Advertisement

ކްލަބް މޯލްޑިވްސް ކްލަސިކްގެ ޗެމްޕިއަންކަން ގުރައިދޫ އެޗްޕީއެސްއެން އަށް

6 އޮކްޓޯބަރު 2025 - 23:58 0

އެޗްޕީއެސްއެންގެ ކުޅުންތެރިންނާއި ސަޕޯޓަރުން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ


ކްލަބް މޯލްޑިވްސް ކްލަސިކްގެ ޗެމްޕިއަންކަން ގުރައިދޫ އެޗްޕީއެސްއެން އަށް

6 އޮކްޓޯބަރު 2025 - 23:58 0

ކްލަބް މޯލްޑިވްސް އިން ބާއްވާ ފިރިހެނުންގެ ދެ ވަނަ ފަންތީގެ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކްލަސިކްގެ ޗެމްޕިއަންކަން، ކ. ގުރައިދޫ އަށް ނިސްބަތްވާ ހޯމް ފޯ ޕީޕަލް ވިތު ސްޕެޝަލް ނީޑްސް - އެޗްޕީއެސްއެން (ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަޒުކަޒު) އިން ހޯދައިފި އެވެ.

އެ ގޮތުން، އެޗްޕީއެސްއެން އިން ތަށި ހޯދީ މިރޭ ކުޅުނު ފައިނަލުގައި ކްލަބް ބިނާރާގެ މައްޗަށް 3-1 އިން ކުރިހޯދައިގެންނެވެ. މި މުބާރާތުގައި އެޗްޕީއެސްއެން އިން ކުޅުނު ފުރަތަމަ މެޗުގައި ބަލިވީ، ބިނާރާ އަތުން 4-3 އިންނެވެ. އެކަމަކު، އޭގެ ފަހުން، ކުޅުނު ހުރިހާ މެޗަކުން އެޗްޕީއެސްއެން ވަނީ މޮޅުވެފަ އެވެ. އަދި، ފައިނަލުގައި ބިނާރާ ބަލިކޮށް މި ވަނީ ހާއްސަ ކާމިޔާބެއް ހޯދައިފަ އެވެ.

މިދިޔަ ދެ އަހަރު އެޗްޕީއެސްއެން އިން ވަނީ، ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. އެންމެ ފުރަތަމަ ކްލަސިކް ބޭއްވި 2023 ވަނަ އަހަރުގެ ކުއާޓާގައި އެޗްޕީއެސްއެން ކެޓީ ކުއާޓާގައި ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބް އަތުންނެވެ.

އެޗްޕީއެސްއެންގެ ޝަހީމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


އެޗްޕީއެސްއެން އިން މި ފަހަރުގެ ގަދަ 16 ބުރުގައި ވަނީ ފަހަތުން އަރައި ޓްރާންސްޕޯޓް ކަޓުވާލައިފަ އެވެ. އަދި، މިދިޔަ އަހަރުގެ ކުއާޓާގައި އެޗްޕީއެސްއެން ކެޓީ ކުއާޓާގައި ކްލަބް 220 އަތުން ބަލިވެގެންނެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ގަޑި ހުއްޓައިގެން ކުޅުނު މިރޭގެ ފައިނަލުގައި ފުރަތަމަ އެޗްޕީއެސްއެން އިން ދެ ގޯލުގެ ލީޑެއްނެގި އެވެ. މި ލަނޑުތައް ޖެހީ މުހައްމަދު ޝަހީމް އާއި އަހުމަދު ރިލްވާން އެވެ. އޭގެ ފަހުން ބިނާރާގެ އިބްރާހިމް ނާމީ ވަނީ މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް ބިނާރާ އަށް ގޯލެއް ޖަހައިދީފަ އެވެ. އެކަމަކު، ރިލްވާން ވަނީ އިތުރު ގޯލެއް ޖަހައި، އެޗްޕީއެސްއެން މޮޅުކޮށްދީފަ އެވެ.

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަކީ، އެޗްޕީއެސްއެންގެ އަހުމަދު ޝޫން، މުހައްމަދު ސޮލާހު އަދި ގޯލްކީޕަރު، އަހުމަދު ސަމީރު އެވެ. ދެން، ގަދަ ފަހެއްގައި ހިމެނެނީ، ބިނާރާގެ އަލީ އިރުފާދު އާއި މުހައްމަދު އަނޫފް ނާޝިދު އެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް އެޗްޕީއެސްއެންގެ ޝޫން ހޮވުނުއިރު، އެންމެ މޮޅު ކޯޗަށް ދޭ މާސްޓާ އެވޯޑް ހޯދީ އެޗްޕީއެސްއެންގެ މުހައްމަދު ޝަނީޒް އެވެ.

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން: (ކ.،ވ) އަނޫފް، ޝޫން، ސަމީރު، އިރުފާދު، ސޮލާހު،---- ފޮޓޯ: އިމޭޖަސް.އެމްވީ


މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ 14 ގޯލު ޖެހި ހުޅުމާލެ ހޮސްޕިޓަލްގެ ހަސަން ސޮލާހު (ހައްޓެ) އެވެ. އަދި، ފެއާޕްލޭ ކުޅުންތެރިއަކަށް ކްރިމިނަލް ކޯޓު ރެކްރިއޭޝަން ކްލަބްގެ ޔައިޝް މުސްތަފާ ހޮވުނުއިރު، ފެއާޕްލޭ ޓީމަކީ ކްލަބް ބިނާރާ އެވެ.