13 އޮކްޓޯބަރު 2025 - 12:49 1
ސާއިފް ޝިޔާދު
13 އޮކްޓޯބަރު 2025 - 12:49 1
ގާނޫނުގެ ވެރިކަން ދެމެހެއްޓުމާއި، ހިމާޔަތްކުރުމާއި، ރައްޔިތުންގެ ހައްގުތަކާއި، މިނިވަންކަން ރައްކާތެރިކުރުމަކީ ބަންޑާރަ ނައިބުގެ އަސާސީ ވާޖިބާއި މަސްއޫލިއްޔަތެކެވެ. ނަމަވެސް މިދިޔަ މަހު ބާސެލޯ ނަސަންދުރާގައި ބޭއްވި އެ އޮފީހުގެ އަލިމަސް ޖުބިލީ ހަފުލާގެ ހަރަދު ހާމަކުރަން ދެކޮޅު ހަދައި، އެއީ ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށް ބުނެ ދެއްކި ބަހަނާ އަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު އަމަލެކެވެ.
ދައުލަތުގެ މުދަލާއި ފައިސާ ފަރުވާތެރިކަމާއެކު ބެލެހެއްޓުން ކެބިނެޓުގައި ހިމެނޭ ކޮންމެ މީހެއްގެ މައްޗަށް ގާނޫނުއަސާސީ ލާޒިމު ކުރެ އެވެ. އެހެންވެ، ބަންޑާރަ ނައިބު އޮފީހުގެ މާލީ ޒިންމާތަކާއި މުދާ ބަލަހައްޓަމުން ދަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަންޑާރަ ނައިބު އަހުމަދު އުޝާމު ކަށަވަރު ކުރަންޖެހެ އެވެ.
ހިސާބުކިތާބު ބެލެހެއްޓުމާއި، ހޭދަކުރަންޖެހޭ ގޮތް މާލިއްޔަތު ގާނޫނާއި ގަވާއިދުގައި ސާފުކޮށް އެބަ އޮތެވެ. އަދި ދައުލަތުގެ އިދާރާއެއްގައި ހުރި މައުލޫމާތެއް ހޯދަން އެދުމުން އަމަލުކުރާނެ ގޮތް އެކަމާ ގުޅޭ ގާނޫނުގައި އެބަ އޮތެވެ. ގާނޫނާއި ގަވާއިދުތައް އެކުލަވާލުމުގެ ޒިންމާ އޮތް އެއް އިދާރާއިން، އެ ގާނޫނުތައް ބޮލާލައި ޖަހައި، އެ ގާނޫނުތަކުން ކަށަވަރުކުރަންޖެހޭ ކަންކަން ނުކޮށް، ރައްޔިތުންގެ ހައްގުތައް ކަށަވަރު ނުކުރުމަކީ ނުރައްކާތެރި ކަމެކެވެ.
މި ސީރިއަސް މައްސަލަ ފެންމަތިވީ އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް، މައުލޫމާތު ހޯދަން ބަންޑާރަ ނައިބަށް ހުށަހެޅި ހުށަހެޅުމަށް ދިން ޖަވާބުގައި، ނަސަންދުރާގައި ބޭއްވި އަގުބޮޑު ހަފުލާގެ ހަރަދުގެ ތަފުސީލު "ބެލެހެއްޓިފައި ނުވާ" ކަމަށް ބުނުމުންނެވެ.
މައުރޫފު އެދުނީ، ނަސަންދުރާގައި ބޭއްވި ޖަލްސާއަށް ހިނގި ޖުމްލަ ހަރަދާއި، ޖަލްސާ ބޭއްވި ތަން ކުއްޔަށް ހިފުމަށް ހިނގި ހަރަދާއި، ތަން ތައްޔާރުކުރުމަށް ހިނގި ހަރަދުގެ އިތުރުން އިވެންޓު މެނޭޖުކުރުމަށް ހިނގި ހަރަދާއި ކެއުން ހަމަޖެއްސުމަށް ހިނގި ހަރަދާއި، ހަދިޔާ އާއި އިނާމުތައް ދިނުމަށް ހިނގި ހަރަދުތައް ދިނުމަށެވެ.
ދިން ޖަވާބުގައި މިއިން އެއްވެސް ކަމަކަށް ހިނގި ހަރަދެއް ނުބުނެ އެވެ. ޖަވާބު ފަށަމުން ބުނީ، އެ ޖަލްސާއަށް ހިނގި ހަރަދުތަކުގެ އިންވޮއިސްތައް ނުލިބޭތީ އެ ހަރަދުތަކުގެ ތަފުސީލު ދެވެން ނެތް ކަމަށެވެ. ޖެހިގެން އައި ޖުމްލައިގައި އޮތީ އެއީ އެ އޮފީހުން ބަލަހައްޓާ ވެސް މައުލޫމާތެއް ނޫން ކަމަށެވެ.
