5 އޮކްޓޯބަރު 2025 - 07:17 0
5 އޮކްޓޯބަރު 2025 - 07:17 0
މެޑްރިޑް (އޮކްޓޫބަރު 5) - ސްޕެނިޝް ލީގުގައި ރޭ 3-1 އިން ވިޔަރެއާލް ބަލިކޮށް ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ރެއާލް، އެއް ވަނަ އަށް އެރީ އަށް މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ވިޔަރެއާލަަށް އަށް މެޗުން ވަނީ 18 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ރެއާލަށް ރޭގެ މެޗުގައި ވިޔަރެއާލް ކޮޅަށް ފުރަތަމަ ގޯލު ޖެހުނީ ހާފެއް ކުޅެވުނު ފަހުންނެވެ. އެ ގޮތުން، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭގައި، ރެއާލްގެ ވިނީޝިއުސް ޖޫނިއާ ފޮނުވާލި ބޯޅައެއް ގޯލަށް ވަނީ ވިޔަރެއާލް ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ.
އަދި، ރެއާލުން ވަނީ މެޗުގެ 69 ވަނަ މިނިޓްގައި ވިނީޝިއުސް ޖެހި ޕެނަލްޓީން ލީޑުފުޅާކޮށްފަ އެވެ. މި ޕެނަލްޓީ އަކީ، ވިނީޝިއުސް އަށް ވިޔަރެއާލްގެ ރަފާ މަރީން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ޖަހަން ކީލިއަން އެމްބާޕޭ ބޯޅަ ނެގުމަށް ފަހު، ހަވާލުކުރީ ވިނީޝިއުސްއާ އެވެ.
ރެއާލުން ލީޑުފުޅާކުރިތާ ތިން މިނިޓް ފަހުން، ވިޔަރެއާލްގެ ޖޯޖިއާ ފޯވާޑް، ޖިއޯޖެސް މިކައުޓަޓްޑްޒޭ ވަނީ ގޯލެއް ޖަހައި ފަރަގުކުޑަކޮށްފަ އެވެ. ނަތީޖާ ހަމަހަަމަކުރަން ވިޔަރެއާލުން އުންމީދެއް ހޯދިތާ އިރުކޮޅެއް ނުވަނިސް އެ ޓީމުގެ ސަންޓިއާގޯ މުރީނޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
ވިޔަރެއާލްގެ ކުޅުންތެރިއަކު މަދުވިތާ ތިން މިނިޓް ފަހުން، އެމްބާޕޭ ވަނީ ރެއާލުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ބްރަހިމް ޑިއާޒް ދިން ބޯޅައަކުން ޖެހި ގޯލެކެވެ.
Comment