12 އޮކްޓޯބަރު 2025 - 18:43 0
މުހައްމަދު ޝަހްޒާން
ކުރީގެ ނައިބު ރައީސް، ފައިސަލް ނަސީމް އާއި އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
12 އޮކްޓޯބަރު 2025 - 18:43 0
އެމްޑީޕީގެ ވެރިކަމުގައި ވަޒީރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނާ ސުވާލު ކުރުމަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން އަންގަނީ ސިޔާސީ ގޮތުން ބިރުދައްކަން ކަމަށާއި އިދިކޮޅު ޕާޓީއަށް ބިރުދައްކަން މަސައްކަތް ކުރުމަކީ ސަރުކާރުން ފަހަތަށް އަޅާ ފިޔަވަޅެއް ކަމަށް ކުރީގެ ނައިބު ރައީސް، ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ފައިސަލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވަޒީރުންތަކެއް އޭސީސީއަށް ހާޒިރުކޮށް ސުވާލު ކުރުމުގެ ނަމުގައި ހިންގާ ކަންކަމަކީ ސިޔާސީ ކުލަ ޖެހިފައިވާ ކަންތައްގަނޑެއް ކަމަށެވެ. އަދި އެފަދަ ކަންތައްތައް ކުރުމުން ދައުލަތުގެ މިނިވަން މުއައްސަސާތަކަށް އާންމުންގެ އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"މި ދަނޑިވަޅަކީ އެތައް ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާ ވަގުތަކަށްވާއިރު، އިދިކޮޅު ޕާޓީގެ ބޭފުޅުންނަށް މިގޮތަށް ބިރުދެއްކުމަކީ ސަރުކާރުން ފަހަތަށް އަޅާ ފިޔަވަޅެއް،" ފައިސަލް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
މިނިވަން މުއައްސަސާތަކުން ވެސް ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު މަސައްކަތް ކުރުމަށް ފައިސަލް ގޮވައިލެއްވި އެވެ.
"މިނިވަން މުއައްސަސާތަކުން ވެސް މަސައްކަތް ކުރަން ވާނީ ވަކި ފަރާތަކަށް ނުޖެހި، އިންސާފުވެރިކަމާއި ހަމަހަމަކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން. ސިޔާސީ ނުފޫޒުގައި ޖެހި، ވަކި އަމިއްލަ އެޖެންޑާއެއް އިސްކޮށްގެން މަސައްކަތް ނުކުރުމަށް މިނިވަން މުއައްސަސާތަކަށް އިލްތިމާސް ކުރަން،" ފައިސަލްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
މިދިޔަ ސަރުކާރުގެ ތިން ވަޒީރެއްގެ މައްސަލަ އޭސީސީން ދަނީ ތަހުގީގު ކުރަމުންނެވެ. އެއީ މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު، އިބްރާހިމް އަމީރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު، އައިޝަތު އަލީގެ މައްސަލަ އެވެ. އެ ތިން ބޭފުޅުންގެ ވެސް ބަލަނީ ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމުގެ މައްސަލަ އެވެ.
އެ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް އަމީރު މިއަދު އޭސީސީއަށް ހާޒިރު ވެސް ކުރި އެވެ. އޭނާ ވިދާޅުވީ އޭނާ ވަޒީރަކަށް ހުންނަވައިގެން ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި ހުރިހާ ކަމެއްގައި ވެސް ލަފާ ދިނީ ދައުލަތަށް ފައިދާވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަޒީރުކަމުގައި ކޮންމެކަމެއްވެސް ނިންމާފައި، ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަށް. އެ ޔަގީންކަން ނަފްސާއި މެދު އެބައޮތް،" އަމީރު ވިދާޅުވި އެވެ.
އެ ތިން ބޭފުޅުން އޭސީސީއަށް ހާޒިރު ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ވިދާޅުވެ، ބޭއިންސާފުން ހިންގާ ތަހުގީގުތަކާއި ސިޔާސީ ހުކުމްތަކުން ގައުމު ކިލަނބުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.
ސޯލިހުގެ ރަސްމީ އެކްސް އެކައުންޓުން މިދިޔަ ހުކުރު ދުވަހު ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ކެބިނެޓުގެ ތިން މިނިސްޓަރުން އޭސީސީއަށް ހާޒިރުކުރަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި މިއީ އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅަން ކުރާ ކަމެއްކަމަށް ސޯލިހު ތުހުމަތުކުރެއްވި އެވެ.
Comment