"... އެދިވަޑައިގެންފައިވާ މައުލޫމާތަކީ، ގާނޫނު ނަންބަރު 1/2014 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ 72 ވަނަ މާއްދާގެ (ނ) ގެ ދަށުން، މި އޮފީހުން ގެންގުޅެ ނުވަތަ ބަލަހައްޓާ މައުލޫމާތުގެ މާނައިގެ ތެރޭގައި ނުހިމެނޭ މައުލޫމާތެއްކަމަށްވާތީ، މި ވަގުތު އެ މައުލޫމާތު ފޯރުކޮށްދެވެން ނެތް ކަމުގައި ދަންނަވަން،" ބަންޑާރަ ނައިބު އޮފީހުގެ ޖަވާބުގައިވެ އެވެ.
އެއީ ކަނޑައެޅިން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ޖަވާބެކެވެ. ދައުލަތުގެ ބަޖެޓު ފާސްކުރާއިރު، ކޮންމެ އޮފީހަކަށް ވަކިން ބަޖެޓެއް ދެއެވެ. އެ ފައިސާ ހަރަދުކުރަން ޖެހެނީ ކަނޑައަޅާފައިވާ ކަންކަމަށެވެ. ހަރަދު ކުރުމުގައި އަމަލުކުރަންޖެހޭ ގޮތް ސާފުކޮށް މާލިއްޔަތު ގަވާއިދުގައި އެބަ އޮތެވެ. ހުރިހާ ހަރަދެއް ބަލަހައްޓަންޖެހެ އެވެ. އެހެންވެ، އިންވޮއިސް ލިބިފައި ނެތަސް، ހިދުމަތް/މުދާ ހޯދާފައި ވާނަމަ ކުރި ހަރަދު އެނގެން ހުންނާނެ އެވެ.
އަގުބޮޑު، ކުލަގަދަ އިވެންޓުގެ ހަރަދު ބަންޑާރަ ނައިބުގެ އޮފީހުން ކޮށްފައި ވާނަމަ ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އެކައުންޓިން ސިސްޓަމަށް އަޅަންޖެހެ އެވެ. އެ މައުލޫމާތު އަޅާނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. ބިލްތަކަށް ފިނޭންސް މިނިސްޓްރީން ފައިސާ ދޭނީ އޭގެ ފަހުންނެވެ.
ހަރަދުގެ މައުލޫމާތު ޕަބްލިކް އެކައުންޓު ސިސްޓަމަށް އަޅަންޖެހޭއިރު، ބަޔަކު ނުވަތަ ކުންފުންޏެއްގެ އެހީއެއްގެ ދަށުން ކުރި ހަރަދެއް ވިޔަސް އެ މައުލޫމާތު ވެސް އެނގެން ހުންނަންޖެހެ އެވެ. އެ މައުލޫމާތު މާލީ ބަޔާނުގައި ލިޔަންޖެހެ އެވެ. އެހެންވެ، ނަސަންދުރާގައި ބޭއްވި އިވެންޓުގެ ހަރަދު ނުބަލަހައްޓާ ކަމަށް ބުނުމަކީ ގާނޫނާ ހިލާފުވާނެ ކަމެކެވެ.
މާލިއްޔަތު ގަވާއިދުގެ 4.07 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ކޮންމެ އޮފީހަކުން ކޮންމެ މަހަކު ކުރާ ހަރަދުތަކުގެ ހިސާބު، އެ މަހަކު ހިނގި ހަރަދުގެ ޖުމުލަ އާއި، އަހަރު ފެށުނީއްސުރެ އެ މަހެއްގެ ނިޔަލަށް ހިނގާފައިވާ ހަރަދުގެ ޖުމުލަ އެނގޭނޭ ގޮތަށް، އެކި އައިޓަމުތައް ވަކިވަކިން އެނގޭ ގޮތަށް ތައްޔާރު ކުރަން ޖެހޭނެ ކަމަށެވެ.
