Advertisement

ގެދޮރުވެރިޔާ ފްލެޓުތަކަށް މިދިޔަ ސަރުކާރުން ކަނޑައެޅި ކުލި ދައްކަން އެމްޑީޕީން ގޮވާލައިފި

8 އޮކްޓޯބަރު 2025 - 18:46 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ގެދޮރުވެރިޔާ ފްލެޓުތަކަށް މިދިޔަ ސަރުކާރުން ކަނޑައެޅި ކުލި ދައްކަން އެމްޑީޕީން ގޮވާލައިފި

8 އޮކްޓޯބަރު 2025 - 18:46 2

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކަށް މި ސަރުކާރުން ނަގަމުންދާ ޑައުންޕޭމެންޓް އެމްޑީޕީގެ ވެރިކަމެއްގައި ކުލިން އުނިކޮށްދޭނެ ކަމަށާއި ފްލެޓުތައް ލިބުނު ފަރާތްތަކުން މި ސަރުކާރުން ކަނޑައެޅި ކުލީގެ ބަދަލުގައި މިދިޔަ ސަރުކާރުން ކަނޑައެޅި ކުލި ދެއްކުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ވިދާޅުވީ ފްލެޓުތަކުގެ ކުލީގެ ގޮތުގައި މިދިޔަ ސަރުކާރުން ކަނޑައެޅި އަދަދު މި ސަރުކާރުން ބޮޑުކުރުމާއި ފްލެޓުތަކަށް ޑައުންޕޭމެންޓެއް ހެދުމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު ހަމަ މި ފުރުސަތުގައި ފްލެޓު ލިބިފައި ތިބި ފަރާތްތަކަށް ގޮވައިލަން ފްލެޓުތަކުގެ ކުލި ދައްކާނީ ކުރިން އެއްބަސްވުމުގައި ވެފައިވާ އަދަދު. އަދި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާމުން އެ 25،000ރ. އަކީ ވެސް ފްލެޓުތަކުގެ ވެރިންނަށް ލިބިދޭ އެއްޗެއްގެ ގޮތުގައި ހަދައިދިނުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަން،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތާއެކު ވެފައިވާ އެއްބަސްވުމެއް އުވައިލެވޭނެ ހަމައެކަނި ގޮތަކީ ޝަރުއީ ކޯޓެއް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް ކޯޓަށް ދިޔުމެއް ނެތި އެއްބަސްވުންތައް އުވައިލަމުންދާ ކަމަށާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައަޅައި އެއްބަސްވުން ހަދާފައިވާ ބަޔަކަށް ފްލެޓު ނުލިބޭނެ ކަމަށް ބުނެ ހައުސިން މިނިސްޓްރީން އަންގަމުންދާތީ ކަންބޮޑުވާ ކަމެއް ކަމަށް މައުރޫފް ވިދާޅުވި އެވެ.

"ފްލެޓު މިހައިތަނަށް ލިބިފައިވާ ފަރާތްތަކާއި އަދި ފްލެޓު ލިބޭނެކަމަށް ގެޒެޓު ކުރެވިފައިވާ ފަރާތްތަކަށް ވަރަށް ބޮޑަށް އިލްތިމާސް ކުރަން މިކަމުގައި ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް، އެއީ މިހައިހިސާބަށް ވެސް މިކަން ހާސިލު ކުރެވިފައި ވަނީ ވަރަށް ގިނަ ފަރާތްތަކެއް މިކަމާ ދެކޮޅަށް އަޑު އުފުލައިގެން ކަންބޮޑުވުން ފާޅުކޮށްގެން،" މައުރޫފް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ދެ ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 7000ރ. އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 1000ރ. އެވެ.

ތިން ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 9000ރ. އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 1500ރ. އެވެ.

އެއީ ކޮންމެ މަހެއްގެ ވެސް 10 ގެ ކުރިން ކުލި ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އަދަދެވެ. މަހުގެ 10 އެއްގެ ފަހުން ކުލި ދައްކާ ނަމަ އެއަށްވުރެ ކުލި ބޮޑުވާނެ ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.

ގެދޮރުވެރިޔާގެ ދެ ކޮޓަރީގެ ފްލެޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15000ރ. ދައްކަންޖެހޭއިރު، ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 25000ރ. އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންނަށް އެ ތަންތަން ސަރުކާރުން ހަވާލު ކުރަނީ 25 އަހަރުދުވަސް ވަންދެން އެފްޑީސީއަށް ކުލި ދެއްކުމުން މިލްކުވާ ގޮތަށެވެ.