11 އޮކްޓޯބަރު 2025 - 13:17 0
އަހުމަދު އާއިދު
ރައީސް މުހައްމަދު މުއިއްޒު، ފޮރިން މިނިސްޓަރު ހަލީލު އާއެކު: ހަމަލާތައް ހުއްޓާލިޔަސް އިޒްރޭލު ޕާސްޕޯޓު ހުއްދަކުރަން ސަރުކާރުން އަދި ނުވިސްނާ ---- ފޮޓޯ: ރައީސް އޮފީސް
11 އޮކްޓޯބަރު 2025 - 13:17 0
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދިޔަ ނަސްލުހޭދުކުރުން ހުއްޓާލުމަށް އެއްބަސްވެ ހަމަލާތައް ހުއްޓާލި ނަމަވެސް، އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ވަންނަން ހުއްދަ ދިނުމަށް އަދި ނުވިސްނާ ކަމަށް ސަރުކާރުން ބުނެފި އެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެޕްރީލް 15، ގައި ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި އިސްލާހަކުންނެވެ.
އެ އިސްލާހުގައި ބުނެފައިވަނީ އޮކްޓޯބަރު 7، 2023، އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ ނުވަދެވޭނެ ކަމަށެވެ.
އެމެރިކާ މެދުވެރިވެ ގިނަ މަޝްވަރާތަކަކަށްފަހު އިޒްރޭލާއި ހަމާސް އިން ހަމަލާތައް ހުއްޓާލަން އެއްބަސްވުމަކަށް އައީ ބުދަ ދުވަހެވެ. މި ނޫހާ ވާހަކަ ދައްކަވަމުން ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ ހަމަލާތައް ހުއްޓާލި ނަމަވެސް އިޒްރޭލު ޕާސްޕޯޓު ހުއްދަ ކުރަން ސަރުކާރުން ވިސްނާނީ ވެސް "ލާސްޓިން ޕީސް" ނުވަތަ ދާއިމީ ހަމަޖެހުން ލިބުމުން ކަމަށެވެ.
"އަޅުގަނޑުމެންގެ ސްޓޭންޑަކީ ފަލަސްތީނު ރައްޔިތުންނާއި މެދު ކުރަމުންދާ ކަންކަމުގަ ލާސްޓިން ޕީސް އެއް އައިމައޭ އެ ލާއިންސާނީ އަމަލުތައް ހުއްޓުނީ ކަމަށް އަޅުގަނޑުމެން ގަބޫލުކުރާނީ. އެ ލާސްޓިން ޕީސް އަކީ ދުނިޔޭގެ ގިނަ ގައުމުތައް ގަބޫލުކުރާ ޓޫ ސްޓޭޓް ސޮލިއުޝަނެއް،" އުޝާމް ވިދާޅުވި އެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުވެ، އިޒްރޭލާއި ފަލަސްތީނަކީ ވަކި ދެ ދައުލަތެއްގެ ގޮތުގައި ކަނޑަނޭޅޭހާ ހިނދަކު ގާނޫނުގައި އެ ބުނާ ލާއިންސާނީ އަމަލުތައް ހުއްޓުނު ކަމަށް ދިވެހި ސަރުކާރުން ގަބޫލުނުކުރާނެ ކަމަށް އުޝާމް ވިދާޅުވި އެވެ. ޕާސްޕޯޓު ހުއްދަ ކުރުމާމެދު އިތުރު ވިސްނުމަކަށް ދާނީ އެފަދަ ހާލަތެއް މެދުވެރިވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަވްތާ މީކާއީލް އަހުމަދު ނަސީމް މިދިޔަ އަހަރު ހުށަހެޅުއްވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށް އަދި އިޒްރޭލުގެ ޕާސްޕޯޓާއެކު ޑުއަލް ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ ނާދެވޭ ގޮތް ހެދުމަށެވެ.
ނަމަވެސް އެ ބިލު ފާސް ކުރީ ބޮޑެތި ބަދަލުތަކެއް ގެނެސް އެހެން ޕާސްޕޯޓެއް ދައްކައިފި ނަމަ އިޒްރޭލުގެ ޕާސްޕޯޓެއް ގެންގުޅޭ މީހަކަށް ވެސް ރާއްޖެ އެތެރެވެވޭނެ ގޮތަށެވެ. އަދި ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ އިޒްރޭލުގެ ކޮންމެ މީހަކަށް ވެސް ރާއްޖެ އާދެވޭނެ ކަމަށް ބިލުގައި ބުނެފައި އޮވެ އެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމުގެ ދަށުން ހައްޔަރީން ބަދަލުކޮށް، ހަމަލާތައް ހުއްޓާލައި، ހަމާސް އިން ހަތިޔާރު ދޫކޮށްލަން ޖެހެ އެވެ. އަދި، ގާޒާގައި އެމެރިކާގެ ބައިވެރުމާއެކު ހަމާސް ނުހިމެނޭ ސަރުކާރެއް ގާއިމުކުރުން ވެސް މި ޑީލުގެ ތެރޭގައި ހިމެނެ އެވެ.
އަލަށް އުފައްދާ ސަރުކާރު އެމެރިކާއިން ބަލައިގަންނާނެ ކަމަށާއި އިޒްރޭލުން ދެ އަހަރެއްހާ ދުވަސް ވަންދެން ދިން ވަރުގަދަ ހަމަލާތަކުގައި ހަފުސް ކޮށްލާފައިވާ ގާޒާ އަލުން ތަރައްގީ ކުރުމަށް އެމެރިކާއިން އެހީތެރިވާނެ ކަމަށް ވެސް މި އެއްބަސްވުމުގައި ބުނެފައިވެ އެވެ.
މީގެ ދެ އަހަރު ކުރިން އިޒްރޭލުން ގާޒާ ސުންނާފަތިކުރަން ފެށީ އޮކްޓޫބަރު 7، 2023، ގައި ހަމާސްއިން ދިން ހަމަލާތަކުގެ ބަދަލުހިފުމަށް ކަމަށް ބުނެ އެވެ.
އޭގެ ފަހުން އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 67،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ. އަދި އިޒްރޭލުން ވަނީ ޣައްޒާ ބަނޑަށްޖައްސައި އިންސާނީ ކާރިސާއެއްގެ ތެރެއަށް ވައްޓާލައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment