9 އޮކްޓޯބަރު 2025 - 09:33 0
އަހުމަދު އާއިދު
ހަމަލާތައް ހުއްޓާލަން މީގެ ކުރިން އިޒްރޭލުން އެއްބަސްވި ދުވަހެއްގައި ފަލަސްތީނުގެ ކުޑަކުދިންތަކެއް އެކަން ފާހަގަކުރަނީ: އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 67،000 އަށް ވުރެ ގިނަ މީހަކު މަރާލާފައިވޭ ---- ފޮޓޯ: އަލް ޖަޒީރާ
9 އޮކްޓޯބަރު 2025 - 09:33 0
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދިޔަ ނަސްލުހޭދަ ހުއްޓާލުމަކަށް ގެނައުމަށް އެމެރިކާއިން ހުށަހެޅި ޑީލު ބަލައިގަނެ ހަމަލާތައް ހުއްޓާލުމަށް އިޒްރޭލާއި ހަމާސް އިން އެއްބަސްވުމަކަށް އައިސްފި އެވެ.
ގިނަ މަޝްވަރާތަކަކަށްފަހު އިޒްރޭލާއި ހަމާސް އިން ހަމަލާތައް ހުއްޓާލަން އެއްބަސްވުމަކަށް އައިކަން ދުނިޔެއަށް އިއުލާނުކުރީ އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މަރުހަލާތަކަކަށް ބެހިގެންދާ ސުލްހައިގެ އެއްބަސްވުމުގެ ދަށުން އިޒްރޭލާއި ހަމާސް އިން ހައްޔަރީން ބަދަލުކޮށް، ހަމަލާތައް ހުއްޓާލައި ހަމާސް އިން ހަތިޔާރު ދޫކޮށްލަން ޖެހެ އެވެ. އަދި، ގާޒާގައި އެމެރިކާގެ ބައިވެރުމާއެކު ހަމާސް ނުހިމެނޭ ސަރުކާރެއް ގާއިމުކުރުން ވެސް މި ޑީލުގެ ތެރޭގައި ހިމެނެ އެވެ.
ހަމާސް އިން މިނިވަން ކުރަން ޖެހެނީ މިވަގުތު އަސީރުންގެ ގޮތުގައި ތިބި އިޒްރޭލުގެ 20 މީހެކެވެ. އަދި މަރުވެފައިވާ އިޒްރޭލު މީހުންގެ ހަށިގަނޑުތައް ވެސް ހަވާލުކުރަން ޖެހެ އެވެ.
ބަދަލުގައި އިޒްރޭލުން ފަލަސްތީނުގެ 2،000 އެއްހާ ހައްޔަރީން ދޫކޮށްލަން ޖެހެ އެވެ. އޭގެ ތެރޭގައި އުމުރަށް ޖަލަށް ލާފައިވާ 250 އެއްހާ މީހުންނާއި އިޒްރޭލުގެ ޖަލުތަކުގައި ތިބި އިތުރު 1،700 އެއްހާ މީހުން ދޫކޮށްލަން ޖެހެ އެވެ.
މި ސަރުކާރު އެމެރިކާއިން ބަލައިގަންނާނެ ކަމަށާއި އިޒްރޭލުން ދެ އަހަރެއްހާ ދުވަސް ވަންދެން ދިން ވަރުގަދަ ހަމަލާތަކުގައި ހަފުސް ކޮށްލާފައިވާ ގާޒާ އަލުން ތަރައްގީ ކުރުމަށް އެމެރިކާއިން އެހީތެރިވާނެ ކަމަށް ވެސް މި އެއްބަސްވުމުގައި ބުނެފައިވެ އެވެ.
މީގެ ދެ އަހަރު ކުރިން އިޒްރޭލުން ގާޒާ ސުންނާފަތިކުރަން ފެށީ އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން ދިން ހަމަލާތަކުގެ ބަދަލުހިފަން ކަމަށް ބުނެ އެވެ.
އޭގެ ފަހުން އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 67،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ. އަދި އިޒްރޭލުގެ ހިސާރުގެ ސަބަބުން ޣައްޒާ ވަނީ ބަނޑަށްޖެހި އިންސާނީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފަ އެވެ.
Comment