2 އޮކްޓޯބަރު 2025 - 22:52 1
ލީވާން އަލީ ނާސިރު
ރައީސް މުއިއްޒު އަދި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
2 އޮކްޓޯބަރު 2025 - 22:52 1
އަމިއްލަ ކުންފުނިތަކުގެ ބިލުތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފުތާ ތެރޭގައި ދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވިޔަސް، އެ ފައިސާ ނުދެވޭނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
އަދަދު އާ ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ސަރުކާރުން ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާތައް ބިލިއަނުން ހުރިއިރު، އެ ފައިސާ ދިނުމުގެ ގާބިލުކަން މި ސަރުކާރުގައި ނެތް ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ އެނގޭ މިހާރުވެސް ސަރުކާރުގެ އެ ގާބިލުކަމެއް ނެތްކަން. އެހެންވީމަ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ރައީސް މުއިއްޒު އެގޮތަށް ފާހަގަކުރިއަސް، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބިލިއަނުން ފައިސާ ކޮންޓްރެކްޓަރުންނަށް ދެވޭނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.
ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާތައް ދޭނެ ކަމަށް ދެ ތާރީހެއް މީގެ ކުރިން ދިން ނަމަވެސް، އެ ތާރީހުތައް ފަހަނައަޅައި ދިޔައިރު ކޮންޓްރެކްޓަރުންނަށް ފައިސާ ނުދެވޭކަން އަމީރު ފާހަގަކުރެއްވި އެވެ.
އަމީރު ވިދާޅުވީ މިއަދު ފެންނަަނީ ރާއްޖޭގެ އިގްތީސާދީ ހާލަތާއި މާލީ ކަންކަން މެނޭޖު ނުކުރެވިގެން އުޅޭތަން ކަމަށާއި ސަރުކާރަށް ލިބޭނެ ކަމަށް އަންދާޒާކުރި ފައިސާ ވެސް ނުލިބޭ ކަމަށެވެ.
"އާ ސިޔާސަތުތަކުގެ ތެރެއިން ލިބޭނެ ކަމަށް އަންދާޒާކުރި ފައިސާ ނުލިބޭ. ބޭރުން ހޯދާނެ ކަމަށް ބަޖެޓުގައި ހިމަނާފައި އޮތް ގާތްގަނޑަކަށް 430 މިލިއަން ޑޮލަރުގެ އެންމެ ޑޮލަރެއް ވެސް ބޭރުން ފައިސާއެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
އަމީރު އަންދާޒާ ކުރައްވާ ގޮތުގައި ކޮންޓްރެކްޓަރުންނަށް ފިނޭންސް މިނިސްޓްރީން ހަމައެކަނި ދައްކަން ޖެހޭ ފައިސާ މަދުވެގެން އަށް ބިލިއަނަށް އަރާނެ އެވެ.
އޭގެއިތުރުން ސަރުކާރުގެ ކުންފުނިތަކުން ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާ ހަލާސްކުރާނެ ކަމަށް ބުނާއިރު، އެ ކުންފުނިތަކުގެ ކޭޝްފްލޯ މިހާރު ހުރިގޮތުން ބަޖެޓް ސަޕޯޓަކާއި ނުލައި ފައިސާ ނުދެވޭނެ ކަމަށް އަމީރު ވިދާޅުވި އެވެ.
އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އިން މާދަމާ ބާއްވާ ބޮޑު މުޒާހަރާއަށް ކުޑަތަންވުމުން މުއިއްޒު އަންނަނީ ގިނަ ވައުދުތަކެއް ވަމުންނެވެ.
މިދިޔަ ރޯދަ މަހުގެ ކުރިން ވިޔަފާރިވެރިންނަށް ފައިސާ ދޫކޮށް ނިންމުމަށް ވެސް މުއިއްޒު ޖެނުއަރީ، 2025، ގައި ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް އެ ވައުދު ފުއްދަވާފައެއް ނުވެ އެވެ. އަދި ނޮވެމްބަރު، 2024، ގެ ކުރިން ފައިސާ ދޫކުރަން ވެސް މުއިއްޒު ކުރިން ވައުދުވެވަޑައިގެންފައިވެ އެވެ.
"ލޫޓުވައިފި، ލޫޓުވައިފި" ނަމުގައި އެމްޑީޕީ އިން މާދަމާ ބާއްވާ މުޒާހަރާގައި އަދާލަތު ޕާޓީ އިން ބައިވެރިވުމަށް މިހާރު ވަނީ ނިންމައިފަ އެވެ. އެ އެއްވުން އޮންނާނީ މާދަމާ ރޭ 8:30 ގައި އާޓިފިޝަލް ބީޗުގަ އެވެ.
Comment