Advertisement

މުޒާހަރާ ކުރަން ފުރުސަތު ނުދިނުން ސަރުކާރުން ދިފާއުކޮށްފި

4 އޮކްޓޯބަރު 2025 - 11:46 2

ފުލުހުން ރޭގެ މުޒާހަރާގައި ހަރަކާތްތެރިވަނީ: އެއްވެ އުޅުމުގެ މިނިވަަންކަން ފުޅާ ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މުޒާހަރާ ކުރަން ފުރުސަތު ނުދިނުން ސަރުކާރުން ދިފާއުކޮށްފި

4 އޮކްޓޯބަރު 2025 - 11:46 2

އިދިކޮޅު އެމްޑީޕީ އިން ސުލްހަވެރިކަމާއެކު ރޭ ކުރިއަށްގެންދިޔަ މުޒާހަރާ ކުރަން ފުރުސަތު ނުދިނުމަށްފަހު ސަރުކާރުން މިއަދު އެކަން ދިފާއުކޮށްފި އެވެ.

ހާރިޖީ ވުޒާރާއިން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޭ މުޒާހަރާ ކުރަން ފުރުސަތު ނުދިނީ ފުލުހުން ހުއްދަ ދީފައިނުވާ މަގަކުން އެމްޑީޕީ އިން މުޒާހަރާ ކުރަން އުޅުމުން ކަމަށެވެ.

"ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު ހިމެނޭ ގޮތަށް ޑިމޮކްރެޓިކް ހައްގުތައް ނެގެހެއްޓުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރާނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރޭގެ މުޒާހަރާގައި ފުލުހުން ވަނީ ލެސް ލީތަލް ހަތިޔާރު ބޭނުން ކުރުމަށްފަހު އަށް މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބޭނުން ކުރި އެއް ހަތިޔާރަކީ ބާރުގަދަ އަޑެވެ. އެގޮތަށް "ސޮނިކް ވެޕަން" ބޭނުން ކޮށްފައިވާއިރު އެފަދަ ހަތިޔާރު ބޭނުން ކުރަން ގަވާއިދެއް ހެދިފައިވާ ކަމެއް ނޭނގެ އެވެ. ލެސް ލީތަލް ކޮންމެ ހަތިޔާރެއް ވެސް ބޭނުން ކުރެވޭނީ އެކަމަށް ހަދާ އުސޫލެއްގެ ދަށުންނެވެ.

ލެސް ލީތަލް ހަތިޔާރު ބޭނުން ކުރުމުގެ ކުރިން "ހަތިޔާރު ބޭނުން ކުރަނީ" ކަމަށް ފުލުހުން އަންގަންޖެހެ އެވެ. އެކަމަކު، ރޭ މުޒާހަރާ ކަވަރު ކުރަން ގޮސް ތިބި މި ނޫހުގެ ނޫސްވެރިން ބުނީ ބާރުގަދަ އަޑު ބޭނުން ކުރުމުގެ ކުރިން ފުލުހުން އެއްވެސް އިންޒާރެއް ދީފައިނުވާ ކަމަށެވެ.

ސަރުކާރުން އެހެން ބުނި ނަމަވެސް ކުރިން އެންގުމަކައި ނުލައި އެއްވެ އުޅުމަކީ ގާނޫނުއަސާސީ އިން ލިބިދޭ ހައްގެކެވެ. އެ ހައްގު ހަނި ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފާސް ކުރި ގާނޫނަކުންނެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މިންވަރަށް އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި އެއީ އެމަނިކުފާނުގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެކެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއްވެ އުޅުމަކީ އަސާސީ ހައްގެއް. އެއްވެ ހިޔާލުފާޅުކުރެވެން ޖެހޭނެ. އެކަމަކީ އަސާސީ ގޮތުން އޮންނަންޖެހޭ ކަމެއް. އެހެންވީމާ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރޭގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެންމެ ފުޅާމިނެއްގައި އަދި އިސްލާމީ ޝަރީއަތުގައި ތަންދޭ އެންމެ ފުޅާމިނަކަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލެއްވިއްޔާ ގެނެސްގެން ވިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެއްވެ އުޅުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި ލިބިގެންދާނެ،" އޯގަސްޓް 15، 2023، ގައި ރައީސް ވިދާޅުވި އެވެ.