ޖަރުމަނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑރ. ފީލިކްސް ނައުމަން އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސް މުހައްމަދު މުއިއްޒުއަށް އަރުވައިފި އެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ. އާ ސަފީރަށް މުއިއްޒު ތަހުނިޔާ ވިދާޅުވިއިރު ރާއްޖެއަށް ވަޑައިގެންނެވި ކަމަށްޓަކައި މަރުހަބާ ދެންނެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ޖަރުމަނުން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރު މަސައްކަތް ކުރައްވާނީ ސްރީ ލަންކާގެ ކޮލޮމްބޯގަ އެވެ. އޭނާ މަސައްކަތް ކުރައްވާނީ ނޮންރެޒިޑެންޓް ސަފީރެއްގެ ގޮތުގަ އެވެ.
ޖަރުމަނުން ރާއްޖެއާއެކު ސިޔާސީ ގުޅުން ގާއިމުކުރީ 05 ޖުލައި، 1966 ގަ އެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޔޫރަޕުގެ ގައުމުތަކުގެ ކުރީގައި ޖަރުމަނު ގުނާލެވެ އެވެ.
ޖަރުމަނުގެ ބާލިންގައި 2016 ވަނަ އަހަރު ރާއްޖޭގެ އެމްބަސީއެއް ވެސް ވަނީ ހުޅުވާފަ އެވެ.
Comment