15 އޮކްޓޯބަރު 2025 - 19:37 0
މުހައްމަދު ޝަހްޒާން
ސިނގިރޭޓު ކޮންޓޭނަރުތައް ވަގަށްނެގި މައްސަލައިގައި ހައްޔަރުކުރި ޒިވާރު އިސްމާއިލް -- ފޮޓޯ: ފުލުހުން
15 އޮކްޓޯބަރު 2025 - 19:37 0
އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި ހައްޔަރު ކުރި ޒިވާރު އިސްމާއިލް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ސަސްޕެންޑުކޮށްފި އެވެ.
ކަސްޓަމްސް އިން ދާދި ދެންމެއަކު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދުން ފެށިގެން ޒިވާރު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
"މި މައްސަލައިގައި ތުހުމަތުކުރެވޭ މިސާވިސްގެ މުވައްޒަފެއްކަމުގައިވާ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއިލް ވަނީ މިއަދުން ފެށިގެން ވަޒީފާއިން ސަސްޕެންޑުކުރެވިފަ. އަދި ތަހުގީގަށް ފާހަގަކުރެވޭ ކަންކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ވާހަކަ ދެންނެވީމެވެ،" ކަސްޓަމްސްގެ މެސެޖުގައި ބުންޏެވެ.
ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި މުސާރަ ނުލިބޭ ގޮތަށް ޒިވާރު ސަސްޕެންޑު ކުރީ 20 ދުވަހަށެވެ. އަދި މައްސަލައިގައި ކަން ހިނގާ ގޮތަކުން އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
ޒިވާރުގެ އިތުރުން ދެން އެ މައްސަލައިގައި ހިމެނޭ މުއާޒު އަލީ ވެސް ވަނީ އޭނާ އަދާކުރަމުން ދިޔަ ވަޒީފާއިން ސަސްޕެންޑުކޮށްފަ އެވެ. އޭނާއަކީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ސަސްޕެންޑު ކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަކަށެވެ.
އެމްޕީއެލްގައި ހުއްޓައި ސިނގިރޭޓު ދެ ކޮންޓެއިނަރު ވަގަށް ނެގީ މީގެ ދެ މަސްދުވަސް ކުރިންނެވެ. އެއީ އޭޕްރީލް މަހު ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރޭޓުތަކުގެ ޑިއުޓީއަށް ވެސް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.
އެ ސިނގިރޭޓުތައް އެތެރެ ކުރީ ސައުދީ ބިންލާދިން ގްރޫޕުން އެތެރެ ކުރި ދެ ކޮންޓެއިނަރުގެ ތެރޭގަ އެވެ. ކޮންޓެއިނަރު އެތެރެ ކުރީ ލިއޯ ޓްރޭޑިން ކުންފުނިންނެވެ. ކަސްޓަމްސް އިން ބުނީ ވަގަށް ސިނގިރޭޓު އެތެރެ ކުރާކަން އެނގިގެން އެ ދެ ކޮންޓެއިނަރު ފްލެގު ކުރީ ކަސްޓަމްސްއިން ކަމަށެވެ.
އެ މައްސަލައިގައި ޒިވާރު އާއި މުއާޒުގެ އިތުރުން ދެން ހައްޔަރު ކުރީ ބޮޑު ދެ ވިޔަފާރިވެެރިން ކަމަށްވާ އަހުމަދު އާރިފާއި މުހައްމަދު ވަހީދު އެވެ.
އާރިފް އާއި ޒިވާރުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދިނެވެ. މުހައްމަދު ވަހީދުގެ ބަންދަށް ދިނީ 10 ދުވަހެވެ. މުއާޒް ބަންދުގައި ބަހައްޓަން އަމުރު ކުރީ ފަސް ދުވަހުގެ މުއްދަތަކަށެވެ.
މި ހަބަރު ފުރަތަމަ ޝާއިއުކުރިއިރު، ޒިވާރު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރި ކަމަށް ލިޔެވުނީ އޭރު ލިބުނު މައުލޫމާތުގައި ވަކި މުއްދަތެއް ބަޔާންކޮށްފައި ނެތުމުންނެވެ. ފަހުން ކަސްޓަމްސްއިން ވަނީ އޭނާ ސަސްޕެންޑުކުރީ 20 ދުވަހަށް ކަމަށް ބުނެފަ އެވެ. މި މައުލޫމާތު ހިމެނޭ ގޮތަށް ސުރުހީއަށާއި ލިޔުމަށް ބަދަލުގެނެވިފައި ވާނެ އެވެ.
Comment