7 އޮކްޓޯބަރު 2025 - 13:28 0
7 އޮކްޓޯބަރު 2025 - 13:28 0
ނިއު ދިއްލީ، އިންޑިއާ (އޮކްޓޫބަރު 7) - މި މަހު އޮސްޓްރޭލިއާގައި ކުރިއަށްދާ ޓުއާގެ މެޗުތަކުގައި އިންޑިއާގެ ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) މެޗުތަކަށް ނެގި ސްކޮޑުގައި، ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ރޯހިތު ޝަރްމާ އާއި ވިރާތު ކޯލީ ހިމެނުމުން ތަފާތު ވިސްނުންތަކާ އެކު، އިންޑިއާގެ ކްރިކެޓް ކޮމިއުނިޓީ އާއި މީޑިއާ އިން ހިޔާލުފާޅުކޮށްފި އެވެ.
މިދިޔަ އަހަރު ވެސްޓް އިންޑީސްގައި ކުރިއަށްދިޔަ ޓީ20 ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު، އުމުރުން 36 އަހަރުގެ ވިރާތު އާއި 38 އަހަރުގެ ރޯހިތު ވަނީ އިންޑިއާގެ ޓީ20 ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. މި ފަހަރުގެ ޗެމްޕިއަންސް ޓްރޮފީ އަށް ފަހު އޯޑީއައި ޓީމުން ވެސް ވިރާތު އާއި ރޯހިތު ކުޅުން ހުއްޓާލާނެކަން ވަނީ މީޑިއާގައި އަޑުފެތުރިފަ އެވެ. އެކަަމަކު، އެ ދެ ކުޅުންތެރިން ނިންމީ އަދި އޯޑީއައި ކެރިއަރު ކުރިއަށްގެންދިއުމަށެވެ.
ދާދި ފަހުން ޓެސްޓް ކްރިކެޓުން ވެސް ރިޓަޔާކުރި ވިރާތު އާއި ރޯހިތު އެންމެ ފަހުން ކުޅެފައިވަނީ، މި އަހަރުގެ އިންޑިއަން ޕްރިމިއާ ލީގުގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރު އަށެވެ. އެ ދެ ކުޅުންތެރިން މި މަހު 19 ވަނަ ދުވަހު ފަށާ އޮސްޓްރޭލިއާ ޓުއާގެ އޯޑީއައި ތިން މެޗަށް ނެގި ސްކޮޑުގައި ހިމެނީ ފިޓްނަސް ޓެސްޓެއް ޖެހުމަށް ފަހު އެވެ.
އެކަމަކު، އިންޑިއާގެ ކްރިކެޓް ފެޑެރޭޝަންގެ ކުރީގެ ޗީފް ސެލެކްޓަރު، ދިލިޕް ވެންގްސަރުކާރު ބުނީ، ވިރާތު އާއި ރޯހިތަށް މި ފަހަރު ޓީމުން ފުރުސަތު ދިނީ މި ވަގުުތުގެ ހާލަތަށް ބެލުމަށް ވުރެން، އެ ދެ ކުޅުންތެރިން ގައުމީ ޓީމުގައި ހޯދާފައިވާ ކާމިޔާބީތަކަށް ބެލުމަށް ފަހު ކަމަށެވެ.
ދެން އެންމެ އަވަހަށް، 2027 ވަނަ އަހަރު އޮންނަ އޯޑީއައި ވޯލްޑް ކަޕްގައި ކުޅޭނެ ކަމުގެ ޔަގީންކަން ވިރާތު އާއި ރޯހިތު އަދިވެސް ދީފައިނުވާ ކަމަށް އިންޑިއާގެ ކްރިކެޓް ބޯޑުން ވަނީ ބުނެފަ އެެވެ. ވިރާތު އާއި ރޯހިތު އަށް 2027 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެވޭނީ، ޑޮމެސްޓިކް މުބާރާތްތަކުގައި ރަނގަޅުވާދައެއް ކޮށްގެން ކަމަށް އިންޑިއާގެ ކުރީގެ އޯލްރައުންޑަރު، ރިރްފާން ޕަޓަން ވަނީ ބުނެފަ އެެވެ.
މި ފަހަރު އޮސްޓްރޭލިއާގެ އޯޑީއައި ޓީމަށް ރޯހިތު ނެގި ނަމަވެސް ކެޕްޓަން ބޭންޑް ދީފައިވަނީ، ޝުބްމަން ގިލް އަށެވެ. އިންޑިއާގެ ކޯޗު ގޯތަމް ގަމްބީރު ބުނެފައިވަނީ، ރަނގަޅު ލީޑަރުން އުފައްދާއިރު، އެކި ފޯމެޓްތަކުގައި އެކި ކެޕްޓަނުން ބެހެއްޓުން ވާނީ އުނދަގޫ ކަމަކަށް ކަމަށެވެ.
Comment