12 އޮކްޓޯބަރު 2025 - 15:47 0
ލީވާން އަލީ ނާސިރު
އެމްޑީޕީގެ ޕީޖީ ގްރޫޕުން އެޗްއާރްސީއެމާ ބައްދަލުކުރުން -- ފޮޓޯ: އެމްޑީޕީ
12 އޮކްޓޯބަރު 2025 - 15:47 0
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމަންޓްރީ ގްރޫޕުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފި އެވެ.
އެމްޑީޕީގެ ޕީޖީން އެޗްއާރްސީއެމާ ބައްދަލުކޮށް މައިގަނޑު ގޮތެއްގައި ކަންބޮޑުވުންތައް ހިއްސާކުރީ އޮކްޓޯބަރު 3، ގެ މުޒާހަރާއިން ހައްޔަރުކުރި މާފުށި ކައުންސިލްގެ ރައީސް، ހަސަން ސޮލާހުއަށް ފަރުވާ ނުދީ ލަސްކުރި މައްސަލައިގަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަދަދު އަށް ވިދާޅުވީ ސަލާހުއަށް ފަރުވާދިން މައްސަލަ ކުރިއަށްދާ ގޮތް އެޗްއާރްސީއެމް އިން އޮޅުންފިލުވި ކަމަށާއި އެ ކޮމިޝަނުގެ އިންވެސްޓިގޭޝަން ޓީމުން ޖަލަށް ގޮސް އޭނާއާ ބައްދަލުވެސް ކުރި ކަމަށެވެ.
އޭނާ ވިދާޅުވީ އަޑުގަދަ ހަތިޔާރު (ސޮނިކް ވެޕަން) ބޭނުން ކުރުމާ ގުޅިގެން އެޗްއާރްސީއެމް އިން އެއީ ބޭނުން ކުރެވޭނެ އެއްޗެއްކަން މިހާތަނަށް ވެސް ސާފުކޮށްދީފައި ނުވާތީ، ނޮވެމްބަރު 17، ގެ މުޒާހަރާގެ ކުރިން އެ ހަތިޔަރަކީ ބޭނުން ކުރެވޭނެ ހަތިޔާރެއްކަން ސާފުކޮށްދިނުމަށް އެދުނު ކަމަށެވެ.
ސަލާހުގެ ލޯޔަރު މުސްތަފާ ހަމީދު އަދަދު އަށް ކުރިން ވިދާޅުވީ ސަލާހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ވައަތުގެ ބޮޑުވައި އިނގިލި ބިންދާލާފައިވާ ކަމަށާއި އޭނާގެ ކަނާއަތް ފަރާތު އަރިކަށީގައި ވެސް ޒަހަމެއް ހުރި ކަމަށެވެ.
ނަމަވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ފަރުވާ ދިފައިވަނީ 24 ގަޑިއިރު ފަހުން ކަމަށް ލޯޔަރު ފާހަގަކުރެއްވި އެވެ.
މުޒާހަރާގެ ތެރެއިން ޖުމްލަ އަށް މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ހަ މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު، މުއްދަތު ޖެހި މީހުންގެ ތެރޭގައި ސޮލާހު ވެސް ހިމެނެ އެވެ.
މުޒާހަރާއަށް އެތައް ހާސް ބަޔަކު ޖަމާވެ، ހިނގާފައި މަޖީދީ މަގުން ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކުރި އެވެ.
Comment