28 ސެޕްޓެންބަރު 2025 - 11:17 0
ކްރިމިނަލް ކޯޓުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ
28 ސެޕްޓެންބަރު 2025 - 11:17 0
މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކްލަސިކްގައި ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުުތަކުން މޮޅުވެ، ކްރިމިނަލް ކޯޓާއި އެޗްޕީއެސްއެން، ކްލަބް ބިނާރާ އަދި ޓީމު މާލެ ސިޓީ ކައުންސިލް ސެމީ ފައިނަލަށް ދަތުރުުކޮށްފި އެވެ.
ގަދަ 16 ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން، ކުޅިވަރު ވުޒާރާ ކްލަބް ކަޓުވާލި، ފިނޭންސް ރެކްރިއޭޝަން ކްލަބް އަތުން، ބިނާރާ މޮޅުވީ 3-1 އިންނެވެ. މި މެޗުގައި ބިނާރާގެ ލަނޑުތައް ޖެހީ، އަލީ އިރުފާދު، މުހައްމަދު އަނޫފް ނާޝިދު އަދި އިބްރާހިމް ނާމީ އެވެ. ފިނޭންސްގެ ލަނޑު ޖެހީ ހަސަން އަޒްވާން އެވެ.
ކްލަސިކްގެ 2023 ވަނަ އަހަރުގެ ޗެމްޕިއަން، ޓީމު ޑީޖޭއޭ އަތުން އެޗްޕީއެސްއެން 4-2 އިން މޮޅުވިއިރު، ލަނޑުތައް ޖެހީ، އަހުމަދު ޝޫން ދެ ގޯލުގެ އިތުރުން، މުހައްމަދު ސޮލާހު އާއި އަހުމަދު ރިލްވާން އެވެ. ޑީޖޭއޭގެ ލަނޑުތައް ޖެހީ، މުހައްމަދު އަޖުވަދު ސޮލާހު އާއި އައްފާން ބިން އަހުމަދު އެވެ.
ކްރިމިނަލް ކޯޓުން ވަނީ 7-1 އިން ކްލަބް ބީސީސީ ބަލިކޮށްފަ އެވެ. ބީސީސީން ވަނީ ގަދަ 16 ބުރުގައި، މިދިޔަ އަހަރުގެ ރަނަރަޕް، އެމްއެމްއޭ ކަޓުވާލައިފަ އެވެ. އެކަމަކު، ރޭގެ މެޗުގައި ކްރިމިނަލް ކޯޓުން ވަނީ މޮޅަށް ކުޅެ ބީސީސީގެ މައްޗަށް ނަތީޖާ ނެރެފަ އެވެ. ކްރިމިނަލް ކޯޓުގެ ލަނޑުތައް ޖެހީ، ޔައިޝް މުސްތަފާ ހަތަރު ގޯލުގެ އިތުރުން އަހުމަދު އައުސަމް ހުސެއިން ދެ ގޯލު އަދި މުހައްމަދު ޝާއިފް ޝާމިރު ގޯލެކެވެ. ބީސީސީގެ ހަމައެކަނި ލަނޑު ޖެހީ، އަބްދުލް ރަހުމާން ސާމީ އަބްދުލް ރަހީމް އެެވެ.
ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ސިޓީ ކައުންސިލުން ވަނީ ރޭ ކުޅުނު ކުއާޓާ ފައިނަލުގައި، މިދިޔަ އަހަރު ސެމީ ފައިނަލުގައި ކުޅުނު ޓީމު ބަދަހި އަތުން 2-0 އިން މޮޅުވެފަ އެވެ. ސިޓީ ކައުންސިލްގެ ލަނޑުތައް ޖެހީ، މުހައްމަދު ސަމީހު އާއި އިބްރާހިމް އަގީލް އެވެ.
އަންނަ ބުދަ ދުވަހުގެރޭ ސެމީ ފައިނަލް ކުޅޭއިރު، އެޗްޕީއެސްއެން އިން ކުޅޭނީ ސިޓީ ކައުންސިލާ އެވެ. އަދި، ކްރިިމިނަލް ކޯޓުން ބައްދަލުކުރާނީ ބިނާރާއާ އެވެ.
Comment