Advertisement

ވައުދުތައް ނުފުއްދައި އައްޑޫ ރޫޅާލަން މުއިއްޒު އުޅުއްވަނީ ރައްޔިތުންނަށް އޮޅުވައިލަން: ނިޒާރު

8 އޮކްޓޯބަރު 2025 - 16:44 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް


ވައުދުތައް ނުފުއްދައި އައްޑޫ ރޫޅާލަން މުއިއްޒު އުޅުއްވަނީ ރައްޔިތުންނަށް އޮޅުވައިލަން: ނިޒާރު

8 އޮކްޓޯބަރު 2025 - 16:44 2

އައްޑޫގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވައި އައްޑޫ ރޫޅާލަން އުޅުއްވަނީ ރައްޔިތުންނަށް އޮޅުވައިލަން ކަމަށް އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ނިޒާރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ރޫޅާލަން ވޯޓު ނަގަން ނިންމެވީ މުއިއްޒު ކަމަށާއި އައްޑޫގައި ވަކިވަކި ކައުންސިލްތައް ގާއިމު ކުރުމަށް ދެވޭ ވޯޓަކީ މުއިއްޒުއަށް ދެވޭ ވޯޓެއް ކަމަށެވެ.

"އައްޑޫ ސިޓީ ރޫޅާލަން ނަގާ ވޯޓަކީ ރައީސް މުއިއްޒުއަށް ދެއްވާ ވޯޓެއް، އައްޑޫ ރޫޅާލަން ވޯޓު ނަގަން ނިންމެވީ ރައީސް މުއިއްޒު،" ނިޒާރުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މި ސަރުކާރަށް ދެ އަހަރު ފުރެން މަދު ދުވަސްކޮޅަކަށްވެފައިވާއިރު، އައްޑޫގެ ތަރައްގީއަށް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ނުކުޅެދިފައިވާއިރު، އައްޑޫގައި ވަކިވަކި ކައުންސިލުތައް ގާއިމު ކުރުން ފަދަ ކަންކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ކަންކަން އޮޅުވައިލަން ކަމަށް ނިޒާރު ވިދާޅުވި އެވެ.

"މިފަދަ ބޭކާރު ކަންކަމުގެ ތެރެއަށް ރައްޔިތުން ގެންދަނީ ރައްޔިތުން އޮޅުވާލައި ބައިބައި ކުރުމަށް، އައްޑޫ ބްރިޖުގެ ވައުދުގެ ވާހަކަ އަޅުގަނޑުމެން ހަނދާން ނެތިއްޖެކަމަށް ހީފުޅު ކުރައްވައި،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު މިމަހުގެ 25 ގައި ބޭއްވުމަށް އިލެކްޝަނުން ދަނީ ތައްޔާރުވަމުންނެވެ.

އައްޑޫ ރައްޔިތުންގެ މެދުގައި އާންމު ވޯޓަކަށް އަހަނީ އައްޑޫ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި އައްޑޫ ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ގުޅޭ ގޮތުންނެވެ.

އޭގެ ތެރެއިން އައްޑޫ މީދޫ އާއި ހުޅުދޫ ރައްޔިތުންގެ މެދުގައި ދެ ކަމަަކަށް ވޯޓަށް އަހަ އެވެ. އެއީ ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް ގާއިމު ކުރުން ނުވަތަ ދެ ރަށް އެއް ކައުންސިލެއްގެ ދަށުން ހިންގުމަށެވެ.

އެކަމާ ގުޅޭ ގޮތުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު ޝުއާއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ކައުންސިލްތައް ވަކިކުރާ ވޯޓުގެ ބޭނުމަކީ މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދައިނުދީ ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރައިލުން ކަމަށެވެ.

"އައްޑޫގެ ރައްޔިތުން އޮޅުވައިލުމަށްޓަކައި ތަރައްގީގެ ނަމުގައި ތަފާތު އެކި މަޝްރޫއުތައް ފަށާނެ ކަމަށް ބުނި ނަމަވެސް މިހައިތަނަށް އެއްވެސް ތަރައްގީގެ މަޝްރޫއުއެއް ފެށިފައިނުވޭ، އައްސޭރި ޓޫރިޒަމް ސްކޭމް، ބްރިޖް ސްކޭމް، ލިންކް ރޯޑް ސްކޭމް، ކަރަންޓު ސްކޭމް، ސިންތެޓިކް ޓްރެކް ސްކޭމް، ހަންކެޑެ ޕްރޮޖެކްޓް އަދި ހަލާލު ޓޫރިޒަމްގެ ނަމުގައި ފެއިލްވި ޓޫރިޒަމް ސްކޭމްތަކަކީ ރައްޔިތުން އޮޅުވައިލުމަށް އެކި ނަންނަމުގައި ސަރުކާރުން ކޮށްފައިވާ ސްކޭމްތައް،" ޝުއާއު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭ ގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.

އެ ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫގެ އެކި ރަށްރަށުގެ އިހުތިސާސަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީ އާއި އައްޑޫގެ ކަންކަން އެނގޭ ފަންނީ މާހިރުންގެ ޓީމެއް އެކުލަވައިލައި ރަށްރަށުގެ އިހުތިސާސްއާ ގުޅޭ މަސައްކަތްތަކެއް ފެށުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.