Advertisement

ރޭ ބޭއްވި މުޒާހަރާއަކީ ޓެރަރިޒަމްގެ ހަރަކާތެއް ގޮތަށް ސިފަކޮށް، ނުރައްކާތެރި އިންޒާރެއް ނައިބު ރައީސް ދެއްވައިފި

4 އޮކްޓޯބަރު 2025 - 20:19 5

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް: ރޭ އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާއަކީ ޓެރަރިޒަމްގެ ހަރަކާތެއް ގޮތަށް ސިފަކުރެއްވި -- ފޮޓޯ: ރައީސް އޮފީސް


ރޭ ބޭއްވި މުޒާހަރާއަކީ ޓެރަރިޒަމްގެ ހަރަކާތެއް ގޮތަށް ސިފަކޮށް، ނުރައްކާތެރި އިންޒާރެއް ނައިބު ރައީސް ދެއްވައިފި

4 އޮކްޓޯބަރު 2025 - 20:19 5

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާއަކީ ޓެރަރިޒަމް ހަރަކާތެއް ގޮތުގައި ގޮތުގައި ސިފަކުރައްވައި، ނުރައްކާތެރި އިންޒާރެއް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދެއްވައިފި އެވެ.

ހުސައިން މުހައްމަދު ލަތީފް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީން ބޭއްވި މުޒާހަރާއަކީ ރައްޔިތުންގެ ބާރާއި، ހިޔާފާޅުކުރުމުގެ ހައްގުގެ ނިވަލުގައި ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގި ޓެރަރިޒަމް ހަރަކާތެއް ކަމަށެވެ.

"އެ ހަރަކާތަކީ ރައްޔިތުންގެ ބާރާއި، ހިޔާފާޅުކުރުމުގެ ހައްގުގެ ނިވަލުގައި، ގާނޫނުއަސާސީއާއި ގާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ހަރާކާތެއްގެ ގޮތުގައި ސިފަކުރަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ގިނަ ރައްޔިތުނެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑާޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

އޭގެއިތުރުން ނައިބު ރައީސް ވިދާޅުވީ އެމްޑީޕީއިން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި އެ ޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެކި ރޭ ފެނުނު ކަމަށެވެ.

ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ޤައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަމަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވި އެވެ.

އެމްޑީޕީން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި އެތައް ހާސް ރައްޔިތުންނެއް ބައިވެރިވެ މި ސަރުކާރާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހޭކަން ވަނީ ހާމަކޮށްފަ އެވެ. އެ މުޒާހަރާ މަޖީދީ މަގުން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރުމުން ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ.

އެގޮތުން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ތަކުރާރުކޮށް ޕެޕާ ސްޕްރޭ ޖެހުމުގެ އިތުރުން ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" ބޭނުން ކުރި އެވެ. ފުލުހުން ވަނީ މުޒާހަރާގައި ބާރުގެ ބޭނުންކުރުން މިއަދު ދިފާއުކޮށްފަ އެވެ.

އެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް އަށް މީހަކު ގެންދިޔަ އެވެ. އޭގެ ތެރެއިން ދެ މީހަކު ދޫކޮށްލާފާއިވާއިރު، ހަ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހާފަ އެވެ.