

"މީގެ ކުރިން ވަކީލުންނަށް އަންގާނެ ޑޮކްޓަރަށް ދައްކަން ގެންދަންޏާ، އެކަމަކު މިއަދު ނާންގާ އަޅުގަނޑުމެންނަކަށް،" މައުރޫފް ވިދާޅުވި އެވެ.

ޔައުގޫބުގެ އިތުރުން މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ ފަސް މީހެކެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދަށް 15 ދުވަސް ޖެހި މީހުން

  • މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު
  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ
  • މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
  • އަލީ ޖުމާން
  • އަޒްމީ އަލީ
  • ހަސަން ޝާކިރު

މުޒާހަރާގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު އާއި މުހައްމަދު ހަލަފު އިބްރާހިމް އެވެ. ހަލަފު ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ.

މުޒާހަރާގައި އެތައް ހާސް ބަޔަކު ޖަމާވެ، މަޖީދީ މަގުން ހިނގާފައި ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކުރި އެވެ.