Advertisement

އިތުރު އިންޒާރުތަކަކާއެކު ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވާން އެމެރިކާ ސަރުކާރުން ނެރެފައިވާ އެޑްވައިޒަރީ ދަމަހައްޓައިފި

9 އޮކްޓޯބަރު 2025 - 10:39 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިނގާފައި ދަނީ: އެމެރިކާ އަކީ ރާއްޖެއަށް ހަތް ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމު ---- ފޮޓޯ: އަދަދު


އިތުރު އިންޒާރުތަކަކާއެކު ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވާން އެމެރިކާ ސަރުކާރުން ނެރެފައިވާ އެޑްވައިޒަރީ ދަމަހައްޓައިފި

9 އޮކްޓޯބަރު 2025 - 10:39 0

ރާއްޖެއަށް ދަތުރުކުރާއިރު ސަމާލުވާން އެމެރިކާގެ ސަރުކާރުން ނެރެފައިވާ އިލްތިމާސް ދަމަހައްޓައި، ސަމާލުކަން ދޭން ޖެހޭ އިތުރު އިންޒާރުތަކެއް ޓްރެވަލް އެޑްވައިޒަރީގައި ހިމަނައިފި އެވެ.

އެމެރިކާއިން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ އަޕްޑޭޓް ކޮށްފައިވަނީ އަންގާރަ ދުވަހެވެ. އެ ދުވަހު ނެރުނު އެޑްވައިޒަރީގެ ލެވެލް ނުވަތަ ރިސްކް އިންޑިކޭޓާސް އަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ބަދަލު ގެނެސްފައިވަނީ އެޑްވައިޒަރީގެ ސަމަރީގައި ހިމަނާފައި ހުރި މައުލޫމާތަށެވެ.

އެގޮތުން އެމެރިކާއިން ބުނެފައިވަނީ ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދިނުމުގެ ފުރުސަތު އޮތް ކަމަށާއި މިފަދަ ހަމަލާއެއް ޓޫރިސްޓު ފެސިލިޓީތަކަށް އަމާޒުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި، ރަށްރަށުގައި މިފަދަ ހަމަލާއެއް ދީފިނަމަ ސަލާމަތީ ބާރުތަކަށް އެތަނަކަށް ދާން ވަގުތު ނަގާނެކަން ފާހަގަކޮށްފައިވެ އެވެ.

ޓެރަރިސްޓު ހަމަލާތަކުގެ އިތުރުން ރާއްޖޭގައި ހަމަނުޖެހުންތައް ހިންގުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އެމެރިކާއިން ބުނެފައި ވެ އެވެ. ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން ގައުމުގެ ހާލަތު ދެނެގަތުމަށާއި އެކަމަށް ދިވެހި ނޫސްތައް ކިޔުމަށް ވެސް އެމެރިކާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމެރިކާ އަކީ މިވަގުތު ރާއްޖެއަށް ހަތް ވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައީ 48،684 ޓޫރިސްޓުންނެވެ.

ރާއްޖޭގައި މި ފަހުން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅެގެން ފުލުހުންނާއި ސިފައިން ހާއްސަ އޮޕަރޭޝަނެއް ހިންގީ މާޗު 10، ގެ ރޭގެ ވަގުތެއްގަ އެވެ. އެ އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަން ބަލައި ފާސްކޮށް ތިން މީހަކު ހައްޔަރުކުރި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި އެ އޮޕަރޭޝަނުގައި މާލެ އާއި ކައިރި ރަށަކަށް ދޭން އުޅުނު ޓެރަރިސްޓު ހަމަލާއެއް ހުއްޓުވިކަމަށް ދައުލަތުން އެ މީހުންގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވެ އެވެ.

މި މީހުން ދޭން ރޭވި ހަމަލާގެ ތަފުސީލެއް މިހާތަނަށް ކަށަވަރެއް ނުވެ އެވެ. ފުލުހުން ވެސް އެފަދަ ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. މި އޮޕަރޭޝަނާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޖޫން 24، ގައި ނޫސްވެރިންގެ ބައްދަލުވުމެއް ތާވަލުކުރުމަށްފަހު ފުލުހުން ވަނީ އެ ބައްދަލުވުން ކެންސަލްކޮށްފަ އެވެ.