Advertisement

ބަޔާން އަށް ޖެހިޖެހިގެން 10 ވަނަ މޮޅު

5 އޮކްޓޯބަރު 2025 - 01:39 0


ބަޔާން އަށް ޖެހިޖެހިގެން 10 ވަނަ މޮޅު

5 އޮކްޓޯބަރު 2025 - 01:39 0

މިއުނިކް (އޮކްޓޫބަރު 5) - ޖަރުމަނު ލީގުގައި ރޭ އައިންޓްރަކްޓް ފްރޭންކްފާޓް އަތުން 3-0 އިން ކުރިހޯދައި ބަޔާން މިއުނިކުން މި ފަހަރުގެ ސީޒަނުގައި ކުޅުނު ފުރަތަމަ 10 މެޗުން މޮޅުވެއްޖެ އެވެ.

ބަޔާނުން މި ވަނީ ޖަރުމަނު ލީގުގައި ކުޅުނު ހަ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ދެ މެޗާއި ޖަރުމަނު ކަޕާއި ސުޕަ ކަޕް މެޗުން މޮޅުވެފަ އެވެ. ބަޔާންގެ ކޯޗު، ވިންސެންޓް ކޮމްޕެނީ އަކީ، 21 ވަނަ ގަރުނުގައި ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ބަލާއިރު، ހުރިހާ މުބާރާތެއްގައި އެއްކޮށް ބަލާނަމަ، 10 މެޗުން މޮޅުވެގެން ސީޒަން ފެށި ފުރަތަމަ ކޯޗެވެ.

ފްރޭންކްފާޓު ދަނޑުގައި ކުޅުނު މެޗު ފަށައިގެން 15 ވަަނަ ސިކުންތުގައި، ބަޔާނަށް ލީޑުނަގައިދިނީ، މި ސީޒަނުގައި ބަޔާނާ ގުޅުނު ލުއިސް ޑިއާޒް އެވެ. މިއީ، ސާޖް ގްނަބްރީ ދިން ބޯޅައަކުން ޑިއާޒް ޖެހި ގޯލެކެވެ. މެޗުގެ 27 ވަނަ މިނިޓްގައި، ޑިއާޒް ދިން ބޯޅައަކުން ބަޔާންގެ ދެ ވަނަ ލަނޑު ޖެހީ ހެރީ ކޭން އެވެ. މިއީ، މި ފަހަރުގެ ލީގުގެ ހަ މެޗުން ކޭން ޖެހި 11 ވަނަ ގޯލެވެ. މިއީ، ޖަރުމަނު ލީގުގައި މި އަދަދަށް މެޗު ކުޅެގެން މި ވަރުގެ ގޯލު ރެކޯޑަކާ އެކު ކުޅުންތެރިއަކު ސީޒަނެއް ފެށި ފުރަތަމަ ފަހަރެވެ.

މެޗު ނިމެން ހަ މިނިޓަށްވެފައި ވަނިކޮށް ބަޔާނަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު ޖެހީ، ރަފައެލް ގަރޭރޯ ދިން ބޯޅައަކުން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޑިއާޒް އެވެ.

ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ހަ މެޗުން 18 ޕޮއިންޓް ލިބިފައި އޮތް ބަޔާންގެ ފަހަތުން އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ހަ މެޗުން ލިބުނީ 14 ޕޮއިންޓެެވެ. ޑޯޓްމަންޑުން ވަނީ ރޭ އާރްބީ ލައިޕްޒިގާ 1-1 އިން އެއްވަރުވެފަ އެވެ.