6 އޮކްޓޯބަރު 2025 - 08:43 0
6 އޮކްޓޯބަރު 2025 - 08:43 0
ޓިއުރިން (އޮކްޓޫބަރު 6) - އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާއި ޔުވެންޓަސް އިން ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، ޖެނޯއާ އަތުން 2-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީން ލީގުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އާއި ދެ ވަަނައިގައި އޮތް ރޯމާ އަށް ވަނީ ހަ މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. ރޯމާ އިން ވަނީ ރޭ 2-1 އިން ފިއޮރެންޓީނާ ބަލިކޮށްފަ އެވެ. ތިން ވަނައިގައި އޮތް އޭސީ މިލާނަށް ހަ މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އިންޓަ މިލާނާއި ފަސް ވަނައިގައި އޮތް ޔުވެންޓަސް އަށް ވަނީ ހަ މެޗުން 12 ޕޮއިންޓް ލިބިފަ އެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ފޯވާޑް ޖޮނަތަން ޑޭވިޑް އާއި މިލާނުގެ ފޯވާޑް ސަންޓިއާގޯ ޖިމެނޭޒް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ. މެޗުގައި ގޯލެއް ޖަަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ މިލާންގެ ކްރިސްޓިއަން ޕުލިސިޗް އަށެވެ. އެ ގޮތުން، 54 ވަނަ މިނިޓްގައި ޕުލިސިޗް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ ސީދާނުވެ އެވެ.
ލީގުގައި ރޭ ނަޕޯލީ ދަނޑުގައި ޖެނޯއާ އިން ލީޑުނެގީ 33 ވަނަ މިނިޓްގައި، ޖެފް އެކަޓޯ ޖެހި ގޯލުންނެވެ. ނަޕޯލީން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން، މެޗުގެ 57 ވަނަ މިނިޓްގައި، ޒަމްބޯ އަންގީސާ ވަނީ ނަޕޯލީ އަށް އެއްވަރުކޮށްދީފަ އެވެ. އަދި، މެޗުގެ 75 ވަނަ މިނިޓްގައި، ރަސްމުސް ހޮއިލަންޑް ވަނީ ނަޕޯލީ މޮޅުވި ގޯލު ޖަހައިދީފަ އެވެ.
ފިއޮރެންޓީނާ ދަނޑުގައި މޮއިސް ކީން ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، ރޯމާ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އަނބުރާލައިފަ އެވެ. ލަނޑުތައް ޖެހީ، މަޓިއަސް ސުލާ އާއި ބްރަޔަން ކްރިސްޓަންޓޭ އެވެ.
Comment