6 އޮކްޓޯބަރު 2025 - 19:28 1
ލީވާން އަލީ ނާސިރު
6 އޮކްޓޯބަރު 2025 - 19:28 1
ކެންސަރުގެ ފަހު ސްޓޭޖުގައި ފަރުވާ ހޯދަމުންދާ މަންމައަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ބޭހެއް ރާއްޖެއިން ލިބޭނެ އެއްވެސް ގޮތެއް ނެތިގެން އެ މީހާގެ ދަރިއަކު ސިއްހީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ކަންބޮޑުވުން ފާހަގަކޮށް، އެ މީހާގެ ދަރިއެއްގެ އުދާސްތައް ބަންޑުންކޮށްލައިފި އެވެ.
ސާއިމާ ޝަރީފް ނަމަކަށް ޖަހާފައިވާ މީހަކު ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި ބުނީ އޭނާގެ މަންމަގެ ކީމޯތެރަޕީއަށް ބޭނުންވާ ބޭސް ނުލިބޭ ކޮންމެ ދުވަހަކީ ފުރާނައަށް ނުރައްކާވެ، ކެންސަރު ފެތުރުމުގެ ވެސް ފުރުސަތު އޮންނާނެ ކަމެއް ކަމަށެވެ.
އެ ބޭހަކީ ރާއްޖެއިން ލިބޭ ބޭހަކަށް ނުވާތީ އެ ބޭސް ހޯދީ އެސްޓީއޯގެ ޕޯޓަލްއަކަށް އަޕްލޯޑްކޮށްގެން ކަމަށާއި އޭރުވެސް ބޭސް އަތަށް ލިބެނީ ދެތިން މަސް ފަހުން ކަމަށެވެ. އެގޮތުން އެކި ފަހަރު ގުޅައި ބޭސް ނުލިބިގެން ޝަކުވާވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް ސާއިމާ ބުނީ އާންމުކޮށް ނުވެސް އަންގައި މީގެ ދުވަސްކޮޅެއް ކުރިން އުސޫލު ބަދަލުކޮށް އެސްޓީއޯ ޕޯޓަލް އުވާލައި، މިހާރު ޖެހެނީ އެންސްޕާގެ ވިރަ ޕޯޓަލްއިން ރާއްޖެއިން ނުލިބޭ ބޭސްތައް ހޯދުމަށް އެދެން ކަމަށެވެ.
މިހާރު އުސޫލު އޮންނަ ގޮތުން ވިރައިން ބޭސް ބޭރުން ގެނެސްދެނީ ފާމަސީ މެދުވެރިކޮށް ކޯޓޭޝަނެއް ނައިގައިގެން ކަމަށް އޭނާ ބުންޏެވެ. އެގޮތުން އޭނާ ބުނީ އެސްޓީއޯއަށް ގުޅައި ކޯޓޭޝަނެއް ދޭން އެދުމުން އެތަނަށް ނުގެންނަ ބޭސްތަކަށް ކޯޓޭޝަން ހައްދައި ނުދޭ ކަމަށް ބުނެފައިވާ ކަމަށެވެ.
"އެސްޓީއޯއިން ކޯޓޭޝަން ނުދޭ ވާހަކަ އެންސްޕާގައި ބުނުމުން، އެތަނުގެ މުވައްޒަފަކު ބުނީ ބޭސް އަމިއްލައަށް ގަތުމުން އެއަށް ހަރަދުވި ފައިސާ އެޕްރޫވްވުމުން ލިބޭނެ ކަމަށް. އެކަމަކު އާދައިގެ އާއިލާތަކަށް ކިހިނެއްތޯ އެނގޭނީ ކޮންޓްރޯލްޑް ކީމޯތެރަޕީ ބޭހެއް ރާއްޖެއަށް އަމިއްލައަށް ގެންނަން. އެއީ އަނެއްކޮޅުން އަގުހެޔޮ ބޭހަކަށްވެސް ނުވާނެ،" އޭނާ ބުންޏެވެ.
ސާއިމާ ބުނީ މިއަދު ކުރި ގިނަ ކޯލުތަކަށްފަހު އެންމެފަހުން އެނގުނު ގޮތުގައި ފޯމު ލާންޖެހެނީ އާސަންދައަށް ކަމަށާއި މަންމަގެ ފުރާނައަށް ނުރައްކާވަމުންދާއިރު ވެސް އެސްޓީއޯ، އެންސްޕާ އަދި އާސަންދައާ ދެމެދު ދުވެދުވެ ތިބެން ޖެހޭ ކަމަށެވެ.
ސާއިމާގެ މަންމަ ކުރިމަތިލާން ޖެހިފައިވާ ކަންކަމުގެ ސަބަބުން ނަފްސާނީ ގޮތުން އަދި އެހެނިހެން ގޮތްގޮތުން ވެސް އެތައް ކަމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ. މިއީ ހަމައެކަނި އޭނާގެ އާއިލާއަށް އެކަނި ދިމާވާނެ ކަމެއް ނޫންކަން ފާހަގަކޮށް ސާއިމާ ބުނީ މި ހާލަތުގައި އެތައް އާއިލާތަކެއް އުޅޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ސާއިމާ ބުނީ ސަރުކާރުގެ އިދާރާތައް މިފަދަކަ ކަންކަން ސީރިއަސްކޮށް ބަލަން ޖެހޭ ކަމަށާއި އިންސާނުންގެ ފުރާނައާ ގުޅިފައި ހުންނަ މިފަދަ ކަންކަމަށް ހައްލުތައް ގެންނަން ޖެހޭ ކަމަށެވެ.
ފަހަކަށް އައިސް ޒަރޫރީ އެތައް ބޭހެއް ރާއްޖެއިން ހުސްވަމުންދާއިރު، ބައެއް ބޭސްތައް ކުރިން ގެންނަމުން ދިޔައީ ޕޯޓަލްއެއް މެދުވެރިކޮށް އެސްޓީއޯއިންނެވެ. އެކަމަކު އެސްޓީއޯއިން ވެސް ގިނަ ބޭސްތަކެއް ނުލިބޭ ކަމުގެ ޝަކުވާ އާންމުން ކުރެ އެވެ.
Comment