Advertisement

އޮލީސޭ އާދަޔާހިލާފު ކުޅުމެއް ދައްކައި ބަޔާން މޮޅުކޮށްދީފި

22 ނޮވެންބަރު 2025 - 23:40 0


އޮލީސޭ އާދަޔާހިލާފު ކުޅުމެއް ދައްކައި ބަޔާން މޮޅުކޮށްދީފި

22 ނޮވެންބަރު 2025 - 23:40 0

މިއުނިކް (ނޮވެމްބަރު 22) - ބަޔާން މިއުނިކްގެ ފްރާންސްގެ ތަރި، މައިކަލް އޮލީސޭ، އާދަޔާހިލާފު ކުޅުމެއް ދައްކައި، ފްރައިބާގް އަތުން 6-2 އިން ބަޔާން މޮޅުކޮށްދީފި އެވެ.

ޖަރުމަނު ލީގުގައި މިރޭ ފްރައިބާގް ކޮޅަށް އޮލީސޭ ވަނީ ދެ ގޯލު ޖެހުމުގެ އިތުރުން ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މިއީ، ޖަރުމަނު ލީގުގެ ތާރީހަށް ބަލާއިރު ވެސް އެއް މެޗެއްގައި އެއް ކުޅުންތެރިއެއްގެ މިހާ ބޮޑު ތަފާތު ކުޅުމެއް ފެނިގެންދިޔަ އެއް މެެޗެވެ.

ބަޔާނުން މި މެޗުގައި ކުޅެން އަރައި ހަމަޖެހިނުލެވުނެވެ. އެ ގޮތުން، ފްރައިބާގުން ވަނީ 17 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 12 ވަނަ މިނިޓްގައި ފްރައިބާގްގެ ޔުއީޓޯ ސުޒޫކީ އެ ޓީމަށް ލީޑުނަގައިދިންއިރު، އޭގެ ފަސް މިނިޓް ފަހުން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ޖޯހަން މަންޒަމްބީ އެވެ.

ފްރައިބާގުން ދެ ގޯލުގެ ލީޑެއްނެގިތާ ފަސް މިނިޓް ފަހުން، އޮލީސޭ ދިން ބޯޅައަކުން ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ޒުވާން ތަރި، ލެނާޓް ކާލް ވަނީ ބަޔާންގެ ފުރަތަމަ ގޯލު ޖަހައިފަ އެވެ. އަދި، ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި އޮލީސޭ ވަނީ ލަނޑެއް ޖަހައި ބަޔާނަށް އެއްވަރުކޮށްދީފަ އެވެ. އޮލީސޭ ނެގި ކޯނަރަކުން މެޗުގެ 55 ވަނަ މިނިޓްގައި ބަޔާންގެ ޑަޔޫޓް އުޕަމެކާނޯ ޖެހި ގޯލުން އެ ޓީމުން ލީޑުނެގިއިރު، އޭގެ ފަސް މިނިޓް ފަހުން، ހެރީ ކޭން ވަނީ ބަޔާނަށް ހަތަރު ވަނަ ލަނޑެއް ޖަހައިދީފަ އެވެ.

މެޗުގެ 78 ވަނަ މިނިޓްގައި ނިކޮލަސް ޖެކްސަން ވަނީ ބަޔާންގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ އޮލީސޭ ދިން ބޯޅައަކުން ޖެކްސަން ޖެހި ގޯލެކެވެ. މެޗުގެ ފަހު ގޯލު ޖެހީ އޮލީސޭ އެވެ. މެޗުގެ ފުރިހަަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް އޮލީސޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

މި މެޗުގެ ކުރިން އެންމެ ފަހުން، އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ބަޔާން ކުޅުނު މެޗުގައި ޔޫނިއަން ބާލިންއާ އެއްވަރުވެ، ބަޔާނުން ސީޒަން ފަށައިގެން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާގެ ރެކޯޑަށް ވަނީ ނިމުން އަތުވެފަ އެވެ. މީގެ ކުރިން، ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި ސީޒަނެއް ފަށައިގެން ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑެއް އޮތީ 1992/1993 ވަނަ ސީޒަނުގެ އޭސީ މިލާން ޓީމުގެ އަތުގަ އެވެ. އެއީ، 13 މެޗުން މޮޅުވެގެންނެވެ. ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި ކުޅޭ ބަޔާނުން އެ ރެކޯޑް މުގުރާލައި، 16 މެޗުން މޮޅުވެ، އާ ރެކޯޑެއް ގާއިމްކޮށްފައިވަނިކޮށް، ޔޫނިއަން ބާލިން އިން މި އެ ރެކޯޑަށް ނިމުން ގެނެސްފަ އެވެ.

ފްރައިބާގް އަތުން ލިބުނު މޮޅާ އެކު، ބަޔާން އެއް ވަަނައިގައި އޮތީ 11 މެޗުން 31 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަޔާ ލެވަކޫސަނަށް ވަނީ 11 މެޗުން 23 ޕޮއިންޓާ އެކު އެވެ.