8 އޮކްޓޯބަރު 2025 - 11:38 0
8 އޮކްޓޯބަރު 2025 - 11:38 0
ޒިއުރިކް (އޮކްޓޫބަރު 8) - ޔޫރަޕްގެ ވަރުގަދަ ދެ ލީގު ކަމަށްވާ އިޓާލިއަން ލީގާއި ސްޕެނިޝް ލީގުގެ މެޗުތަކެއް ޔޫރަޕުން ބޭރުގައި ކުޅެން، ޔުއެފާ އިން އިންޒާރަކާ އެކު ހުއްދަދޭން ނިންމައިފި އެވެ.
އެ ގޮތުން، ޔުއެފާ އިން ހުއްދަދީފައިވަނީ، ޑިސެމްބަރު މަހު، ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ވިޔަރެއާލް ކުޅޭ މެޗު އެމެރިކާގެ މިއާމީގައި ކުޅޭ ގޮތަށާއި، ފެބްރުއަރީ މަހު، އިޓާލިއަން ލީގުގައި އޭސީ މިލާނާއި ކޯމޯ ބައްދަލުކުރާ މެޗު އޮސްޓްރޭލިއާގެ ޕާތުގައި ކުރިއަށްދާ ގޮތަށެވެ.
ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ޗެފެރިން ވިދާޅުވީ، މި ނިންމުން ގެންނަން ޖެހުނީ މި ވަގުތުގެ ހާލަތަށް ބަލާފައި ކަމަށެވެ.
"ހިތާމައާ އެކީގައި މި ނިންމުން މި އަންނަން ޖެހުނީ. މި ދެ މެޗު ކުޅެން ހުއްދަ ދެވިއްޖެ، އެކަމަކު، މިއީ ވަގުތީ ކަމެއް. އަހަރެމެން ބޭނުމެއް ނޫން މި ކަން އާދަޔަކަށް ހަދަން،" ޗެފެރިން ވިދާޅުވި އެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ ސަޕޯޓަރުންގެ ގްރޫޕްތަކުން އަންނަނީ، ލީގުގެ މެޗުތައް އެ ބައްރުން ބޭރަށް ގެންދިއުމާ މެދު ނުރުހުން ފާޅުކުރަމުންނެވެ. އެ ކަންކަމަށް ރިއާޔަތްކޮށް، ޔުއެފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ފެޑެރޭޝަނުގެ ވެސް ވިސްނުން ހުރީ ސަޕޯޓަރުންގެ ގްރޫޕްތަކުގެ ޖުމްލަ ވިސްނުންތަކާ އެއްގޮތަށް ކަމަށެވެ. އަދި، މި ވަގުތަށް ބަލާއިރު، އެ ދެ މެޗަށް ހުއްދަދޭން ޖެހުނީ، އެކަން ހުއްޓުވޭނެ ނިޒާމެއް ގަވާއިދުގައި ލިޔެވިފައި ނެތުމާ އެކުގައި ކަމަށެވެ.
Comment