Advertisement

ލޯކާއަށް 100 އަހަރު ފުރުން ފާހަގަކުރަން ހުޅުމާލޭ ސްކޭޓް ޕާކުގެ ފާރުގައި މިއުރަލްއެއް

6 އޮކްޓޯބަރު 2025 - 21:43 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުޅުމާލެ ސްކޭޓް ޕާކުގެ ފާރުގައި ކުރަހާފައިވާ މިއުރަލް: އެ މިއުރަލް ކުރެހީ ލޯކާ ބްރޭންޑަށް 100 އަހަރު ފުރިގެން އެ މުނާސަބަތުގައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ލޯކާއަށް 100 އަހަރު ފުރުން ފާހަގަކުރަން ހުޅުމާލޭ ސްކޭޓް ޕާކުގެ ފާރުގައި މިއުރަލްއެއް

6 އޮކްޓޯބަރު 2025 - 21:43 1

މަޝްހޫރު ވެފާ ބްރޭންޑް، ލޯކާ އަށް 100 އަހަރު ފުރުން ދުނިޔޭގެ އެކި ކަންކޮޅުގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވުމަށް އެ ބްރޭންޑްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރާ ޔޫރޯ ސްޓޯރުން ހުޅުމާލޭ ސްކޭޓް ޕާކުގެ ފާރުގައި މިއުރަލް ކުރެހުމެއް ކުރަހައިފި އެވެ.

ޔޫރޯ މާކެޓިންގެ ފަރާތުން އަހުމަދު އަލީ އަދަދު އަށް ވިދާޅުވީ އަޅާނުލާ ދޫކޮށްލާފައި ހުންނަ ފާރުތަކުގައި މިއުރަލް ކުރެހުންތައް ކުރަހައިގެން ދިރުންތައް ގެނެސްދެނީ ލޯކާއަށް 100 އަހަރު ފުރިގެންދާތީ އެކަން ފާހަގަކުރުމަށް ކުރިއަށް ގެންދާ އިވެންޓުތަކުގެ ތެރެއިން ކަމަށެވެ.

"ލޯކާއިން ކުރާ އެއްކަން މިއުރަލްސް ޕެއިންޓްކުރުން. އެއީ އަޅާނުލާ އެހެން ހުންނަ ފާރުތަކުގައި ރީތިކުރުމުގެ ގޮތުން ކުރިއަށްގެންދާ ކަމެއް މިއުރަލް ޕެއިންޓްކުރުމަކީ،" އޭނާ ވިދާޅުވި އެވެ.

ލޯކާއަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ރާއްޖޭގައި ޔޫރޯގެ ފިހާރަތައް ހުންނަ ރަށްރަށުގައި ސާމްޕްލިން އިވެންޓްތައް ކުރިއަށް ގެންދާ ކަމަށާއި އެ އިވެންޓުތަކުގައި ލޯކާގެ އުފެއްދުންތަކުން އެކި ބުއިންތައް ވެސް ތައްޔާރުކުރާ ކަމަށެވެ.

މި އަހަރުގެ ފަހުކޮޅު ލޯކާގެ އަހަރީ ދުވަހާއި ގުޅިގެން ބޮޑު އިވެންޓެއް ހުޅުމާލޭ ސްކޭޓް ޕާކު ސަރަހައްދުގައި ބޭއްވުމަށް ޔޫރޯ ސްޓޯރުން ވަނީ ނިންމާފަ އެވެ.

ސްކޭޓް ޕާކުގެ ފާރުގައި މިއުރަލް ކުރެހީ އިސްމާއިލް މާއިޝް މުހައްމަދު އަދި އާމިނަތު ފަރާހު އެވެ. އެ ދެ މީހުން ފާރުގައި މިއުރަލް ކުރަހާ ނިންމާލީ ހަފްތާއެއްހާ ދުވަސް ތެރޭގަ އެވެ.

މާއިޝް ބުނީ އެ މިއުރަލް ކުރެހިއިރު ކޮމިއުނިޓީއާ ގުޅޭ ކުރެހުމެއް ކުރަހަން ވަރަށް ބޮޑަށް ވިސްނައިގެން ކޮންސެޕްޓެއް ތައްޔާރު ކުރި ކަމަށެވެ. އެގޮތުން މީހުންނަށް ވީހާވެސް ބޮޑަށް އަޅައިގަންނަ ކުލަތަކެއް ވެސް ހިމެނި ކަމަށް އޭނާ ބުންޏެވެ.

ލޯކާގެ އުފެއްދުންތައް، ޔޫރޯ ސްޓޯރުން ރާއްޖެ އަށް މާކެޓްކޮށް ވިއްކަން ފެށީ މީގެ 12 އަހަރު ކުރިންނެވެ.

ކުޑަކުޑަ ޕޭސްޓްރީ ޝޮޕަކުން ފެށި ލޯކާ ބްރޭންޑަށް 100 އަހަރު ފުރޭއިރު، އެ ބްރޭންޑުގެ ދަށުން ވިއްކާ ވޭފާގެ ބާވަތްތައް ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުން މިހާރު ލިބެން ހުރެ އެވެ.