ދައުލަތުގެ އޮފީހަކަށް މުދަލެއް ނުވަތަ ހިދުމަތެއް ހޯދާނަމަ އިއުލާނު ކުރަން ޖެހެ އެވެ. ނުވަތަ ޝައުގުވެރިވާ ފަރާތްތަކެއް ހޯދަންޖެހެ އެވެ. އެ ފަރާތްތަކުން ހުށަހަޅާ ކޯޓޭޝަންތައް ހުންނާނެ އެވެ. އެއިން އަގުތައް ސާފުކޮށް އެނގެން ހުންނާނެ އެވެ. އެހެންވެ، އަލިމަސް ޖޫބިލު ހަފުލާއަށް ހަރަދުކުރީ އޭޖީ އޮފީހުން ކަމަށް ވާނަމަ އެ ހަރަދާއި ލިޔެކިޔުންތައް ހުންނަންޖެހެ އެވެ.
ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތެއް ހޯދައި ލިބިގަތުމަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ލިބެންޖެހޭ އަދި ތަންފީޒުކުރެވޭނެ ހައްގެކެވެ. މިފަދަ ހައްގުތައް ކުރިއެރުވުމަކީ، އަދި ތަންފީޒުކުރޭތޯ ބެލުމަކީ ބަންޑާރަ ނައިބުގެ އަސާސީ މަސްއޫލިއްޔަތެއް ކަމަށް ވާއިރު، މައުލޫމާތު ސިއްރުކުރުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ނ. ބޭނުން ކުރުމަކީ މައުލޫމާތު ހައްގު ކުރިއެރުވުމަށް މި ސަރުކާރުން ބޭނުން ނުވާކަމުގެ ތަލީލެކެވެ.
އެ މާއްދާގައި "މައުލޫމާތު ކަމަށް ބުނެފައި އެވަނީ، ކޮންމެ ބާވަތެއްގެ މައުލޫމާތެއް ކަމުގައިވީ ނަމަވެސް ނުވަތަ ކޮންމެ ތާރީހެއްގައި އުފައްދާފައިވާ މައުލޫމާތެއް ކަމުގައި ވީނަމަވެސް ނުވަތަ ކޮންމެ ފަރާތަކުން އުފައްދާ ފައިވާ މައުލޫމާތެއް ކަމުގައި ވީނަމަވެސް، ކޮންމެ ވަސީލަތެއްގައި ރައްކާތެރި ކުރެވިފައިވާ މައުލޫމާތެއް ކަމުގައިވީ ނަމަވެސް ދައުލަތުގެ އިދާރާއަކުން ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތުގެ ތެރެއިން ތިންވަނަ ފަރާތެއްގެ މިލްކަކަށްނުވާ ހަމަ ކޮންމެ މައުލޫމާތަށެވެ."
ބަންޑާރަ ނައިބު އޮފީހުގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ އޮފީހުގެ ރަސްމީ ބަޖެޓުން ކުރީ ކޮން ހަރަދެއްތޯ، ބަޔަކު ނުވަތަ މީހަކު ސްޕޮންސާކުރީ ކޮން ހަރަދެއްތޯ ރައްޔިތުންނަށް އެނގެންޖެހެ އެވެ.
އަދަދު ނޫހަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނި ގޮތުގައި އަގުބޮޑު އެ ހަފުލާއަށް ބަންޑާރަ ނައިބު އޮފީހުގެ މުވައްޒަފުންގެ ކްލަބު މެދުވެރިކޮށް ބޮޑު ހަރަދެއް ކުރީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އެވެ.
މިއީ ތެދެއް ކަމުގައިވާ ނަމަ އެ މައުލޫމާތު ވެސް ހާމަކުރަންޖެހެ އެވެ. ދައުލަތުގެ މާލިއްޔާއަށް ތެދުވެރިވުމަކީ އެއީ އެވެ. ކުރެވޭ ހަރަދު ތަކަށް ޖަވާބުދާރީވާންޖެހެ އެވެ. އަދި ދައުލަތުގެ އިދާރާތަކުގައި ހުރި އަދި އުފައްދާ މައުލޫމާތަކީ ރައްޔިތުންގެ މައުލޫމާތު ކަމަށް ވެސް ގަބޫލު ކުރަންޖެހެ އެވެ.
އެ މައުލޫމާތަށް އެދުމާއި ސުވާލު ކުރުމުގެ ފުރުސަތު ގެއްލުވާލުމަކީ ރައްޔިތުންގެ ބާރު ގެއްލުވާލުމެވެ. އެއީ ގާނޫނުއަސާސީއާ ހިލާފުވުމެވެ. މިއީ އާދައިގެ ކަމެއްގެ ގޮތުގައި ދެކި އަޅާނުލައި ތިބެއްޖެ ނަމަ އެހެން އޮފީސްތަކުން މިކަން ނަމޫނާއަކަށް ބަލައި، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުން ގިނަވާނެ އެވެ.
Comment