7 އޮކްޓޯބަރު 2025 - 12:46 0
ލީވާން އަލީ ނާސިރު
7 އޮކްޓޯބަރު 2025 - 12:46 0
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ތިން އަހަރުގެ މުއްދަތަށް ކޮންޓްރެކްޓަށް ޗީފް އެގްޒެކެޓިވް އޮފިސަރަކު ހޯދުމަށް އިއްޔެ އިއުލާންކޮށްފި އެވެ.
އެންޑީއޭ އިން ސީއީއޯއެއްގެ މަގާމު ހޯދަން އިއުލާން ކޮށްފައި މިވަނީ އެ މަގާމުގައި ހުންނެވި އިމާދު ސޯލިހު ވަކިކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އެ މަގާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދެވީ މުހައްމަދު ރާޝިދު އެވެ.
އެންޑީއޭގެ ސީއީއޯއަކީ އެންޑީއޭގެ ބޯޑުގެ ލަފަޔާއި އިރުޝާދުގެ މަތިން އެޖެންސީ ހިންގުމުގެ އިސް ފަރާތެވެ. އެގޮތުން އެންޑީއޭގެ ބޯޑުގެ ނިންމުންތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އަދާކުރާނީ ސީއީއޯ އެވެ.
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓާސް ޑިގްރީ ހާސިލުކުރުމާއެކު ހިންގުމުގެ ދާއިރާގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ހިންގުމުގެ ދާއިރާގައި ނުވަތަ ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.
އޭގެއިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލުކުރާ ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ނުވަތަ އެއްވެސް ބޮޑު ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ އެވެ.
ސީއީއޯގެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުން އެ މަގާމަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރަން ޖެހެނީ [email protected] އަށް ނޮވެމްބަރު 6، ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ޖެހުމުގެ ކުރިންނެވެ.
އެންޑީއޭއަށް ސީއީއޯއަކު ހޯދަން އިއުލާން ކޮށްފައި މިވަނީ އެ އެޖެންސީ ހިންގުން ދޯދިޔާވެ، ފަރުވާގެ ނިޒާމު ރަނގަޅަށް ނުހިނގާ ކަމަށް ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ދަނޑިވަޅެއްގައިކަން ފާހަގަކުރެވެ އެވެ.
Comment